އެމްއެމްއޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް, ފަވަރަ ހިދުމަތަށް އިއްޔެ އަހަރެއް ވީއިރު 15 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ފަވަރައަކީ ރާއްޖޭގައި ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭއިން ކުރިއަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރި ހިދުމަތެކެވެ. އެ ހިދުމަތް އިފުތިތާހު ކުރީ 26 އޮގަސްޓް 2023ގައެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, އެ ހިދުމަތަށް އަހަރެއްވީ އިރު އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމަށް ފަސް މިލިއަން މުއާމަލާތް ވަނީ ކޮށްފައެވެ. އަދި އެ މުއާމަލާތްތަކުން ޖުމުލަ 15 ބިލިއަން ރުފިޔާ ފޮނުވާފައިވެއެވެ.

ފަވަރަ ހިދުމަތަށް އަހަރެއްވީ އިރު, ފަސް ބޭންކެއް މެދުވެރިކޮށް މިހާރު އެ ހިދުމަތް ލިބެއެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް), މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ), ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި), މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަދި ބޭންކް އޮފް ސިލޯން (ބީއޯސީ) އެވެ.