ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ޕޮލިސް ބޯޑުން ނިންމި މައްސަލަ ކޯޓުގައި އޮއްވައި އޭގެ ތެރެއިން ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ދިނުމުން ހައިކޯޓުގައި ހިނގަމުންދާ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ދިފާއީ ވަކީލުން ސުވާލު އުފައްދަވައިފިއެވެ.
އޭރުގެ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވަކިކުރަން ޕޮލިސް ބޯޑުން ނިންމީ 2021 ވަނަ އަހަރުއެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.
އެކަމާ ގުޅިގެން އޭގެ ތެރެއިން ޝަރީފާއި ދާއޫދާއި ޝަމީމް ވަކިކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ނެރުނު ކޯޓު އަމުރަކާ ގުޅިގެން އެ ބޭފުޅުން އަދިވެސް ތިއްބެވީ ވަޒީފާގައެވެ. ނަމަވެސް ޓޫފޯއާއި ޖަމްޝީދަށް 10 އޮކްޓޯބަރު 2021 ގައި ވަނީ ވަޒީފާ އިން ވަކިކުރުމުގެ ލިޔުންދީފައެވެ.
އެ މައްސަައިގައި 21 ޑިސެމްބަރު 2023 ސިވިލް ކޯޓުން ނިންމީ އޮފިސަރުންތައް ވަކިކުރަން ނިންމި ނިންމުމާއި ދެން ތިބި އޮފިސަރުންނަށް ޕޮލިސް ބޯޑުން ދީފައިވާ ނޯޓިސްއަކީ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްތަކެއް ކަމަށް ކަނޑައަޅައި، އެ ފަރާތްތައް ވަކިކުރަން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ އެ ނިންމުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުންނާއި ޕޮލިސް ބޯޑުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައި ކޯޓުގައި ބޭއްވި އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމުގައި ދައުލަތުން ބުނީ އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ކުރި މަޝްވަރާތަކުން ކުރިއެރުމެއް ލިބިފައިނުވާތީ މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ދީ، ރިޓަޔާކުރަން ފުރުސަތު ދީފައިވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ފަސް އޮފިސަރުންގެ ވަކީލުން އިއުތިރާޒެއް ހުށަހެޅުއްވިއެވެ.
ދިފާއީ ވަކީލުން މިހެން ވިދާޅުވީ، ހައި ކޯޓުގައި ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރި ފަހުން އެ މައްސަލައިގައި ހިމެނޭ އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކަށް މިދިޔަ ޖޫން މަސް ތެރޭ ޕްރޮމޯޓް ކުރުމާއި ގުޅިގެންނެވެ.
ދިފާއީ ވަކީލު އަލީ ސައީދު ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކަށް ޕްރޮމޯޝަން ދީ، އެކި ހާލަތްތައް ބަދަލުވެފައި އޮތުމާއި ގުޅިގެން މި މައްސަލައާ ގުޅޭ ގޮތުން ގޮތެއް ކަނޑައެޅޭނެ ހާލަތެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ދައުލަތުން އެގޮތަށް އަމަލުކޮށްފައިވާތީ، މި މައްސަލައިގައި ޝަރީއަތުން ގޮތެއް ނިންމަންޖެހޭ ނުކުތާއެއް މިހާރު ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޮފިސަރުންގެ ނަޒާހަތްތެރިކަމާމެދު މައްސަލައެއް ހުށަހެޅުމަށްފަހު، އެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް އެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުން ފަދަ ކަންކަން ކުރުމުން ދައުލަތުން ބޭނުންވާ ގޮތް އޮޅޭ ކަމަށެވެ. ޝަރީއަތަކީ ކުޅޭ ކުޅިވަރެއް ނޫން ކަމަށާއި ދައުލަތުގެ ސްޓޭންޑްވެސް އެކި ގޮތް ގޮތަށް ބަދަލުވެގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ޖަވާބުގައި ދައުލަތުން ބުނީ ޕްރޮމޯޝަން ދިނުން ފަދަ ކަންކަމަކީ ފުލުހުންގެ ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ކަމަށާއި އެއީ ޝަރުތުތައް ފުރިހަމަވެގެން ދީފައިވާ ޕްރޮމޯޝަންތަކެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އަދި ދިފާއުން ހުށަހެޅި ކަންތައްކަމަށް ބައްލަވައި، ފަނޑިޔާރުންގެ ބެންޗުން ނިންމެވީ މައްސަަލަ ކުރިއަށް ގެންދިއުމުގެ ހާލަތެއް ނެތް ކަމަށް ދިފާއުން ބުނާ ބުނުމަކީ ގާނޫނުގައި ބަޔާންކުރާ މާއްދާތަކާ ހަވާލާދީ ބުނާ ބުނުމެއް ނޫން ކަމަށެވެ. އެހެންކަމުން، މައްސަލައިގެ އިސްތިއުނާފު ކުރިއަށް ގެންދިއުމަށް ފަނޑިޔާރުން ނިންމެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު