ސިޔާސީ ވާދަވެރިންނަށް އަނިޔާވެރިނުވެ އަދި ހުދުމުހުތާރުކަން އިސްނުކުރައްވައި ވެރިކަން ކުރެއްވޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

މިއަދު ފާހަގަކުރާ ޑިމޮކްރަސީގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ޕީއެންސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި ޒާތީ ރުޅިވެރިކަމާއި ނަފުރަތާއި ހަސަދަވެރިކަމުގެ ނުބައިކަން ނިމުމަކަށް ގެނެސް ރައީސް ގެންދަވަނީ ސިޔާސީ ކަންކަމުގައި ދިވެހިންނަށް ރިވެތި ނަމޫނާ ދައްކަވަމުން ކަމަށެވެ.

އަދި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ސިޔާސީ ވާދަވެރިންގެ އަނބުރަށް އަރައިގަތުމާއި ރުޅިވެރިކަމާއި ނަފުރަތު ފެތުރުމުގެ އިތުރުން ދައުލަތުގެ މުއައްސަސާތަށް ބޭނުންކޮށްގެން ވާދަވެރި ސިޔާސީ ލީޑަރު ކަސްތޮޅު އެޅުވުމުގެ ސަގާފަތް ރައީސް ނިމުމަކަށް ގެންނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"(ރައީސް) ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިކޮށްދެއްވިއެވެ. އަނިޔާވެރިކަމާއި ހުދުމުހުތާރުކަން އިސްނުކުރައްވައި ވާދަވެރި މާހައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން އެ މަނިކުފާނު ގެންދަވަނީ ކޮންމެ ދުވަހަކުމެ ސާބިތުކޮށްދެއްވަމުން" ޕީއެންސީން ބުންޏެވެ.