ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރުގަދަ ކުރަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ ވިދާޅުވެއްޖެއެވެ.

ޝެރެޓަން މޯލްޑިވްސް ފުލްމޯން ރިސޯޓް އެންޑް ސްޕާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީގެ ވަފުދާ ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ އެމްޑީޕީއާ ބައްދަލުކުރެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

ޖައިޝަންކަރާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްއާއި ޕާޓީގެ ނައިބު ރައީސާ ހިސާން ހުސެއިންއާއި ޒުވާނުންގެ ހިތްވަރުގެ ރައީސާ ރިފްގާ ޝިހާމްއާއި އެމްޑީޕީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ކަމަށްވާ އާމިނަތު ޝައުނާ އަދި ހުސެން ޝަހީމްގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ޝާހިދު އެކްސްގައި ވިދާޅުވީ، ރާއްޖެއިން "އިންޓަނޭޝަނަލް 911" އަށް ގުޅައިފި ނަމަ، އަބަދުވެސް އެންމެ ފުރަތަމަ އިޖާބަ ދޭނެ ގައުމަކީ އިންޑިއާއަށްވާނެ ކަމުގެ ޔަގީންކަން ރާއްޖެއަށް އަބަދުވެސް އޮންނަ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އިންޑިއާއާ ދެކޮޅު ޝުއޫރުތައް އުފެއްދުމުގެ ސަބަބުން ރާއްޖޭގެ ބައިނަލްއަގުވާމީ ފެންވަރު ދަށަށް ގޮސް، އިގުތިސޯދީ ގޮތުންނާއި އެ ނޫންވެސް ގޮތްތަކުން ގޮންޖެހުންތައް ކުރިމަތިވި ކަމަށް ވިދާޅުވިއެވެ.

"މިކަންކަމަށް ވިސްނައި، ރައީސް މުއިއްޒުގެ ސަރުކާރުގެ ރާއްޖެ-އިންޑިއާ ސިޔާސަތު، ކުރީގެ އިންޑިއާ އައުޓް ސިޔާސަތުން ކުއްލިއަކަށް އަލުން ބައްޓަންވެގެން ދިއުމަކީ އެމްޑީޕީން މަރުހަބާ ކިޔާ ކަމެއް. އެމްޑީޕީން އުއްމީދު ކުރަނީ މި ބަދަލަކީ ވަގުތީ ބަދަލަކަށް ނުވުން. އަދި މި ބަދަލަކީ ދިވެހި ރައްޔިތުންނަށްޓަކައި ދެމެހެއްޓެނިވި އަދި މާނަހުރި ބަދަލަކަށް ވުން" ޝާހިދު ވިދާޅުވިއެވެ.