އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ޖައިޝަންކަރު މިއަދު ހެދުނު އައްޑުއަށް ވަޑައިގެންނެވުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު އަދި އައްޑޫގެ މަޖިލިސް މެންބަރުންނެވެ.

ޖައިޝަންކަރު، އައްޑުއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގައި ހިންގި ދެ މަޝްރޫއެއް ނިންމައި ދިވެހި ސަރުކާރާ ހަވާލުކުރައްވާނެއެވެ.

އެ މަޝްރޫއުތަކަކީ އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެންނަ ހަންކެޑެ މަޝްރޫއުގެ ދަށުން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާ ގުޅާލާ ހަންކެޑެ ބުރިޖްގެ މަޝްރޫއެވެ. މި ދެ މަޝްރޫއަކީ ވެސް އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި ދެ މަޝްރޫއެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ތިން ދުވަހަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާ ވެސް ބައްދަލުކުރައްވައިފައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާ ވެސް ޖައިޝަންކަރު ވަނީ ބައްދަލުކުރައްވައިފައެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގެ ތެރެއިން އޭނާ ވަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި 34 މަޝްރޫއެއް ނިންމައި އެ މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކުރައްވައިފައެވެ. އަދި ވަނީ ރާއްޖެއަށް ޔޫޕީއައި ގެނައުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.