މާލެއަށް ގެނެސްފައިވާ ވެހިކަލްތަކުގެ ތެރޭގައި ރަޖިސްޓްރީނުކޮށް ހުރި ވެހިކަލްތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތައް ވެސް މާލޭގައި އެބަހުރި ކަމަށާއި އެ ވެހިކަލްތައް ޓޯކުރުމުގެ ބަދަލުގައި ޓޯކުރުމަށް ހާއްސަ ބިމަކަށް ވެހިކަލްތަކުގެ ވެރިފަރާތްތަކުން ގެންދިއުމަށް 40 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކުރަން މުއައްސަސާތަކުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ވެހިކަލްތަކުގެ ވެރި ފަރާތްތަކުން އަމިއްލައަށް އެ ބިމަށް ވެހިކަލް ގެންދިއުމުން ޓޯކުރުމުން ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ވެހިކަލްތަކުގެ ވެރި ފަރާތްތަކުން އެ ބިމަށް ގެންދާ ވެހިކަލްތައް ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ނަގަން ޖެހޭ ގޮތަށް އުސޫލެއް ހަދާނެ ކަމަށެވެ.

"އެހެންވީމާ މި ވެހިކަލްތައް އަޅުގަނޑުމެން ޓޯކުރުމުގެ ބަދަލުގައި އެޗްޑީސީގެ އެހީތެރިކަމާއެކީގައި އަޅުގަނޑުމެންނަށް ކަނޑައެޅޭ ބިމަކަށް ގެންދިއުމަށް ފުރުސަތު އެ ހުރިހާ ބޭފުޅުންނަށް ހުޅުވާލާނަން. މި ފުރުސަތު އަޅުގަނޑުމެން ދޭނަން 40 ދުވަހުގެ ތެރެއަށް. އެހެންވީމާ މި ބިމަށް ގެންދިއުމަކީ އެ ވެހިކަލެއްގެ ވެރިފަރާތެއްގެ އަމިއްލަ ކަމެއް. އެއިރުން އަޅުގަނޑުމެން ޓޯކޮށްގެން ލިބޭ ގެއްލުމާ އަދި މި ޓޯކޮށްގެން އަރާ ޖޫރިމަނާ ވެސް ނާރާނެ. އަދި ހަމަ މިއާއެކީގައި އަޅުގަނޑުމެން އުސޫލުން ކަނޑައަޅާނަން ހަ މަސް ދުވަހުގެ ތެރޭގައި އެ ބޭފުޅުން އެތަނުން އެ ވެހިކަލް ނަންގަވަންޖެހޭނެ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އެގޮތަށް ގެންދާ ވެހިކަލްތައް ތާއަބަދަށް އެތަނުގައި ނުބެހެއްޓޭނެ ކަމަށެވެ. ސަބަބަކީ އެ ބިމަކީ އެއީ އެހެން ކަންތައްތަކަކަށް ކަނޑައަޅައިފައިވާ ބިމަކަށްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހަ މަސް ދުވަހުގެ ތެރޭގައި އެބޭފުޅުން ވެހިކަލް މާލެއިން ބޭރަށް ގެންދެވުން. ނޫނިއްޔާ ގާނޫނީ އިމުގެ ތެރެއިން ރަޖިސްޓްރީ ކުރެއްވުން. ނޫނީއްޔާ އެހެން ޒޯނަކަށް ބަދަލުކުރުން. ނޫނިއްޔާ އަމިއްލަ ގަރާޖަކަށް ބަދަލުކުރެއްވުން،" އަމީން ވިދާޅުވިއެވެ.

ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މިހާރު ވަނީ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ފަށައިފައި ކަމަށް އަމީން ވިދާޅުވިއެވެ. އެ މަސައްކަތް ފަށައިފައިވަނީ ސީރިއަސް ގޮތެއްގައި ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.