ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާއާއެކު ފުރަތަމަ ފަހަރަށް ސަބްޓައިޓަލް އަރުވަން ފަށައިފިއެވެ.
ހުތުބާގެ ތަރުޖަމާއާއެކު ސަބްޓައިޓަލް އަރުވަން ފަށާފައިވަނީ އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުރު ނަމާދުގެ ލައިވް އިން ފެށިގެންނެވެ. އެގޮތުން ޓީވީ ތަކުންނާއި އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖުން ގެނެސްދިން ލައިވްތަކުން ސަބްޓައިޓަލް ފެނިގެންދިޔައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކުރިއަށް އޮތް ހަފުތާއިން ފެށިގެން ޓީވީ ޗެނަލްތަކަށްވެސް ތަރުޖަމާގެ ފީޑު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުގެ ހުކުރު ހުތުބާއަކީ ފުރަތަމަ ފަހަރަށް އަންހެން އިލްމުވެރިޔަކު ލިޔުއްވި ހުތުބާއެއް ކަމަށެވެ.
އެ ހުތުބާ ލިޔުއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހައްވާ ލަތީފެވެ. މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ އާއިލީ ގުޅުން ދެމެހެއްޓުމުގެ މައްޗަށެވެ.
ހުތުބާގައި ބުނީ އާއިލީ ގުޅުންތައް ބަދަހިކޮށް ބާރުވެރިކުރުމަކީ އާއިލާގެ ކޮންމެ ފަރުދަކުމެ އިސްވެ އަދާކުރަން ޖެހޭ ވާޖިބެއް ކަމަށާއި އިންސާނީ ނަސްލު ބަލަހައްޓައި ނެގެހެއްޓޭނީ ފާރަވެރި، އޯގާތެރި، ކެތްތެރި އާއިލާއެއްގެ ހިޔާވަހިކަން ލިބިގެން ކަމަށެވެ. އަދި އިސްލާމްދީނުގައި އިންސާނީ ނަސްލަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
"އާއިލީ ގުޅުންތައް ވަރުގަދަވެގެން ނޫނީ މާތް ﷲގެ ޝިއާރުތައް މަތިވެރިކުރާނެ، މުޖުތަމައެއް ބަލަހައްޓައި ދިފާއުކުރާނެ ގާއިދުންނާއި ފަހުލަވާނުން ނުއުފެއްދޭނެއެވެ. އާއިލީ ޒިންމާގެ ތެރޭގައި މުޖުތަމައަށް ބޭނުންވާ ހުރިހާ ދާއިރާތަކުން މީހުން ބިނާކުރުން ހިމެނެއެވެ. އޭގެ ތެރޭގައި މުފައްކިރުންނާއި އެދުރުންނާއި ފަންނުވެރިންނާއި މަސައްކަތްތެރިންނާއި ފާރަވެރިން އުފެއްދުން ހިމެނެއެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ އާއިލީ ގުޅުމުގެ ބޭނުމަކީ އެފަދަ ޝަހުސިއްޔަތުތައް ބިނާކުރުން ކަމަށާއި އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނީ އާއިލީ ގުޅުން ހަރުދަނާކުރެވިގެން ކަމަށެވެ. އަދި އާއިލީ ގުޅުން ހަރުދަނާކުރުމަށްޓަކައި އާއިލާގެ މެންބަރުންގެ މެދުގައި އެއްބާރުލުމާއި އެއްބައިވަންތަކަން ގާއިމުކުރަން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު