ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނަވައިގެން، ގާބިލުކަން ދިން އެންމެ މަތީ ފެންވަރުގައި، އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވަނީ އާދަޔާހިލާފަށް ހާމަކަމާއެކު މަސައްކަތް ކުރާ ދުނިޔޭގެ ފެންވަރުގެ އިދާރާއެއް ރާއްޖޭގައި ގާއިމުކޮށް ދުނިޔޭގެ ފެންވަރުގެ މީހުން ބިނާކުރުމަށް ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފައި ވަނިކޮށް، ޕީޖީ އޮފީހުގައި މިހާރު ބާއްވަމުން ގެންދާ ނިއުސް ކޮންފަރެންސްގައި ޝަމީމް ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތައް ފަސްތަރީގެ ފެންވަރުގައި ހިންގެންޏާ ރާއްޖޭގެ ޕަބްލިކް އޮފީސްތައްވެސް ފަސްތަރީގެ ފެންވަރުގައި ހިންގެންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިހާތަނަށް ކުރެއްވި މަސްކަތުގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ދިނުމާއި ދުނިޔޭގެ ފެންވަރުގެ އޮފީހެއް އުފެއްދެވުންކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، އެހިސާބާ ގާތަށް ދެވިފައިވާ ކަމަށެވެ. އެގޮތުން އެކަންކަމުގެ މައިގަނޑު އަސާސީ ކަންތައްތައް ގާއިމްކޮށްފައިވާ ކަމަށާއި ދެން އޮތް ބައި ކުރިއަށް ގެންދާނީ އެ މަގާމަށް ވަޑައިގަންނަވާ އެހެން ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑާ ހަވާލުކުރި މަސައްކަތް އަޅުގަނޑުގެ ގާބިލްކަން ތަން ދިން އެންމެ މަތީ މިންވަރަކަށް ރާއްޖޭގައި މިހާތަނަށް މިކަހަލަ ކަމެއް ނުރެވޭހާ މޮޅަށް ދުނިޔޭގެ ފެންވަރުގައި އަަޅުގަނޑުމެންނަށް ޑެލިވާ ކުރެވިއްޖެ،"
ޝަމީމް ވިދާޅުވީ މަގާމު ދޫކޮށް ވަޑައިގަންނަވާ އިރު، ރަނގަޅު ފެންވަރުގެ ހިދުމަތެއް ރައްޔިތުންނާއި ނޫސްވެރިންނަށް ވެސް ލިބޭ ފަދަ މުއައްސަސާއަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ބަދަލު ކުރެވިފައިވާ ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގެ މުއައްސަސާއެއް ގޮތުގައި ރައްޔިތުންނާއި ނޫސްވެރިންނަށް ހިދުމަތާއި މައުލޫމާތު ހަލުވި ދުވެއްޔެއްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައި، ދެން މި ކަންކަން ގެންދާނީ އެހެން މީހަކު، އެކަމަކު މީގެ މައިގަނޑު ފައުންޑޭޝަން އެ ވަނީ އަޅާފައި،" އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު