އުތުރުގައި ބަންކަރިން ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބަންކަރިން ހިދުމަތް އެންމެ ފުރަތަމަ ފަށާނެ ކަމަށް ސަރުކާރުން ބުނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއަށްފަހު ޖުލައި މަހަށް ފަސްކުރުމަށްފަހު ދެން ފަށަން މަސައްކަތްކުރީ އޮގަސްޓު 22 އަށެވެ. އެ މަސައްކަތް ނުފެށުމުން އެންމެ ފަހުން ސަރުކާރުން އެ މަސައްކަތް ކުރީ އިއްޔެއެވެ. ނަމަވެސް އެންމެ ފުރަތަމަ ބޯޓަށް ތެޔޮ އަޅާ ދުވަހު އެ ހިދުމަތް އިފުތިތާހު ކުރަން ވެގެން އެ ހިދުމަތް މިހާރު ފަށަން ނިންމާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
އެމްޑީ، ވަޖީހު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންކުރާ ދެ ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓް ބޯޓު އިހަވަންދިއްޕޮޅަށް ގެންގޮސް ނިމިފައިވާ ކަމަށެވެ. އެފަދަ އިންޓަނޭޝަނަލް ހިދުމަތެއް ދިނުމުގައި ހުންނަން ޖެހޭ ޝަރުތު، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓުވެސް ގާއިމުކޮށް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
"ޝުކުރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު. މަނިކުފާނުގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅު ތިޔަ ފަށްޓަވައި ދެއްވަވަނީ، މި ގައުމުގެ އިގުތިސޯދަށް ބޮޑު، އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ހިދުމަތެކެވެ. މިއީ މި ގައުމުގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތް ކަމެކެވެ. މަނިކުފާނުގެ ދުރު ވިސްނުންފުޅަށާއި ހިކުމަތްތެރިކަމަށް އަޅުގަނޑުމެން ޝުކުރު ދަންނަވަނެވެ." ވަޖީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަންކަރިން ހިދުމަތާއެކު އިންޓަނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތެއް އިހަވަންދިއްޕޮޅުން ފޯރުކޮށްދޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނިތަކަށާއި އަމިއްލަ ކުންފުނިތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މި ޕޮރޮޖެކުޓުގެ ދެވަނަ ފޭހެއްގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި އޮއިލް ޓޭންކުތައް މި ސަރަހައްދުގައި ގާއިމުކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެއެވެ." ވަޖީހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު