ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް ހަދާ "ހޯޕް އައިލެންޑް"ގެ ކުރެހުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތްތަކާ ގުޅޭގޮތުން ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނީ ކުރެހުމުގެ މަސައްކަތް ނިމުމާއެކު ކުރިއަށްއޮތީ ފައިނޭންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުން ކަަމަށާއި އެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ކުރާނެ ކަމަށެވެ.

ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް ރީހެބިލިޓޭޝަން ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމާފައިވާކަން މިނިސްޓަރު އަލީ އިހުސާން އިއުލާންކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.

"ހޯޕް އައިލެންޑް"ގެ ގޮތުގައި ހަމަޖައްސާފައިވަނީ ދ. ވާނީ އެވެ. އެއްފަހަރާ 400 ކުދިން އެތަނުގައި ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ފެސިލިޓީގައި ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް ހިންގުމަށް ވަނީ ނިންމައިފައެވެ.

ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި ބޭތިއްބުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި އޭގެފަހުން ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމައިފައެވެ.