މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރައްޔިތުންގެ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބުރޫ އަރާފައިވާތީ އެ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ހާއްސަ ޓާސްކްފޯހެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހާއްސަ ޓާސްކްފޯސް ޗެއާ ކުރައްވަނީ ރައީސް ކަމަށެވެ.
- ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
- ހޯމް މިނިސްޓަރު އަލީ އިހުސާން
- އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު
- ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު
- އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
- ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު
- ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް
- ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ
- ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު
ވިއްސާރައާ ގުޅިގެން ރައީސް ވަނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވެސް ހަމަޖައްސަވައިފައެވެ.
ހީނާ ވިދާޅުވީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ވަޒީފާއަށްދާ މީހުންނަށާއި ކިޔަވާ ކުދިންނަށް، ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމުން، ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވީ ވިއްސާރައިގެ ސަބަބުން އާއިލާތަަކަށާއި ގޯތިގެދޮރަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީކަން ދެއްވާ ކަމަށެވެ.
ވިއްސާރައިގައި ބައެއް ރަށްރަށަށް އުދަވެސް އަރަމުންދާ އިރު، މެދުނުކެނޑި ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ބައެއް ރަށްރަށުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ރަށު ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށްވެސް ފެން ވަދެފައިވާ އިރު، މޫދަށް ކޯރު ކަނޑައިގެން ރަށުތެރެއިން ފެން ބޭރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
މާލެއަށްވެސް މެދުނުކެނޑި ވާރޭ ވެހެމުންދާތީ، ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މަގުތަކުން ފެން ހިންދުމަށް ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މާލޭ ސަރަހައްދަށް މިވަގުތު ވައިވެސް އާދަޔާ ހިލާފަށް ގަދަވެފައިވާތީ، މަގުތަކުގައި ސައިކަލު އަދި ބައިސްކަލު ދުއްވާ ފަރާތްތަކުން ވެސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ. ވަކީން ހާއްސަކޮށް ބުރިޖު ހުރަސްކުރާ އިރު، ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު