ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައާއި ހެޖުތެރޭގައި ބަހައްޓާފައި ހުންނަ ގޮނޑި އަދި މޭޒުތައް ފަދަ ތަކެތި ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފި އެވެ.

އެޗްޑީސީން އިއްޔެ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑިއާއި މޭޒުތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ދުވާރުމަތިން ގޮނޑިއާއި މޭޒުތައް ނަގަނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މިމަހުގެ އެއްވަނަ ދުވަހުކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެހެންވެ އެ ތަކެތި ނަގަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ގައާއި މިދިޔަ ޖުލައި 24 ގައިވެސް އަންގައިފައިވާނެ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު އެކަމަށް އިޖާބަދިންތަން ނުފެންނަ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

އެހެންވެ އެޗްޑީސީން ވަނީ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުތައް މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނަގަން ފަހު ފުރުސަތު ދީފައެވެ.

އެ ތާރީހަށް އެ ތަކެތި ނަގާފައިނުވާ ނަމަ، އެޗްޑީސީން އެ ތަކެތި ނަގައި، އެ ސަރަހައްދެއް ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން މުދަލަށް ލިބޭ ގެއްލުމަށް ޒިންމާނުވާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.