އެޓާނީ ޖެެނެރަލް (އޭޖީ) އުނިކޮށް، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލުމަށްޓަކައި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ދެންމެ ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ، ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް، މަޖިލީހަށް ހުށަހެޅި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެންއުމުގެ ބިލްގައި ހިމަނައިގެންނެވެ.

ގާނޫނުގައި މިހާރު އޮންނަނީ، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވަނީ ބަންޑާރަނައިބާއި ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ހަ މެންބަރުން ހިމެނޭގޮތުން ހަތް މެންބަރުންގެ މައްޗަށް ކަމަށެވެ.

ނަމަވެސް މިއަދު ފާސްކުރި އިސްލާހުގައި ވަނީ، ކޮމިޓީގައި ބަންޑާރަނައިބު ހިމެނޭގައި ގާނޫނުން އުނިކޮށްފައެވެ. އަދި އެ ކޮމިޓީ އެކުލެވިގެންވަނީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ހަތް ވަކީލުންގެ މައްޗަށް ކަމަށްވެސް ބުނެފައިވެއެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ނިނުމަކަށް އަންނާނެ ކަމަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން، ދައުރު ހަމަވުމާއި އިސްތިއުފާ ދިނުމާއި މެންބަރު ކަމުގެ ޝަރުތު އުނިވުމުގެ އިތުރުން މެންބަރު ވަކިކުރެވޭނެ ގޮތްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ބިލުގައިވާގޮތުން ގާނޫނީ ވަކީލުންގެ ތެރެއިން 100 އަށްވުރެ މަދުނޫން އަދަދެއްގެ ވަކީލުން، އެ މެންބަރަކު ވަކިކުރުމަށް ބާ ކައުންސިލަށް ލިޔުމުން ހުށަހެޅުމުން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ތިމްބައިކުޅަ ދެބައި މެންބަރުގެ އަގުލަބިއްޔަތުން ފާސްކުރުމުން އެމީހަކު މެންބަރުކަމުން ވަކިވާނެއެވެ.

މީގެ އިތުރުން ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީ ކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަ ކުރުމަށްވެސް ބިލްގައި ހިމަނާފައިވެއެވެ.

މި އިސްލާހަށް އަމަލް ކުރަން ފެށުމުން އަލަށް ބާ ކައުންސިލަށް އިތުރުވާ މަގާމަށް މީހަކު އިންތިހާބު ކުރާނީ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަސް ތެރޭގައި ކަމަށް ބިލުގައި ބުނެފައިވެއެވެ.