ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމުން މަސްވެރިކަމުގެ ސިނާއަތުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުމަށް ކެބިނެޓުން ނިންމައި، އެ ކަމަށް ހާއްސަ ގަވާއިދެއް ވަނީ އެކުލަވާލައިފައެވެ.

އެކަމާ ގުޅިގެން ބައެއް ޖަމިއްޔާތަކުންނާއި މަސްވެރިންނާއި އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރާއްޖެއިން ލޭނު މަސްވެރިކަމަށް ފުރުސަތު ދެނީ، މަސްވެރިކަން ޑައިވާސިފައިކުރުމަށްޓަކައި ކަމަށެވެ. އަދި ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނީވެސް އޭރަށް ކަމަށް ވިދާޅުވިއެވެ.

"ލޭނު މަސްވެރިކަމަކީ ދިވެހިން އެކަން ކޮށްގެން އިންތިހާ އަށް ފައިދާ އިތުރު ކުރެވެން އޮތް ކަމެއް. ކީއްވެގެންތޯ އެކަން ނުކުރަންވީ؟ އެ މަސްވެރިކަން ވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކަޅުބިލަ މަހުގެ މަސްވެރިކަން މި ކުރާ ގޮތަށް އޭގައި އޮތް އެންމެ ސަސްޓެއިނަބަލް، އެންމެ ރަނގަޅު މެނޭޖްމެންޓެއް ގެންގުޅެވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ލޭނު މަސްވެރިކަމަށް ހުޅުވާލުމުން، އަހަރަކަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިހާރު މަސްވެރިކަމުން ރާއްޖެއަށް އަހަރެއްގެ މައްޗަށް ލިބެނީ 80 މިލިއަން ޑޮލަރެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑުތަކަށްވާ އިރު، ކަނޑުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ޖެހޭ ކަމަށެވެ.