ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހިމެނޭ ހަތް މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.
މޫނު ފޮރުވައި، ހެލްމެޓް އަޅައިގެން ތިބި ބަޔަކު މަރުތޭލަކުން ޝަމީމަށް ހަމަލާ ދިނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާ ދީފައިވަނީ ޝަމީމުގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންވަނިކޮށް އޭނާ ދިރިއުޅުއްވާ ގޭގެ ދޮރުމަތިންނެވެ. މިހާދިސާއާ ގުޅިގެން ލިބުނު އަނިޔާގައި އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލައިގެން ފަރުވާ ހޯއްދެއްވިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، އެ ހަތް މީހުންގެ މައްޗަށް ދައުވާކުރަން ކުރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
- ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމް
- ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން
- ދަފްތަރު ނަންބަރު ދރ 2247، އަހްމަދު މައިސާން ހާޝިމް
- ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް
- ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިން
- ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނު
- އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރު
މި ހަތް މީހުންގެ މައްޗަށްވެސް ކޮށްފައި ވަނީ، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުނުކަމުގެ ދައުވާއެވެ.
އޭގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ، އިތުރު ބަޔަކާ އެކު، ޝަމީމަށް ހަމަލާދިނުމަށް ރާވައި މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޝަމީމު ހުއްޓައި، ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، އޭނާއާ މެދު މާރާމާރީ ހިންގައި، އޭނާގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއެވެ.
ޖަޒްލާންގެ މައްޗަށް ދައުވާކުރީ، ޝަމީމަށް ހަމަލާދޭން ރޭވުމާއި ޝަމީމް ހުރިތަނަށް ސައިކަލުގައި މިދުހަތު ގެންގޮސް، ޝަމީމަށް ހަމަލާ ދިނުމުން މިދުހަތު ގޮވައިގެން ސައިކަތުގައި އެތަނުން ދިއުމުގެ މައްސަލައިގައެވެ.
މައިސާން ހާޝިމްގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދޭން ރާވައި ޝަމީމަށް ހަމަލާދިނުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މަގުފަހިކޮށްދީފައިވާތީއެވެ.
މީގެ އިތުރުން އިތުރުން ރަޖުވާން އާއި ޝަމާލް އާއި އަބާން އާއި ޒަޔާނަށް ދައުވާކޮށްފައި ވަނީ، އެކަމުގައި ބައިވެރިވިކަމަށް ތުހުމަތު ކޮށްފައިވާ އެހެން މީހުންނާ އެކު ޝަމީމު ހުރި ސަރަހައްދަށް ގޮސް ޝަމީމަށް ހަމަލާދިނުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މަގުފަހިކޮށްދީފައިވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު