މަގުތަކާއި ގޯޅިތަކުގެ ކަންމަތިތަކުގައި ޕާކުކުރުން ހުއްޓުވުމުގެ ގޮތުން ރަތް ރޮނގު ދެމުމަށް ވިސްނަމުންދާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކުރަން މުއައްސަސާތަކުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ކަންމަތިތަކުގައި ޕާކު ކުރުމަކީ މިހާރު ވެސް މަނާ ކަމެއް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ކަންމަތިތަކުގައި ޕާކު ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަސްލު ކަންކަން މައްޗަކަށް ޕާކު ކުރުމަކީ ހަމަ ސީދާ ވަރަށް ބޮޑު މަނާކަމެއް އަދި ޕާކުކުރުމަށް ނުހުންނަ ތަންތަނުގައި ޕާކު ކުރުމަކީ މަނާ ކަމެއް. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން އިތުރަށް ރައްޔިތުންނަށް ސަމާލުކަން ދިނުމަށްޓަކައި އަޅުގަނޑުމެން މިހާރު މި ވިސްނަނީ ބައެއް ކަންކަންމަތީގައި މި މުހިންމު ތަންތަނުގެ ރެޑްލައިން ދަމަން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރަތް ރޮނގު ދަމާފައިވާ ސަރަހައްދުގައި ޕާކު ކޮށްފިނަމަ ފުލުހުން ވަގުތުން އެ އުޅަނދެއް ޓޯކުރާނެ ކަމަށެވެ. ރަތް ލައިނެއް ދަމައިގެން ޕާކުކުރުން މަނާކުރަނީ އެންމެންގެ ފަސޭހައަކަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

"ވަރަށް މަދު މީހުންނާ ހުރެ އަސްލުގައި މީހުންނަށް އުނދަގޫ މިވަނީ،" އާޒިމް ވިދާޅުވިއެވެ.

ވެހިކަލްތައް ޓޯކުރުމަކީ ފުލުހުންނަށް ވެސް އަދި ސިޓީ ކައުންސިލަށް ވެސް ފަސޭހަ ކަމެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ރަތް ރޮނގު ދެމުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ ޒިންމާދާރު ކަމާއެކު އުޅަނދު ޕާކުކުރަން ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައްޔިތުން ޒިންމާދާރު ކަމެއްނެތި މަގުތަކުގައި އުޅަނދު ޕާކު ކުރަމުންދާނަމަ ޓްރެފިކް މައްސަލައަށް ދުވަހުކު ވެސް ހައްލެއް ނާންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މާލޭގެ މަގުތައް މި އޮތްގޮތުން އަދި ވެހިކަލްތައް އެހާ ގިނަވެފައި އޮތް އިރު، ޒިންމާދާރުކަމާއެކު ޕާކު ވެސް ކުރާށޭ، އެކަކު އަނެކަކަށް އުނދަގޫވާގޮތަށް ނުކުރާށޭ. އެހެންނޫނީ ދުވަހަކު ވެސް މިކަމެއް ހައްލެއް ނުވާނެ" އާޒިމް ވިދާޅުވިއެވެ.