ރާއްޖެއިން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ޑީފޯލްޓްވުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބްލޫމްބާގް ނޫހުން ރިޕޯޓުކޮށްފިއެވެ.

މަޝްހޫރު ވިޔަފާރި ނޫސް، ބްލޫމްބާގުން މިއަދު ރިޕޯޓުކުރި ގޮތުގައި ނިމުނު އޮގަސްޓު މަހު ރާއްޖޭގެ ސްކޫކު ޓްރޭޑް ކުރަމުން ގޮސްފައިވަނީ 80 ސެންޓު ރޭޓު ގައެވެ. ނަމަވެސް މިވަގުތު ރާއްޖޭގެ ސްކޫކު ޓްރޭޑް ކުރަމުންދަނީ 66 ސެންޓު ގައެވެ. ބްލޫމްބާގުން ރިޕޯޓުކުރި ގޮތުގައި މި ވަގުތު އެންމެ ދަށްކޮށް ޓްރޭޑު ކުރަމުންދާ ސުކޫކަކީ ރާއްޖޭގެ ސުކޫކެވެ.

ރާއްޖޭގެ ސުކޫކަށް އިންވެސްޓު ކުރި ފަރާތްތަކުން ސުކޫކް ވިއްކަން ފަށައިފައިވަނީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރުމުގެ ސަބަބުން ކަމަށް ބްލޫމްބާގުން ރިޕޯޓުކުރިއެވެ. ސުކޫކެއް ޑީފޯލްޓުވާ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުގެ ބިރުބޮޑުވެފައިވާ ކަމަށް ބްލޫމްބާގުން ބުންޏެވެ.

ބްލޫމްބާގުން ވަނީ ރާއްޖޭގެ ސްކޫކު ގަތް އިންވެސްޓަރެއްގެ އިންޓަވިއު ވެސް ގެނެސްދީފައެވެ. އިންޓަވިއުގައި އެ އިންވެސްޓަރުން ބުނީ ފިޗުން ރާއްޖޭގެ ރޭޓިން ދަށް ކުރުމުން ސާފު ވަނީ ރާއްޖޭގެ ފޮރިން ރިޒާވްގައި ތާށި ކަމެއް ހުރިކަން ކަމަށެވެ. އަދި ވަރަށް ފަހުން ބީއެމްއެލުން ވަނީ އެ ބޭންކުގެ ޑެބިޓް ކާޑުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭ ގޮތް ހަދައިފައި ކަމަށެވެ. އެކަމުން އެނގެނީ ރާއްޖޭއަށް ޑޮލަރުގެ ތާށި ކަމެއް އައިސްގެން އުޅޭކަން ކަމަށް އެ އިންވެސްޓަރުން ބުންޏެވެ.

ފިޗުން ވަނީ މިދިޔަ ހަފުތާގައި ރާއްޖެ ރޭޓިން "ސީސީސީ ޕްލްސް" އިން "ސީސީ" އަށް ދަށްކޮށްފައެވެ.

މިއީ މި އަހަރުގެ ތެރޭގައި ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ. މިދިޔަ ޖޫން މަހު ފިޗް އިން ވަނީ ރާއްޖެއަށް ދީފައިވާ "ބީ މައިނަސް" ގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފައެވެ.

ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިޗުން މިދިޔަ މަހުގެ 29 ގައި އާންމުކުރި ލިޔުމުގައި ބުނެފައިވަނީ ރާއްޖޭގެ ފޮރިން ރިޒާވް މިފަހުން ދަށްވެ، ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އެގޮތުން މިދިޔަ މެއި މަހު 494 މިލިއަން ޑޮލަރުގައި ހުރި ބޭރު ފައިސާގެ ރިޒާވް، ޖުލައި މަހާ ހަމައަށް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާ އިރު، އެއީ ގާތްގަނޑަކަށް 20 ޕަސެންޓުގެ ދަށްވުމެއް ކަމަށް ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު އެންމެ ދަށްވި ފަހަރު ކަމަށްވެސް ބުނެފައިވެ އެވެ.

ފިޗުން ބުނެފައިވަނީ މި އަހަރުގެ ފަހު ކުއާޓަރުގައި އަދާކުރަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޭރު ދަރަންޏެއް އެބަ އޮތް ކަމަށާއި އޭގެ އިތުރުން 64 މިލިއަން ޑޮލަރުގެ ޕަބްލިކް ގެރެންޓީ އެއްވެސް އެބަ އޮތް ކަމަށެވެ.

އެ ދަރަނި އަދާކުރުމަށް ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ ނުހިމަނައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) ގައި ހުރި 65 މިލިއަން ޑޮލަރު ބޭނުން ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

ފިޗުން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު ނިމޭއިރު 557 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު، 2026 ވަނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އަދި 500 މިލިއަން ޑޮލަރުގެ ސުކޫކު ވެސް ހިމެނޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އެ އެޖެންސީން ބުނެފައިވަނީ ޓޫރިޒަމާ ގުޅުން ހުރި ދާއިރާތަކުން ބޭރު ފައިސާ ހޯދުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމާފައި އޮތް ނަމަވެސް 2026 ނިމޭއިރު ދައްކަންޖެހޭ ލޯނު ދެއްކުމަށް 200 މިލިއަން ޑޮލަރު ހޯދުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ފިޗުން ވަނީ ސަރުކާރުގެ މަޝްރޫއުތަކަށް ކުރާ ހޭދަ މަތިވުމާއި ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމުން ކުރު މުއްދަތާއި މެދު ރާސްތާއާ ދެމެދު ރާއްޖޭގެ ކަރަންޓު އެކައުންޓް ޑެފިސިޓު ވަރަށް ބޮޑުވާނެކަން ފާހަގަކޮށް ބޭރު ފައިސާ ލިބުމުގައި އޮތް ދަތިކަން އިތުރުވުމަކީ ވެސް އޮތް ގޮންޖެހުމެއް ކަމަށް ބުނެފައެވެ.

ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ވަނީ ފާހަގަކޮށްފ އެވެ.

އެގޮތުން ދޭދޭ ގައުމުތަކާ އެކު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްސް ހެދުމަކީ ވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި އޭގެ އިތުރުން ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލައި ފުރިހަމައަށް ތަންފީޒު ކުރެވިއްޖެ ނަމަ، މެދު ރާސްތާގައި ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ބުނެފައިވެއެވެ.