ހުޅުމާލޭގައި 4،000 އުޅަނދު ޕާކު ކުރެވޭ ގޮތަށް 15 ޕާކިން ބިލްޑިން ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކުރަން މުއައްސަސާތަކުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ވަކި ސަރަހައްދުތަކެއް ޕާކިންއަށް ހާއްސަ ކުރުމަށްފަހު އިއުލާންކުރާނެ ކަމަށެވެ. ޕާކިން ވަކި ސަރަހައްދުތަކެއް އިއުލާންކުރާނީ ޕާކިން ބޭނުންވާ ފަރާތްތަކުން ކުލި ދައްކާ އުސޫލުން ކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުޅުމާލޭގެ މަގުތަކުގައި ވިޒިޓާސް ޕާކިންތަކެއް ވެސް ހަދާނެ ކަމަށެވެ.
ފަޒުލް ވިދާޅުވީ އަގު ދައްކާ ގޮތަށާއި އަގު ނުދައްކާ ގޮތަށް ވެސް ޕާކިންއަށް ހާއްސަ ކަންތައްތަކެއް ހުޅުމާލޭގައި ކުރާނެ ކަމަށެވެ.
"ތިންވަނަ ކަމަކަށް އަޅުގަނޑުމެން އެބަ އިއުލާނުކުރަން ހުޅުމާލޭގައި ޑިވެލޮޕްމެންޓް ޕްލޭންގެ ތެރެއިން 15 ވަރަކަށް ޕާކިން ބިލްޑިން. އެހެންވީމަ މިއީ ގާތްގަނޑަކަށް ދަންނަވާ ކަމުގައިވަންޏާ މިއަދު އަޅުގަނޑަށް ދަންނަވާލަން ކެރޭ ގާތްގަނޑަކަށް 4،000 ޕާކިން ފުރުސަތު ކުރިއަށްތޮތްތާނގައި ފަހިވެގެންދާނެ. އެހެންވީމާ މި 4،000 ޕާކިން ބިލްޑިންތަކުން ފަހިވެގެން ދިޔައީމަ އެބަ ރައްޔިތުންނަށް ލިބޭ ފުރުސަތުތަކެއް އެ ބޭފުޅުން ގެންގުޅޭ ކާރު ނޫނީއްޔާ އެ ބޭފުޅުން ގެންގުޅޭ އުޅަނދު މި ނިދަން ވައްދާނެ ތަނެއް، ނޫނީ ޕާކުކޮށްފައި ދައީމީކޮށް އޮންނާނެ ތަނެއް،" ފަޒުލް ވިދާޅުވިއެވެ.
ޕާކިން ބިލްޑިން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ އުސޫލުން ކަމަށް ފަޒުލް ވިދާޅުވިއެވެ. އެ ޕްރޮޖެކްޓު ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި އެޗްޑީސީން އިއުލާންކުރާނެ ކަމަށް ފަޒުލް ވިދާޅުވިއެވެެ.
ޚަބަރު
ޚަބަރު
ޚަބަރު