ކޮންގޯގެ ޖަލަކުން ފިލަން މަސައްކަތް ކުރި 120 މީހަކު މަރާލައިފިއެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހުންނަ އެންމެ ބޮޑު ޖަލު ފަޅާލުމަށްފަހު ޖަލުން ފިލުމަށް މަސައްކަތް ކުރި މީހުން ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސިފައިން ވަނީ ބަޑިޖަހާފައެވެ.

ކޮންގޯގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވާގޮތުގައި، ޖަލު ފަޅާލުމަށްފަހު ފިލަން މަސައްކަތް ކުރި މީހުން ވަނީ އެ ޖަލަށް ބޮޑެތި ގެެއްލުންތަކެއް ދީފައެވެ. ބައެއް ސަރަހައްދުތަކުގައި ރޯކޮށްލާފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އަލިފާން ރޯކޮށްލުމުގެ ސަބަބުން ޖަލުގެ އޮފީހާއި ކާއެއްޗެހި ތައްޔާރުކުރާ ސަރަހައްދުވެސް އެއްކޮށް އަނދާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ކޮންގޯގެ ޖަލުތައް ފަޅާލައި ގައިދީން ފިލުމަކީ އެ ގައުމުގައި އާންމު ކަމެކެވެ.