ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށް ކަނޑައަޅައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްލޭނިން އަދި އިމާރާތް ކުރުމުގެ އުސޫލު އާންމުކޮށްފިއެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ހުޅުމާލެ އިން ވިއްކާފައި ހުރި ގޯތިތައް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރަށެވެ. އަދި އެންމެ އުސްވެގެން އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށްވެސް ބުނެފައިވެއެވެ.
އުސުއޫލުގައި ބުނާ ގޮތުން 16.5 މީޓަރަށްވުރެ އިމާރާތް އުސްވާ ނަމަ ލިފްޓް ހަރުކުރަން ޖެހޭނެއެވެ. އަދި ހަ ވަނަ ފްލޯގެ މައްޗަށް ޓެރަހެއް ލި ނަމަވެސް 18.5 މީޓަރަށްވުރެ އިމާރާތް އުސް ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިތައް ދޫކުރުމަށްފަހު ކުރީ ސަރުކާރުން ފުރަތަމަ އާންމު ކުރި އުސޫލުގައިވެސް އޮތީ ހަ ބުރިއަށް ނެގޭ ގޮތަށެވެ. ނަމަވެސް އޭގެ ފަހުން އެޗްޑީސީ ބޯޑުން ނިންމާފައިވަނީ އެ ބިންތައް 10 ބުރިއަށް ނެގޭ ގޮތަށް އެ އުސޫލު އިސްލާހުކުރުމަށެވެ.
މިހާރު އާންމު ކޮށްފައިވާ އުސޫލު ބުނާ ގޮތުން ފޭސް ދޭކުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން، އިމާރާތް ނުކޮށް އޮންނަ ހުސްބިމެއްގައި ކާރެއް ރަޖިސްޓްރީ ކުރުމަށް އެދޭ ނަމަ ހުއްދަދެވޭނީ އެންމެ ކާރަކަށެވެ.
އެގޮތަށް ހުސް ބިމުގައި ކާރު ބޭއްވުމަށް ރަޖިސްޓްރީ ކުރެވޭނީވެސް ހަމައެކަނި ގޯތީގެ ވެރިފަރާތް ނުވަތަ ވެރިފަރާތާ އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތެއްގެ ކާރު ކަމަށާއި ހުސް ބިމުގައި ކާރު ބާއްވަން ރެޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތަކީ ވެރިފަރާތް ނޫންނަމަ، ވެރިފަރާތާ އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތެއްކަން ސާބިތު ކޮށްދެވޭނެ ލިޔެކިޔުން ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގޯތީގައި އިމާރާތް ކުރުމަށް އެދި ކުރެހުން ފާސްކުރަން ހުށަހަޅާއިރު، އެގޮތަށް ރަޖިސްޓްރީ ކުރަން ހުއްދަ ނެގި ކާރު ފާސްކުރަން ހުށަހަޅައި ކުރެހުމުގައި ހިމަނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ އުސޫލުގައި ބުނެފައިވަނީ ފޭސް ދޭކުން ދޫކޮށްފައިވާ ގޯތިތަކުގައި ހަދާ އިމާރާތުގައި ގޯތީގެ އިމުގެ ތެރެއިން ކާރު ޕާކުކުރުމަށް 11.04 އަކަމީޓަރުގެ ޖާގައެއް ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު