ފުވައްމުލަކު ސީޓީގައި ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް ބާލަން އުޅުމުގެ ތެރޭގައި ވެއްޓި ތަޅައިގެން ގޮސް ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ "ވަން" އަށް މިއަދު ވިދާޅުވީ ބޯޓަކުން މުދާ ސަޕްލައި ކުރާ ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް ކައްސާލައި އޭގެ ދަށުވެ ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެ ހަދިސާ ހިނގީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށާއި ކައުންސިލަށް އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 9:30 ހާއިރު ކަމަށް ފިކުރީ ވިދާޅުވިއެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު 9:32 ހާއިރު ފުވައްމުލަކު ސިޓީގައި އޮތް ދޯންޏަކުން ބާލަން އުޅުނު ބިއްލޫރި ޝީޓުތަކެއް އުފުލަން އުޅުނު ދެ ބިދޭސީން އަދި ދެ ދިވެހީންނަށް އަނިޔާވި މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
"ބޭރު ދެ މީހުންނަށް އެންމެ ބޮޑު އަނިޔާއެއް ލިބުނީ. ބަންގްލަދޭޝް މީހަކާއި އިންޑިއާ މީހެއް. އޭގެތެރެއިން އިންޑިޔާ މީހާ ދަށުވެފައި އޮތީ. އެތަނުން އެކަކު އުނަގަނޑުގެ ތިން ދިމާލަކުން ބިންދައިގެން ގޮސްފައި ހުރި ކަމަށް އަދި ފައިގެ ދެތިން ތަނަކުން ބިންދައިގެން ގޮސްފައި ހުރި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވަނީ. ދެން އަނިޔާ ލިބުނީ ލ. ގަމު މީހެއް. އެއީ ސަޕްލައި ދޯނީގެ ފަޅުވެރިއެއް. ދެން ހުރީ މިސިޓީގެ (ފުވައްމުލަކު) މީހެއް. ދިވެހި ދެ މީހުންނަށް ސަސްޓެއިން އިންޖަރީޒްތަކެއް ލިބިފައި ހުރީ . އަތުންނާއި ފައިން ތަންތަންގަނޑު ކަފަކަފައި ގެންގޮސްފައި އެބަހުރި. ކަށްޓަކަށް ޑެމޭޖެއް ލިބިފައި ހުރި ކަމެއް ނޭނގެ،" ފިކުރީ ވިދާޅުވިއެވެ.
ފިކުރީ އިތުރަށް ވިދާޅުވީ އެ ދޯންޏަކީ މާލެއިން މުދާ ބަރުކޮށްގެން ފުވައްމުލަކަށް އައި ސަޕްލައި ދޯންޏެއް ކަމަށެވެ. އަދި މިއަދު އަނިޔާ ލިބުން ބޭރު ދެ މީހުންނަކީ ވެސް އެރަށުގައި މަސައްކަތް ކުރާ ދެ މީހުން ކަމަށެވެ.
އެ މައްސަލައިގައި އަނިޔާވި ހަތަރު މީހުންނަށް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު