ސްވިޑްން އިން އެމްޕޮކްސްގެ ފުރަތަމަ ޖޭސް ފެނިއްޖެއެވެ.

އެފްރިކާގެ ގައުމުތަކުން ފެންނަން ފަށާފައިވާ އެމްޕޮކްސްގެ ފުރަތަމަ ކޭސް ފެނިފައިވާކަން ކަށަވަރުކޮށް ސްވިޑްންގެ ޕަބްލިކް ހެލްތު އެޖެންސީން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ސްވިޑްން އިން އެމްޕޮކްސް އަށް ޕޮޒިޓިވް ވި މީހާ ދާދިފަހުން އެފްރިކާގައި އެމްޕޮކްސް ފެތުރެމުންދާ ސަރަހައްދަކަށް ދަތުރުކޮށްފައި ވެއެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުދަ ދުވަހު ވަނީ އެމްޕޮކްސް ފެތުރެން ފަށާފައިވާކަމަށް ބުނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެގޮތުން ޑަބްލިއުއެޗްއޯއިން ވަނީ އެ ޖަމިއްޔާގެ އެންމެ މަތީ ދަރަޖައިން ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާކަމަށް ބުނެފައެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 14،000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެ 524 މީހުން މަރުވެފައިވެ އެވެ.