ކުޅިވަރުގެ ދާއިރާއިން މިދިޔަ ސަރުކާރުން އެކި ރަށްރަށުގައި ފަށާފައިވާ ޕްރޮޖެކްޓްތައް އެއްކޮށްލުމުން ދައުލަތުގެ ދެ އަަހަރުގެ ބަޖެޓަށްވުރެ ބޮޑު ކަމަށް ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ށ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކުޅިވަރާ ބެހޭ ޕްރޮޖެކްޓްތައް ކުރިއަށް ނުދާތީ އެކަމާ ބެހޭގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގައި އެކަންކަމަށް ބޭނުންވާ މިންވަރަށް ފައިސާ ހިމަނާފައި ނުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބައިވަރު ޕްރޮޖެކްޓްތަކެއް ފަށާފައިވާ އިރު، ގިނަ ޕްރޮޖެކްޓްތަކަށް ފައިސާ ހިމަނާފައިވަނީ ވަރަށް މަދުންކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން މިހާރު ނިންމާފައިވަނީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓްތަކަށް އިސްކަންދީގެން އަދި އެކަމާ ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓް ފާސްކުރާ އިރު ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭގޮތަށް ފައިސާ ހިމެނުމަށް މެންބަރުން މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.