ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގްލޯބަލް ސައުތާއި އެނޫން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފިއެވެ.

އިންޑިއާ ސަރުކާރުން ވާޗުއަލްކޮށް މިއަދު ބޭއްވި ތިން ވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ މިދިޔަ އަހަރުގެ ގްރޫޕް އޮފް 20 (ޖީ20)ގެ ރިޔާސަތުގައި އިންޑިއާއިން އަދާކުރި ފުރިހަމަ ދައުރާއި އެ ގައުމުގެ އިސްނެގުމުގެ ދަށުން ތައާރަފު ކުރި މުހިންމު ހަރަކާތްތައް ފާހަގަކޮށް މަރުހަބާ ދަންނަވައިފައެވެ.

އަދި އެ ހަރަކާތްތަކުގެ ސަބަބުން ޖީ20ގެ މެންބަރު ގައުމުތަކުގެ އިތުރުން ޖީ20ގައި ނުހިމެނޭ، ވަކިން ހާއްސަކޮށް ގްލޯބަލް ސައުތަށް ނިސްބަތްވާ ގައުމުތަކަށް ލިބިގެން ދިޔަ މަންފާ ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

ގްލޯބަލް ސައުތުގެ ގައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި މިނިސްޓަރު ޒަމީރު ވިދާޅުވީ، އެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދޭނީ، ވީ އެންމެ އަވަހަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށާއި ދަރަނި އިތުރުވުމުގެ މައްސަލަ އާއި މަލްޓިލެޓްރަލް ފްރޭމްވޯކްތަައް އަދާހަމަކޮށްގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ގްލޯބަލް ސައުތާއި މުޅި ދުނިޔެ ބޭނުންވާ ހައްލު ހޯދަންވީ ވަގުތު ކަމަށެވެ.

މީގެ އިތުރުން، ރާއްޖެ ފަދަ ގައުމުތަކުގެ ތަރައްގީގެ ތަސައްވަރު ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އާ އީޖާދުތައް ހަމަހަމަ އުސޫލެއްގެ މަތިން ގްލޯބަލް ސައުތުގެ ގައުމުތަކަށް ފޯރާކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ އިންޑިއާގެ ޖީ20ގެ ރިޔާސަތުގައި ޖީ20 ގައި ނުހިމެނޭ މެމްބަރު ގައުމުތައް، ވަކިން ހާއްސަކޮށް ގްލޯބަލް ސައުތަށް ދިމާވަމުންދާ މައްސަލަތަކާ ގުޅޭގޮތުން އަޑުއުފުލުމަށް އިންޑިއާ ސަރުކާރުން ފެށި ހަރަކާތެކެވެ. އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ސަމިޓުވެސް އިފްތިތާހުކޮށްދެއްވާފައި ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ. ފޮރިން މިނިސްޓަރުންގެ ސެޝަން ރިޔާސަތު ބަލަހައްޓަވާފައިވަނީ އެ ގައުމުގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރްއެވެ.

މި ސަމިޓުގައި ބްރޫނާއީ، ކެމްބޯޑިއާ، ކިއުބާ، އިރާގު، ލާއޯ ޕީޑީއާރު، ލެސޯތޯ، މެލޭޝިއާ، ޕެނަމާ، ޕަޕުއާ ނިއު ގިނީ، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި ޓޫވާލޫގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަމިޓުގެ މި އަހަރުގެ ޝިއާރަކީ، "ޗާޓިން އަ ނިއު ޕެރެޑައިމް ފޯ ގްލޯބަލް ސައުތު" އެވެ.