ބުޅާ މަސް އެޅި ކާތަކެތި ވިއްކިތޯ ބެލުމަށް ފުލުހުން ކުރަމުންދާ ތަހުގީގު ނުނިމެނީސް އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ންގްލަދޭޝްގެ އެމްޑީ އަރަފާތު ހޮސެއިން (32އ) ޑީޕޯޓް ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރި ކަމަށް ބުނާ މައްސަލައެއް އަދި ފުލުހަށް ހުށަހެޅިފައިނުވާ ކަމަށެވެ. ފުލުހަށް ހުށަހަޅާފައިވަނީ އަރަފާތު ދިރިއުޅެމުންދިޔަ ތަނުގައި ބުޅާ ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
"އެހެން ނަމަވެސް މި ކޮންސާން އޮތީތީވެ ފުލުހުންގެ ފަރާތުން މި މައްސަލަ އެބަ ތަހުގީގު ކުރަމުންދޭ މިހާރު. އަދި އޭނާގެ މައްޗަށް ޖިނާއީ ތުހުމަތު ކުރެވި ނުވަތަ ހައްޔަރު ކުރަންޖެހޭ ހާލަތެއް ނާންނާތީވެ މިވަގުތު އެ އިނީ ވިސާ ވަޔޮލޭޝަންގެ މައްސަލައެއްގައި އިމިގްރޭޝަންގެ ޑިޓެންޝަންގައި. އެހެން ނަމަވެސް ފުލުހުން ތަހުގީގުކޮށްފައި ފުލުހުންގެ ތަހުގީގު ނިމުނީމަ ނޫނީ އޭނާ އަޅުގަނޑުމެން ޑީޕޯޓެއް ނުކުރާނެ،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އަރަފާތު ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް، އެ ވިއްކި ކަމަށް ތަހުގީގަށް މައުލޫމާތު ލިބިއްޖެނަމަ އެކަން އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އައި އިރު އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވާހަކަ ދައްކަވަމުން ވިދާޅުވީ އަރަފާތު ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރިކަން އެ މިނިސްޓްރީއަށް ވެސް އަދި ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ މިނިސްޓްރީގެ ފަރާތުން އެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބުޅާ މަރައި، އޭގެ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކާކަމުގެ ތުހުމަތުގައި އަރަފާތު މިދިޔަ އަންގާރަ ދުވަހު ވަނީ ހައްޔަރުކޮށް މޯލްޑިވްސް އިމިގްރޭޝަންއާ ހަވާލުކޮށްފައެވެ.
އަރަފާތުގެ ކާބޯތަކެތި ތައްޔާރު ކުރަނީ ވަރަށް ނުތާހިރުކޮށް، މުއްދަތުވެސް ހަމަވެފައިވާ ތަކެތި ބޭނުންކޮށްގެންކަން "ވަން" އިން ވަނީ ކަށަވަރުކޮށްފައެވެ. އަދި އަރަފާތު ތަފާތު ވައްތަރުގެ ސަބްމެރިނާއި ބާގާ ފަދަ ތަކެތި އެކިއެކި ފިހާރަތަކަށް ވިއްކަން ލާކަން އެނގިފައިވެއެވެ. އޭގައި ބުޅާ މަސް އެކުލެވޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު