މާފަންނު ސަހަރާގެ ބައެއް ހުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީކައުންސިލުން އިއުލާނުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މިދިޔަ ޖޫން މަހުގެ 27 ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިވަގުތު ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ސިޓީކައުންސިލު ގުޅިގެން މާލޭގެ ޕާކިން މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން މަޝްވަރާކޮށް މަސައްކަތް ކުރާކަމަށެވެ.
އެގޮތުން މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް ޕާކިން ހަދާ ތަންތަނުގެ ތެރޭގައި މާފަންނު ސަރަހާގައި މިހާރު ހަދާފައިވާ ޕާކިން އޭރިއާ ބޮޑު ކުރުމަށް ސިޓީކައުންސިލުން ވަނީ ނިންމާފައެވެ.
ސިޓީކައުންސިލުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މާފަންނު ސަހަރާ ކޮނެ ސާފުކުރުމުގައި ގަބުރު ކަށި ފެންނަ ނަމަ އެ ކަށިތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދާނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެނެވެ.
މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައިވާގޮތުން ނަމަ އެ ސަހަރާއިން 36،153 އަކަފޫޓު ހުސްކުރުމަށް ވަނީ ނިންމާފައެވެ. އެ މަސައްކަތް ކުރުމަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
އެ މަސައްކަތުގެ ތެރޭގައި މާފަންނު ސަހަރާގެ 2.4 މީޓަރު އަޑިޔަށް ކޮނެ އެ ސަހަރާއިން ނަގާ ވެލި ފުރާނައި ހުޅުމާލެ ސަހަރާއަށް އެ ވެލިތައް ގެންދިއުން ހިމެނެއެވެ. އަދި މާފަންނު ސަހަރާގެ 742 ފޫޓުގެ ފާރު ނަގައި އުކާލުންވެސް ހިމެނެއެވެ.
އެމަސައްކަތާ ގުޅުންހުރި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ބުދަ ދުވަހުގެ 11:00 ޖަހާއިރު ހ. ހުޅުގަލި/އެއް ވަނަ ފަންގިފިލާ/ ކަރަންކާ މަގު، މާލެ ސިޓީކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމްގައެވެ. އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު، ހ. ހުޅުގަލި/ 1 ވަނަ ފަންގިފިލާ/ ކަރަންކާ މަގު، މާލެ ސިޓީކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު