ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް އިން ނިންމައިފިއެވެ.
ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ ތަރުޖަމާނު ޝަފީއު އަހުމަދު "ވަން" އަށް ވިދާޅުވީ ހެކި ނެތުމުގެ ސަބަބުން ސިހުރު ހެދި މައްސަލައިގައި ޝަމްނާޒްއަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ކަމަށެވެ.
ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުން ޝަމްނާޒާއި އޭނާގެ ކޮއްކޮ ހައްވާ ސަނާގެ އިތުރުން ހުސައިން ސަމީރެވެ. އެމީހުން ހައްޔަރު ކުރީ ޖޫން މަހުގެ 23ގައެވެ.
ނަމަވެސް އެ ތިން މީހުން ވެސް ވަނީ ފަހުން ބަންދުން ދޫކޮށްލައިފައެވެ. ޝަމްނާޒް އާއި ހައްވާ ސަނާ ދޫކޮށްލީ މިދިޔަ މަހުގެ 13ގައެވެ.
ސަމީރު ބަންދުން ދޫކޮށްލާފައިވަނީ ޖޫން މަހުގެ 29 ގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތަކަކާ އެކުއެވެ. އެނގިފައިވާ ގޮތުގައި ސަމީރަކީ ސިހުރުވެރިޔާއެވެ.
ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ޝަމްނާޒް ވަނީ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑްކޮށްފައެވެ. އެ މައްސަލައިގައި ޝަމްނާޒް ހައްޔަރުކުރި ދުވަސްވަރު ރަމީޒުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު