މަގުބައްތިތައް ރަނގަޅުކުރަން ރަށްރަށުގެ ކައުންސިލުތަކަށް އިތުރު ވަގުތު ބޭނުންވާތީ މަގުބައްތި ރަނގަޅުކުރަން ދިން މުއްދަތު އަންނަ ފެބްރުއަރީ މަހަށް އިތުރުކޮށްފިއެވެ.

ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރަށްރަށުގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އިސްލާހު ކުރުމަށް ކައުންސިލްތަކަށް މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރުމުން ރައީސް އޮފީހުގެ ލަފާގެ މަތިން ޔޫއާރުއޭ އިން މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ފެނަކައިން ބުނީ ރަށްރަށުގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް، ޔޫއާރުއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަގުބައްތިތައް އިސްލާހު ކުރުމުގެ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.

ފެނަކައިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުން 144 ރަށެއްގެ މަގުބައްތި ގަވާއިދާ ހިލާފަށް ހުރިކަން ފާހަގަކުރެވިފައިވެއެވެ. އެހެންވެ، މަގުބައްތިތައް އިސްލާހު ކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފެނަކައިން ރަށްރަށުގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް އިންސްޕެކްޓް ކުރަން ފެށީ، ރ. އުނގޫފާރުގައި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅުނު ކުއްޖަކު ކަރަންޓުގައި ޖެހުމުން، އެ ކުއްޖާ ސަލާމަތްކުރަން އުޅެނު ޒުވާނަކު މަރުވުމާ ގުޅިގެންނެވެ. އުމުރުން 18 އަހަރުގެ ހުސެއިން އަތީކު މަރުވީ މިދިޔަ ޖޫން މަހުގެ އަށްވަނަ ދުވަހުގައެވެ. އެ މައްސަލައާ ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ވަނީ ފެނަކަ، 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އެ ހާދިސާއާ ގުޅިގެން ރަށްރަށުގައި ހުރި މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ރަނގަޅުކުރުމަށް ފެނަކަ އިން، ކައުންސިލްތަކަށް ދިން މުއްދަތު މިމަހުގެ އެއް ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. ފެނަކަ އިން ވަނީ ދެ ފަހަރެއްގެ މަތިން އެ މުއްދަތު އިތުރު ވެސް ކޮށްދީފައެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގު ބައްތިތަކުގައި އީއެލްސީބީ ހަރުކުރަން ޖެހެއެވެ.