ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމު ވަނީ މިރޭ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ޝަމީމު މަގާމުން އިސްތިއުފާދެއްވީ ވަނީ އޭނާ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަަށް ލަފާ އަރުވަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވާ މައްސަލައަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހަން ނިންމާފައި ވަނިކޮށެވެ.

މިރޭގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ 9:00 ގައެވެ. ޖަލްސާ ފެށެން ކުޑަވަގުތު ކޮޅަކަށްވެފައި ވަނިކޮށް ޕީޖީ އޮފީހުން ބުނީ ޝަމީމު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ޝަމީމު އިސްތިއުފާދެއްވުމާ ގުޅިގެން ޕީޖީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވީ ހުންނެވީ ޑެޕިއުޓީ ޕީޖީ މަހުމޫދު ސަލީމް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ނަމަވެސް މަޖިލީހުން މިރޭ ވަނީ ޝަމީމު މަގާމުން ވަކިކުރުމަށް ފާސްކޮށްފައެވެ. މިރޭގެ ޖަލްސާއަކީ ހަމައެކަނި އެކަމަށް ހާއްސަ ކޮށްގެން ބޭއްވި ޖަލްސާ އެކެވެ. އެ ޖަލްސާ ނިމުމާއެކު މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ނިމުނީއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމަށް 30 ދުވަހުގެ ތެރޭގައި ބޭފުޅަކު އައްޔަންކުރަން ޖެހެއެވެ.

އެހެންވެ 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ނިމުނު ނަމަވެސް ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް، ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށް، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު މިރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

އެ ދެ ޖަލްސާއަކީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާ ސިޓީ އިއްވުމުގެ ޖަލްސާ އާއި އެ ބޭފުޅަކަށް މަޖިލީހުން ރުހުން ދިނުމަށް ބާއްވާ ޖަލްސާ ކަމަށް ނާޒިމް ވިދާޅުވިއެވެ.