އެކިފަހަރުމަތިން 42 އަންހެނަކު މަރާލި ކެންޔާމީހާ ފުލުހުންގެ ބަންދުން ފިލައިފިއެވެ.

ކެންޔާގެ ފުލުހުން ވަނީ ކޮލިންސް ޖުމާއިސީ ނަމަކަށް ކިޔާ އެމީހާ ފިލާފައިވަނީ އޭނާއާ އެކީ އެއްގޮޅިއެއްގައި ތިބި އެހެން 12 މީހުންނާއެކީ ކަމަށް ބުނެފައެވެ.

ކެންޔާގެ ވެރިރަށުގައި ހުންނަ އެޖަލުން އަންގާރަ ދުވަހު ފިލި މީހުންގެ މައްސަލައިގައި ޖަލު ބަލަހައްޓާ 8 މީހަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް ފުލުހުން ބުނެއެވެ.

މިހާތަނަށް ކުރި ތަހުގީގުން ވަނީ އެމީހުން ޖަލުން ފިލުމުގައި އޮފިސަރުންގެ އެހީތެރިކަން ލިބިފައިވާކަމަށް ހާމަވެފައެވެ.

ކެންޔާގެ ކަމާބެހޭ އިދާރާތަކުން ހިންގި ތަހުގީގަކަށް ފަހު އުމުރުން 33 އަހަރުގެ ކޮލިންސް ހައްޔަރުކޮށްފައިވަނީ އޭނާ ވޭތުވެދިޔަ ދެ އަހަރު ތެރޭ 42 އަންހެނަކު މަރާލައި ހަށިގަނޑު ނައްތާލާފައިވާކަމަށް ހާމަވުމުން އިތުރަށް ތަހުގީގު ކުރުމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ކޮލިންސް މިހާތަނަށް މަރާލި އަންހެނުންގެ ތެރެއިން ހަށިގަނޑު ފެނިފައިވަނީ ނުވަ މީހެއްގެއެވެ.

ކެންޔާގެ ޑިރެކްޓަރު އޮފް ކްރިމިނަލް އިންވެސްޓިގޭޝަން އިން ބުނެފައިވާ ގޮތުގައި، ކޮލިންސް ހައްޔަރުކޮށް އޭނާއާ ސުވާލު ކުރުމުން، 2022 ވަނަ އަހަރުން ފެށިގެން 42 އަންހެނަކު މަރާލާފައިވާނެ ކަމަށް އެއްބަސްވެފައިވެއެވެ. ކޮލިންސް ވަނީ މަރާލި ބައެއް މީހުންގެ ހަށިގަނޑު ނައްތާލާފައިވާ ތަންތަން ފުލުހުންނަށް ކިޔައިދީފައެވެ.

ފުލުހުންގެ ބަންދުން އެވަރުގެ ނުރައްކާތެރި މީހަކު ފިލުމުން އޭނާ ހޯދުމަށް ކެންޔާ ފުލުހުންވަނީ ބޮޑު ތަހުގީގެއް ފަށައި އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.