ފަސް ރަށެއްގައި އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން 50 ޓަނުގެ އައިސްޕްލާންޓް ބަހައްޓާނީ ހއ. ދިއްދޫ، ހއ. އިހަވަންދޫ ށ. ކޮމަންޑޫ، ގދ. ރަތަފަންދޫގެ އިތުރުން އއ. ރަސްދޫގައެވެ.
އެ ފަސް ރަށުގައި އައިސް ޕްލާންޓު ހަދަނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައެވެ.
ފިނޭންސް މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި ބީލަން ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމަށްޓަކައި 1،500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެއެވެ. އެ ފައިސާ މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރަސްމީ ގަޑިތަކުގައި، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށް ދެއްކޭނެއެވެ. އަދި، އެ ނޫން ގޮތަކަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް [email protected] އަށް މެއިލް ކުރުމުން ފައިސާ ފޮނުވަން ޖެހޭ އެކައުންޓު ނަންބަރުގެ މައުލޫމާތު ހިއްސާ ކުރާނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، އެ ޕްރޮޖެކްޓްގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 250,000.00 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރުގެ ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިންނަށް އައިސް ލިބޭނޭ އިންތިޒާމުތައް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެކެވެ.
ފިޝަރީޒް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު ބުނެފައިވާ ގޮތުގައި ސައުދީ ފަންޑުގެ އެހީގައި 11 ރަށެއްގައި އައިސް ޕްލާންޓް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު