އަންނަ އަހަރުގެ ޖެނުއަރީ އެކެއްގައި ޗައިނާއާއެކު ހެދި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ތަންފީޒުކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުން މިހާރު މިވަނީ އެފްޓީއޭ އިމްޕްލިމެންޓް ކުރުމަށްޓަކައި ދުވަސްތަކެއް ކަނޑައެޅިފައި ކަމަށާއި އެ އެއްބަސްވުމާއެކު ރާއްޖެއިން މުދާ އެކްސްޕޯޓުކުރާ ފަރާތްތަކާއި އިމްޕޯޓުކުރާ ފަރާތްތަކަށް ވެސް ބޮޑު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

"އެއްބަސްވުން އައިސްގެން އެ ބޭފުޅުން މި މުދާ އެކްސްޕޯޓުކޮށްގެން، މިސާލަކަށް އެ އުފައްދާ ހޭންޑްބޭގްސް އެކްސްޕޯޓުކުރުމުގައި ޑިއުޓީ ދައްކާކަށް ނުޖެހޭނެ. ދެން އެއާއެކު ޑިއުޓީ ނުދައްކާ ހުރި ނޮން ޓެރިފް ބެރިއާސް މިކިޔާ ބައެއް ކަހަލަ ކަސްޓަމްސް އަދި އެނޫނަސް އެތެރެ ކުރާ އިރު ހުންނަ ޕްރޮސީޖަރަލް މަސައްކަތްތައް، ވަރަށް ބޮޑުތަނުން ލުއިވެގެންދާނެ. ރާއްޖޭގެ ޕްރޮޑަކްޓެއް ކަމަށް ޑިކްލެއާ ކޮށްފިއްޔާ ޑިއުޓީ ދައްކާކަށް ނުޖެހޭނެ. އޭގައި ވެސް ހުރޭ ކްލެސިފިކޭޝަންތަކެއް ދީފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ހޯލްސޭލް މުދާ އެތެރެކުރާ ފަރާތްތަކަށް އެކެއް ޖެނުއަރީން ފެށިގެން ޗައިނާ އިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 95 ޕަސަންޓަށް ޑިއުޓީ ދައްކާކަށް ނުޖެހޭނެ ކަމަށާއި އެހެންކަމުން މިހާރު ދައްކާ ޑިއުޓީ ސުން ޕަސަންޓަށް ތިރިވެގެންދާނެ ކަމަށެވެ.

"މި ދެ އެރޭންޖްމަންޓާއެކު އަޅުގަނޑުމެންގެ ފައިސާ އިން ފައިސާ ދެއްކުމާއި އަދި ޑިއުޓީ ސުން ޕަސަންޓަށް، ޗައިނާއިން އިމްޕޯޓުކުރާ އައިޓަމްސް 91 ޕަސަންޓް ގާތްގަނޑަކަށް ޓެރިފް ލައިން ސުމަކަށް މިދަނީ. އެހެންވީމާ ޗައިނާއިން ގެންނަ މުދަލުގެ އަގު ވަރަށް ބޮޑުތަނުން ހެޔޮވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ޑައިރެކްޓް އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާ އިން ހިންގުމަށް މަގުފަހިކުރުމަށް ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު މިދިޔަ ހުކުރު ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޗައިނާއާއެކު ރުފިޔާ އިން މުއާމަލާތް ކުރެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖެއްސި އިރު، ރާއްޖެއިން އެންމެ ގިނައިން ވިޔަފާރީގެ މުއާމަލާތްތައް ކުރާ އިންޑިއާއެކުވެސް އެފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.