މަގާމުން ސަސްޕެންޑް ކޮށްފައި ހުންނަވާތާ އަށް މަސް ފަހުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު މިއަދު ވަން އަށް ވިދާޅުވީ، އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް ސަބަބެއް ވިދާޅެއް ނުވެއެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން މަލްޝާ އާއި ޝިއުނާ ސަސްޕެންޑު ކޮށްފައިވަނީ ރާއްޖެ އާއި އިންޑިއާގެ ސިޔާސީ މަސްރަހު ގޯސްވާ ގޮތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑު ވިދާޅުވެ މަލާމާތްކޮށް ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދެއްކެވި މައްސަލާއަކާ ގުޅިގެންނެވެ.

މަލްޝާ އާއި ޝިއުނާގެ އިތުރުން ޔޫތު މިނިސްޓްރީގެ އިތުރު ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ މަހްޒޫމް މާޖިދު ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑްކުރީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. ނަމަވެސް އޭނާ އަދި އިސްތިއުފާ ދެއްވާފައެއްނުވެއެވެ. މި ތިން ބޭފުޅުން ސަސްޕެންޝަނުގައި ތިއްބެވީ މުސާރަ ހިނގާ ގޮތަށެވެ.