މުޑުދާރުކޮށް ބިދޭސީން ކާބޯތަކެތި ހަދާ ތަންތަން އާދަޔާހިލާފަށް ގިނަކަން ފާހަގަވެފައިވާ ކަމަށާއި އެތަންތަން ހުއްޓުވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިއަދު ވަނީ ބިދޭސީން ރާއްޖެ ގެންނަ ކުންފުނިތަކުގެ ވެރިންނާއި މީހުންނާ އިސްކަންދަރު ކޮށީގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި އިހުސާން ވިދާޅުވީ ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ކުރާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބިދޭސީން ކާބޯތަކެތި އުފައްދާކަމުގެ މައުލޫމާތު ލިބުމާ އެކު އެ ތަންތަން ރެއިޑް ކުރަމުންގެންދާ ކަމަށެވެ.

މިފަހުން ފެންމަތިވެފައިވާ ނުތާހިރު ކާބޯތަކެތީގެ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން އިހުސާން ވިދާޅުވީ މިހާރު އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ބިދޭސީން އިސްވެ ތިބެ ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އާދަޔާހިލާފަށް ގިނައިން ފާހަގަވެފައިވާ ކަމަށެވެ.

"އެކި ބާވަތްބާވަތް ހަދާ ތަންތަން ވެސް އެބަހުރި. ތެލުލިފަތުން، ގުޅައިން ފެށިގެން ގޮސް ދުފާ އެއްޗިއްސާ ހިސާބަށް ހުރިހާ އެއްޗިއްސެއް. ހެދިފައި އިން ގާނޫނެއް ތަންފިޒުވޭ އެބަ. އޭގެތެރެއިން ފުޑް އެންޑް އޮތޯރިޓީން ވަކި އުސޫލެއްގެ ދަށުން ހުއްދަދޭ އެއްޗެއްސަކަށް ވެގެންދާނީ، ފިހާރަތަކުގައި ދެން މިހުންނަ އެއްޗެހި ހުއްދައެއް ނުދޭނެ" އިހުސާން ވިދާޅުވިއެވެ.

މުޑުދާރުކޮށް ކާބޯތަކެތި އުފެއްދުމުގެ މައްސަލަ އެއްކޮށް ހައްލުވަންދެން އެ ކަން ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ބުޅާ މަސް އަޅައިގެން ކާތަކެތި ތައްޔާރުކޮށް ވިއްކާ ކަމަށް ތުހުމަތުވާ 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަރަފާތް ހޮސެއިން ވަނީ މިއަދު ހައްޔަރުކޮށްފައެވެ.

ބުޅާ މަރައި، އޭގެ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކާކަމުގެ ތުހުމަތު އޮތް އަރަފާތު ދިރިއުޅުނު އެޕާޓްމަންޓުން ކުނިވެ ފުޅަ އަޅާފައިވާ ބައެއް ތަކެތި ފެނިފައިވެއެވެ. އަދި ކާން ތައްޔާރުކުރާ ގިނަ ބާވަތްތައް މުއްދަތު ހަމަވެފައިވާ އިރު، އެ އެޕާޓްމެންޓްވެސް އޮތީ ވަރަށް ނުތާހިރުކޮށެވެ.

މީގެ އިތުރުން އެތަނުން ބުޅަލެއްގެ ބޮލެއް ވެސް ވަނީ ފެނިފައެވެ. އަދި ބުޅަލުގެ ހަން ދަމާފައި، އެ ހަންތައް ވެސް ބޭރުގައި ހުއްޓައި އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުންނަށް ވަނީ ފެނިފައެވެ.