ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އެ މަނިކުފާނުގެ ނައިބު ރައީސްކަމުގައި އޭރު ހުންނެވި، އަހުމަދު އަދީބަށް ދައުވާކުރަން ޔާމީން ބޭނުންފުޅުވިޔަސް އަދީބުގެ މައްޗަށް ދައުވާނުކުރީ ހެކި ނެތިގެން ކަމަށް އޭރު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި އޭނާގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެންނެެވެ.
ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، ލޯންޗު ގޮއްވާލި މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެ މައްސަލަ ޝަރީއަތަށް ސާބިތުވާވަރަށް ހެކި ހިމަނައި ޝަރީއަތް ކުރުމަށް އެ މައްސަލައިގެ ރިޕޯޓް ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް މުހުތާޒު އެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ ނުކުރެއްވި ކަމަށެވެ. އަދި އެކަން ކުރުމަށް އޭރުގެ އެޓާނީ ގެނެރަލްވެސް މުހުތާޒުގެ އަރިހަށް ފޮނުއްވި ކަމަށް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ ހެކިތަކަށް ބަލާއިރު ފަޑީޔާރުންނަށް އެ މައްޗަށް ފައިސަލާ ނުކުރެއްވޭނެ ކަަމަށާއި ސާބިތު ނުވާ މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ އެ މައްސަލައިގައި މުހުތާޒު އަދީބުގެ މައްޗަށް ދައުވާ ނުކުރެއްވި ކަމަށެވެ.
ޔާމީންގެ އެ ވާހަކަތަކަށް ރައްދު ދެއްވައި މުހުތާޒު ވިދާޅުވީ، ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް ސާފުބަހުން ބުނެފައިވާ ކަމަށެވެ. އެގޮތުން ދައުވާކުރުމާއި ނުކުރުން ބިނާވެފައި އޮންނަނީ ހެކީގެ މައްޗަށް ކަމަށާއި އެއީ ރައީސަކަށް ހުންނަވާ ބޭފުޅަކު އަންގަވާ އަދި ބޭނުންވީމާ ކުރެވޭ ގޮތެއްގެމަތިން އޮންނަ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކިތަންމެ ބޭނުންފުޅުވިޔަސް އަދީބުގެ މައްޗަށް ހެކިނެތި ދައުވާ ނުކުރެވޭނެ ކަމަށް ޔާމީނަށް ދެންނެވި ކަމަށެވެ.
"ތިޔަ ވިދާޅުވި ލޯންޗު ގޮއްވާލި މައްސަލައިގައި އަމިއްލަފުޅަށް ތުހުމަތު ކުރެއްވި އެއް ބޭފުޅާ މިރޭ އެ ހުންނެވީ އާދެ، އާދެ ވިދާޅުވާން ކުރިފުޅުމަތީ، ދެ އަރިމައްޗަށް އެނބުރި ބެއްލެވިޔަސް އަރިހުގައި ތިއްބެވީ މަނިއްޕުޅަށް ވަގަށް ގޮވާ ހުރަގޭގައި ބަންދުކުރުމަށް ފާޅުގައި ގޮވަމުންދިޔަ ބޭފުޅުން،" ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) އަށް ނިސްބަތްކުރައްވައި މުހުތާޒު ވިދާޅުވިއެވެ.
ޕާޕާއަކީ ފިނިފެންމާ ލޯންޗުގެ މައްސަލައިގައި ދެ އަހަރާއި ތިން މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވި މީހެކެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު