ރަސްމީ ޑޮލަރު ރިޒާވުގެ ހާލަތު ރަނގަޅުކުރަން ގްރީން ބޮންޑެއް ވިއްކައި، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކީ 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ގާއިމުކުރުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.

ފިޗުން ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށްކުރުމާ ގުޅިގެން އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސޯދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކަށް ރިއާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގުތިސޯދީ ސިނާއަތްތައް ކުރިއަރަމުންދާތީ ރާއްޖޭގެ އިގުތިސޯދު ދާނީ ކުރިއަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ، މި މަހުގެ 27 ގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅައި ބަލާއިރު، 11 ޕަސަންޓު އިތުރުވެފައި ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ބެޑް ނައިޓްސް ވެސް މިދިޔަ އަހަރާ އަޅައި ބަލާއިރު، ހަތް ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ.

"މިފަދަ ސަބަބުތަކާ އެކު މިއަހަރުގެ ގައުމީ އުފެއްދުންތެރިކަން 4.9 ޕަސަންޓުން ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 6.5 ޕަސަންޓުގައެވެ،" އެމްއެމްއޭގެ ބަޔާނުގައި ބުންޏެވެ.

އެމްއެމްއޭއިން ބުނީ މިދިޔަ ނޮވެންބަރު މަސް ނިމުނު އިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގައި ހުރީ ފަސް މިލިއަން ޑޮލަރު ކަމަށާއި އެ އަދަދު މިހާރު ވަނީ 65 މިލިއަން ޑޮލަރަށް އިތުރުވެފައި ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ސޮވަރިން ޑިވެލޮޕްމަންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިއުމުން ކަމަށްވެސް ބުންޏެވެ.

"އަދި ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން، ޖުލައި 2024ގެ ނިޔަލަށް ޖުމުލަ 105 މިލިއަން ޑޮލަރު ހުރިކަމުގައި ފާހަގަކުރަމެވެ. މީގެ އިތުރުން މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވެއެވެ،" އެމްއެމްއޭއިން ބުންޏެވެ.

ބޭރު ފައިސާ ރިޒާވަށް ދިމާވެފައި އޮތް އެންމެ ބޮޑު ޕްރެޝަރެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރީ ކޮވިޑް 19ގެ ހާލަތަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވުމެވެ.

އެމްއެމްއޭއިން ބުނީ ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށެވެ. މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް (މޮޕް-އަޕް ކުރުމަށް) ތައްޔާރުވަމުން އަންނަ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކްތަކަށް ދިމާވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީގެ ގޮންޖެހުންތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިންސްޓްރުމެންޓްތަކަށް ބަދަލުތަކެއް ގެނައުމަށް ބޯޑުން ނިންމާފައިވާ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

"ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި މި އޮތޯރިޓީ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ،" އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ، ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީއާ އެއްގޮތްވާގޮތުގެ މަތިން ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.