ދައުލަތުގެ ވެލްފެއާ ނިޒާމު އިސްލާހުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އަންނަ އޮކްޓޫބަރުން ފެށިގެން، އެހެން އިންޝުއަރެންސް ޕޮލިސީ ގެންގުޅޭ މީހުންނަށް އާސަންދަ ލިބޭނީ އެ އިންޝުއަރެންސުން ކަނޑާފައި ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި، އެހެން އިންޝުއަރެންސް ސްކީމުތަކުގައި ބައިވެރިވެފައި ތިބި މީހުންނަށް އާސަންދަ ލިބޭ މައްސަލައިގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ އެކަންކަމަކީ މިހާރުވެސް އެންސްޕާއާ އެކުވެސް މަޝްވަރާ ކުރެވެމުން އަންނަ ކަންކަން ކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެންނަށް ފިނޭންސުން އެބައޮތް އިންސްޓްރަކްޝަންސް ލިބިފަ. އެއަށް މަސައްކަތް ކުރަން، އާސަންދަ ސްކީމުން ކަނޑާނީ ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ މީހެއް ވިއްޔާ ޕްރައިވެޓް އިންޝުއަރެންސުން ކަނޑާފަ ކަމަށް." ޒީނިޔާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ޑަބަލް އިންޝުއަރެންސަށް އަލަށް ތަންފީޒުކުރަން ފަށާ ސިޔާސަތުގައި އިޖާބަ ދެވިފައި ވާނެ ކަމަށެވެ.

"މިހާރު 1 އޮކްޓޫބަރުން ފެށިގެން އަޅުގަނޑުމެން އިމްޕްލިމެންޓް ކުރަން ފަށާ ބައެއް ކަހަލަ ޕޮލިސީސްތައް އެބަހުރި. އޭގެ ތެރޭގައި އެހެން އިންޝުއަރެންސެއް ހުރި ބޭފުޅެއް ކަމަށް ވާނަމަ، މިސާލަކަށް ބިލް ކްލިއާ ކުރާއިރުގައި އެންމެ ފުރަތަމަ އެބޭފުޅެއްގެ އިތުރު އިންޝުއަރެންސްއަކުން ކްލިއާ ކުރުމަށް ފަހު ދެން އާސަންދަ އެންސްޕާގެ ތެރެއިން އެބައި ކްލިއާ ކުރާ ކަހަލަ ގޮތަކަށް," އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް އެންސްޕާއިން އެހީ ދޭ ނިޒާމަށާއި އާސަންދައަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސިޔާސަތަށް ގެންނަން ވިސްނާ ބަދަލުތަކުގެ ޑްރާފްޓުތައް މިހާރު އެކުލަވާލައި ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ކެބިނެޓަށް އެ ކަރުދާސް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސަންދަ އާއި ޒަކާތު ފަންޑު ފަދަ ސަކީމްތަކުން އެހީ ފޯރުކޮށްދޭއިރު ރިފޯމްގެ ތެރެއިން އެ އެހީތައް ދެން ފޯރުކޮށްދޭނީ އެންސްޕާއިން ކަމަށެވެ. އޭގެ އިތުރުން ސަރުކާރު ކުންފުނިތަކާއި ބައެއް އިދާރާތަކުން، މަޖިލިސް ވެސް ހިމެނޭ ގޮތަށް، އަމިއްލަ ކުންފުނިތަކުން ނަގާފައިވާ އިންޝުއަރެންސް ޕޮލިސީތަކަށް ވެސް ބަޖެޓުން ހަރަދު ކުރާ ކަމަށް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މިހާރު ގެންނަ ރިފޯމުތަކުގެ ތެރެއިން މިކަމަށް ވެސް ހައްލުތަކެއް ލިބޭނެ ކަމަށެވެ. މި ބަދަލުތައް ތަންފީޒުކުރަން ފެށުމުން މުސްތަގުބަލުގައި ބަޖެޓުން ހަރަދުކޮށްގެން ހިންގާ ހުރިހާ ސްކީމަކުން އެހީތެރިކަން ފޯރުކޮށްދެވޭނީ އެންސްޕާގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މި ރިފޯމްގެ ތެރެއިން މި ހުރިހާ ސްކީމްތަކެއް، އެއީ ޒަކާތު ފަންޑުން ކަމަށް ވިޔަސް، އަދި އެހެން ގޮތަކުން ރައްޔިތުންނަށް މި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަށް ވާނަމަ ދެން މި އަންނަ ރިފޯމްގެ ތެރެއިން ހަގީގަތުގައި އެ ހުރިހާ އެހީތެރިކަމެއް ވެސް ފޯރުކޮށްދެވިގެން ދާނީ އެންސްޕާގެ ތެރެއިން," ހީނާ ވިދާޅުވި އެވެ.

މި ރިފޯމް މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ފެންވަރު އެނގޭ ސޯޝަލް ރަޖިސްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. މި ސޯޝަލް ރަޖިސްޓްރީ ގާއިމުކުރާނީ އެކަމަށް ކަނޑައެޅޭ ވަކި އުސޫލުތަކާ ގަވާއިދުތަކެއް ހަދައިގެން ކަމަށް ހީނާ ވިދާޅުވިއެވެ.

އޭރުން ވެލްފެއާ ނިޒާމު، ސަބްސިޑީ ނިޒާމު ނުވަތަ އާސަންދައިގެ ތެރެއިން ވެސް އެހީދޭއިރު އެ ރަޖިސްޓްރީގައި ހިމަނާފައިވާ ކްރައިޓީރިއާތަކުގެ ތެރެއިން އެހީ ފޯރުކޮށްދެވިގެން ދާނެ ކަމަށް ހީނާ ވިދާޅުވިއެވެ. މިއީ އެ ނިޒާމުތައް ރިފޯމް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގާއިމުކުރާ ރަޖިސްޓްރީއެކެވެ.

ހީނާ ވިދާޅުވީ މި ރަޖިސްޓްރީ ގާއިމުކުރާނީ އެއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދައިގެން ކަމަށެވެ. އޭގެ ތެރޭގައި ގޭބިސީތަކުގެ މައުލޫމާތާއި މީހުންގެ ދިރިއުޅުމުގެ ފެންވަރު ފަދަ މުހިންމު މައުލޫމާތުތައް ހިމަނާނެ ކަމަށެވެ.

"އެހެންވީމަ އެހީއަށް އެދޭ ފަރާތަކީ ނުވަތަ އަޅުގަނޑުމެން އެހީ ދޭން ޖެހޭ ފަރާތަކީ ކޮން ފަރާތްތަކެއްކަން އަޅުގަނޑުމެންނަށް އެ ސޯޝަލް ރަޖިސްޓަރީގެ ތެރެއިން ވަރަށް ބޮޑަށް އައިޑެންޓިފައި ވެގެން ދާނެ،" ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ މި ބަދަލުތައް ގެންނާނީ އެންމެ ބޮޑަށް އެހީ ބޭނުންވާ ފަރާތްތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނެ ފަދަ ނިޒާމެއްގެ ތެރެއިން ކަމަށެވެ. މި މަސައްކަތް ނިމުމުން ދައުލަތުން ދޭ އެހީތައް ކަނޑައަޅާނީ މި ރަޖިސްޓަރީއަށް ބިނާކޮށް ކަމަށް ވެސް ވިދާޅުވިއެވެ.