ފޭރުމުގެ ދެ މައްސަލައެއްގައި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ ސްޕޯކްސްޕާސަންގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ރަސްފަންނުން އަތް ދަބަހަކާ ދެ ފޯނު ފޭރުނު މައްސަލައަކާ ގުޅިގެން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، ލަކީހައުސް، ސަފްވާން އަލީ (36އ) އަދި ގއ. ވިލިނގިލި، ޒިއުރިކުވިލާ، ހަސަން ތައުފީގު (40އ) ކަމަށް ފުލުހުން ބުންޏެވެ.

އިތުރު އެހެން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ހަމަ މިއަދު ހެނދުނުގެ ވަގުތެއްގައި ބިދޭސީއެއްގެ ވޮލެޓް ފޭރިގަތް މައްސަލައިގައި ކަމަށް ފުލުހުން ބުންޏެވެ.

ބިދޭސީ މީހާގެ ވޮލެޓް ފޭރިގަތް މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، ސަލްޓަންވިލާ، މުހައްމަދު ރިމާހު (31އ)އާއި ސ. މަރަދޫ، ސަލްޓަންވިލާ އިބްރާހިމް ޝުޖާއު (39އ) ކަމަށް ފުލުހުން ބުންޏެވެ.

"މި ދެ މީހުން ހައްޔަރުކޮށް ވޮލެޓް ހޯދައި، ފޭރުނު ފައިސާ ވެރިފަރާތާ ވަނީ ހަވާލުކޮށްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ވަނީ އެކި ކުށްތަކާ ގުޅިގެން ހައްޔަރުކުރާ މީހުންގެ ވަނަވަރު އާންމުކުރަން ފަށައިފައެވެ.