ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަަށް ލަފާ އަރުވަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވާ މައްސަލައަށް މިރޭ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހަން ނިންމައިފިއެވެ.
މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއްކޮށް ޝަމީމު މަގާމުން ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅި މައްސަލަތައް ދިރާސާ ކުރުމަށްފަހު، އޭނާ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
ކޮމިޓީން އެގޮތަށް ފާސްކޮށް ކޮމިޓީގެ ރިޕޯޓް ވަނީ މިއަދު މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ. ޝަމީމު ވަކިކުރަން ކޮމިޓީން ފާސްކުރި ނަމަވެސް އެ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިގެން މަޖިލީހުންވެސް ފާސްކުރަން ޖެހެއެވެ.
މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން ޝަމީމު މަގާމުން ވަކި ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ، މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދަައުރު، (ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު) ގެ ފަހު ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިރޭ 9:00 ގައި ފަށާ މި ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީވެސް ހަމައެކަނި، ޕީޖީކަމުގެ މަގާމުން ޝަމީމު ވަކިކުރުމުގެ މައްސަލަ އެކަންޏެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ނާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހެޅި މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ މެއި 28 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި 82.9 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެގޮތުން މަޖިލީހަށް ހުށަހެޅި 23 ބިލުގެ ތެރެއިން 11 ބިލެއްގެ މަސައްކަތް ނިންމާފައިވާ އިރު، 12 ބިލެއްގެ މަސައްކަތް ކޮމިޓީތަކުގައި އޮތް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވަޒީރުންނާ ކުރަން ހުށަހެޅި 12 ސުވާލަށް ޖަވާބު ހޯދައިދީފައިވާ ކަމަށާއި، ސަރުކާރުގެ ފަރާތުން ހުށަހެޅި ނުވަ މައްސަލަ ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން މަޖިލީހުގެ ރިޔާސަތުން ހުށަހެޅި 13 މައްސަލަ ނިންމައި، އެހެނިހެން މައްސަލަތަކާ ގުޅޭ ނުވަ ރިޕޯޓެއްގެ މަސައްކަތް ނިންމާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެެ.
ދައުރުގެ ފަހު ޖަލްސާ މިރޭ ބޭއްވުމަށްފަހު، ދެވަނަ ދައުރުގެ ޗުއްޓީއަށް މަޖިލިސް ދާއިރު، ޗުއްޓީ ނިންމައި މިއަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތްތަކަށް މަޖިލިސް އެއްވާނީ އޮކްޓޫބަރު ހަތެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު