ލާމަރުކަޒީ ނިޒާމަށް އެ މަނިކުފާނު ގެންނަވަން ހުށަހަޅުއްވާ ބަދަލުތަކުގެ ސަބަބުން އެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން އެންމެ ތަންކޮޅެއްވެސް ކުޑަނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް އެ ކައުންސިލްގެ އިދާރާއަށް މިއަދު ވަޑައިގެން ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެ މަނިކުފާނު ފުރިހަމައަށް ގަބޫލުފުޅު ކުރައްވާ ނިޒާމެއް ކަމަށެވެ
ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަން ރައީސް ވަނީ ކުރިން އިއުލާން ކުރައްވައިފައެވެ. އެގޮތުން ރައީސް ވިދާޅުވެފައިވާ ގޮތުގައި، އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވުމުން ފުދޭނެއެވެ.
ސަރުކާރުން އެ ބަދަލު ގެންނަން އުޅޭތީ، އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ ސަރުކާރުގެ ބޭނުމަކީ ކައުންސިލްތައް ސައިޒުކޮށް ލާމަރުކަޒީ ނިޒާމު ފުޑާލުން ކަމަށް ތުހުމަތުކޮށްފައެވެ.
"ހަމައެކަނި އަޅުގަނޑު މިހާރު މި ބޭނުންވެގެން އުޅެނީ ނިޒާމުގެ އެފިސިއެންސީ އިތުރުކުރަން، ކުރިއަށް އޮތް ތަނުގައި ކުރަން ހުރި ކަންކަން މިހާރަށް ވުރެ ފުރިހަމައަށް ކުރުމުގެ ކަންތައްތަކެއް ގާނޫނަށް އިސްލާހުތަކެއް ގެނައުން. ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އެންމެ ތަންކޮޅެއްވެސް ކުޑަވާކަށް ބޭނުމެއް ނޫން. ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އޮވެގެން އެހެން ނަމަވެސް މިހާރަށް ވުރެ ތަންކޮޅެއް ބަރުހެލިކަން ކުޑަ، ބައެއް ރަށްރަށުގައި މިހާރަށް ވުރެ ސައިޒު ތަންކޮޅެއް ކުޑަވާން،" ރައީސް ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުމުގައި، މާލޭގެ މޭޔަރު، އާދަމް އާޒިމް ވަނީ ލާމަރުކަޒީ ނިޒާމަށް ރައީސް ދެއްވާ އަހަންމިއްޔަތު ކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން ވެރިޔަކު މާލޭ ސިޓީ ކައުންސިލަށް އަމިއްލަފުޅު އިސްނެންގެވުމަށް ވަޑައިގަތުމަކީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ، މިހާތަނަށް 160 އަށް ވުރެ ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި ބައްދަލުނުކުރެވި ހުރި ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ވަރަށް އަވަހަށް އަތޮޅުތެރެއަށް ދަތުރުތައް ފައްޓަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު