ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ހާދިސާއަކީ ޔާމީން ކުޅުއްވި ޑްރާމާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ސިފަކުރައްވައިފިއެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލީ 2015ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި ޔާމީން ހައްޖަށް ކުރެއްވި ދަތުރަށް ފަހު އެނބުރި މާލެ ވަޑައިގަތް ދުވަހުއެވެ. އެ ހާދިސާ ހިނގި ވަގުތު ލޯންޗުކޮޅުގައި ޔާމީންގެ އަނބިކަނބަލުންނާއި އޭރު އޮތް ސަރުކާރު ކޯލިޝަންގައި ހިމެނުނު އެމްޑީއޭގެ ލީޑަރު، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުވެސް އިންނެވިއެވެ.

އެ މައްސަލައިގައި ތުހުމަތުގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް ޓެރަރިޒަމްގެ ކުށުގައި 15 އަހަރަށް ޖަލަށްލިއެވެ. ނަމަވެސް އެ ހުކުމް 20 މެއި 2019 ގައި ވަނީ ބާތިލުކޮށްފައެވެ. އަދީބުގެ އިތުރުން އެ މައްސަލައިގެ މާލޭ އޭރިޔާގެ އޭރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ދެ އަހަރަށް ޖަލަށް ލިއެވެ. ޕާޕާއަކީ މި ވަގުތު ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.

ސަންގު ޓީވީ އަށް މިރޭ ދެއްވި ހާއްސަ އިންޓަވިއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން ޔާމީނާއި ޕީއެންއެފްގެ ބޭފުޅުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ކައިރީގައި މިހާރު ގެންގުޅުއްވަނީ ވެސް މީގެ ކުރިން އަނިޔާދިން ކަމަށް ވިދާޅުވާ މީހުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިހާރު ބައެއް ފަހަރު އެބަ ހީވޭ، އަޅުގަނޑަށް މިހާރު ހަމަ ދަންނަވަން ކެރިދާނެ. ފިނިފެންމާ ލޯންޗުކޮޅު ގޮވުން މިއީ ޔާމީން ކުޅުނު ޑްރާމާއެއް ނޫންބާއޭ.. އެ ހިސާބަށް ޔާމީންގެ ވާހަކަ ހިނގައްޖެ. އަޅުގަނޑުމެން އެންމެންގެ ގާތު ޔާމީން ބުނީ ލޯންޗު ގޮއްވާލީމައި ތިމަންނައަށް ބޭރަށް ނިކުމެވުނީމައި ބޮޑު ފަލަމާ ދިމާލުގައި އެތާ ހުއްޓޭ ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެއް. ތިމަންނައަށް ވަގުތުން އެނގުނޭ އޭނާކަން އެކަން ކުރީ. އޭނާ އެ އަމާޒުކުރަނީ ޔާމީންގެ ކައިރީ އެހެރި ޕާޕާއަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެއީ ޔާމީން ކުޅުއްވި ޑްރާމާއެއް ކަމަށް އޭރު ސުވާލު ނުއުފެދުނީ ޔާމީން ދެއްކެވި ވާހަކަތައް ގަބޫލުކުރެއްވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު ޔާމީން އަމަލުކުރައްވަމުންދާ ގޮތުގެ ސަބަބުން ފިނިފެންމާ ހާދިސާއާމެދު ސުވާލު އުފެދޭ ކަމަށާއި މަންޒަރު މިހާރު ސާފުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.