ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ވިއްކަމުންދިޔަ 571 ޓެލެގްރާމް ޗެނަލެއް ބަންދުކޮށް ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ޓެލެގްރާމުގައި ގިނަ އަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އދ. މަހިބަދޫ/ ބަހާރުގެ، ޒުބައިރު އަލީ (45އ) އާއި ކ. މާލެ/ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ/ސިލިންކޯ، އިސްމާއީލް ރަބީހް (29އ)އެވެ. ޒުބައިރާއި ނާސިފް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ. ރަބީހު ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ.
އެގޮތުން ނާސިފާއި ރަބީހަށް މި މަހުގެ ފަސްވަނަ ދުވަހު 15 ދުވަހުގެ ބަންދު މުއްދަތެއް ވަނީ ޖަހައިފައެވެ. އަދި ޒުބައިރަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.
ފުލުހުން ބުނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯ އާއި 86،618 ވީޑިއޯ ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ތަހުގީގުން ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް އެނގިފައިވާ ކަމަށެވެ. އަދި އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަމަށާއި އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކުރި ކަމަށާއި އަދި އެ ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް ނުވަ އެކައުންޓު ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު