ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހައިކޯޓުން އަންގައިފިއެވެ.
މި މައްސަލައަކީ، ގދ. ތިނަދޫ ޓުވައިލައިޓް ޝައްމޫން އާދަމް އާއި މ. ސިނައެކަތަ ފާތިމަތު މުމްތާޒާ އާއި ނ. ވެލިދޫ މަނާމް ނިއުމާ މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
އެ ތިން މީހުން ސިވިލްކޯޓުގައި ދައުވާކުރީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ގަބޫލު ކުރާނެ ކަމަށް ބުނެ، އެތަނުގެ ލިއުން ލިބިގެން، ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުން ގެންދާ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ޕީއެޗްޑީ ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން، އެ ސަނަދު ގަބޫލު ނުކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީން ނިންމުމުންނެވެ.
ކޮލިފިކޭޝަން އޮތޯރިޓިން ބުނެފައިވަނީ، އެގޮތަށް ނިންމީ 28 މާޗް 2021 ގައި އަމަލުކުރަން ފެށި، "ރާއްޖެއިން ބޭރުގައި މަތީ ތައުލީމުދޭ މަރުކަޒު ތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު" އަށް ހަވާލާދީ ކަމަށެވެ.
އެއީ ސްރީލަންކާގެ އެއިމްސް ކޮލެޖްގައި ކިޔަވައިދޭ ފިލިޕީންސްގެ އޯލްޑާސްގޭޓް ކޮލެޖްގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރަން ނުފެންނަ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން 2021 ގައި ނިންމުމާ ގުޅިގެންނެވެ.
މި މައްސަލައިގައި އެ ތިން މީހުން ސިވިލް ކޯޓުގައި ބުނެފައިވަނީ އެއީ ކޮލިފިކޭޝަން އޮތީރިޓީން ގަބޫލުކުރާ ޕްރޮގްރާމެއްކަމުގެ ލިއުން ލިބި، ކޯސް ފަށައި، ކޯހުގެ މެދު ތެރެއިން، އެ ޕްރޮގްރާމްގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެ، އެކަންތައް ބަލަމުންދާ ކަމަށާއި ނަމަވެސް އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ދަރިވަރުންގެ ސަނަދު ގަބޫލުކުރާނެ ކަމަށް ލިއުމުން ދިން ޔަގީންކަމުގެ މައްޗަށް އޮތް އިތުބާރު ބޮޑުކަމުން، އެހެން ޕްރޮގްރާމަކަށް ނުގޮސް ޕްރޮގްރާމް ފުރިހަމަކޮށް ނިންމިތާ އެއް އަހަރު ފަހުން ޕްރޮގްރާމް ގަބޫލު ނުކުރާނެކަ މަށް އެންގުމަކީ އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
އެކަމުގެ ސަބަބުން ގާނޫނު އަސާސީގައި ބަޔާންކުރާ ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގާއި އެ ނިސްބަތުން އުޖޫރަ ލިބުމުގެ ހައްގަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ އިހުމާލެއް ބާރެއް، ނެތް ކަމެއްގައި ބޭއިންސާފުން ސައްހަ ނޫން ގޮތެއްގައި އޮތީރިޓީން ނިންމި ނިންމުން ވެފައިވަނީ އެފަރާތްތަކަށް ދެވުނު ބޮޑު އަދަބަކަށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެ ފަރާތްތަކުގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް އޮތޯރިޓީގެ މައްޗަށް އަމުރުކޮށްދިނުމަށް އަދި އެގޮތަށް އަމުރުކޮށްދެވޭނެ ތަނެއް ނެތްނަމަ، އޮތޯރިޓީގެ އިދާރީ ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޝައްމޫން އާދަމް އަށް 23.6 މިލިޔަން ރުފިޔާ، ނިއުމާ މުހައްމަދާއި ފާތިމަތު މުމްތާޒާ ކުރެ ކޮންމެ މީހަކަށް 16 މިލިޔަން ރުފިޔާ ނަގައިދިނުމަށް ސިވިލްކޯޓުގައި އެދުނެވެ.
ނަމަވެސް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވަނީ، އެ މީހުންގެ ސަނަދުތައް ޑޮކްޓޯރިއަލް ޑިގްރީއަށް އެކްރެޑިޓް ކުރަން ކޮލިފިކޭޝަން އޮތޯރިޓީއަށް އަމުރުކުރަން ނުޖެހޭ ކަމަށެވެ. އަދި އެ ފަރާތްތަކުން ކިޔެވި ޕްރޮގްރާމްގައި މައްސަލަތަކެއް ހުރިކަން އޮތޯރިޓީން އަންގާފައިވާ ހިސާބަށް އެފަރާތްތަކުން ކޮށްފައިވާ ހަރަދުތަކާއި އެފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކަށް އޮތޯރިޓީން ޒިންމާވާން ޖެހޭނެ ކަަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި ނަގައި ދިނުމަށް އެ ފަރާތްތަކުން އެދިފައިވާ އަދަދުތަކަކީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށާއި އެ މިންވަރަށް އެފަރާތްތަކަށް ގެއްލުން ވެފައިވާކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ސިވިލްކޯޓުގެ އެ ނިންމުން އެ ފަރާތްތަކުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
މި މައްސަލައިގައި ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ސިވިލްކޯޓުގެ ނިންމުން ބާތިލްކޮށްފައެވެ. އަދި ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ޝައްމޫން އަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (މެނޭޖްމަންޓް) ސަނަދާއި ނިއުމާ އާއި ފާތިމަތު މުމްތާޒާ އަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (އެޑިއުކޭޝަން) ސަނަދު ގަބޫލު ކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީއަށް އަންގާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު