ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕުން ބޭނުންވީ އެމަނިކުފާނު ޖަލުގައި ބޭއްވުމަށް ކަމަށާއި އެއީ އިހުލާސްތެރި ބައެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުންނަށް ގުޅައިގެން އެމަނިކުފާނު ޖަލުގައި ބާއްވަން އެންގި މީހުންނަކީ ކޮބައިކަން ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެނގޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ބޭއްވީ އަމިއްލައަށް ވެރިކަން ހޯދަށޭ، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވިދާޅުވެވުނީ އިއްތިފާގުން ވެސް ހަމަ ރަނގަޅަށް ކަމަށް ޔާމީން ވިދާޅުވިއެވެ.
"ހަމަ ހަގީގަތުގައި ވެސް އެބޭފުޅުން ބޭނުންފުޅުވީ އަޅުގަނޑު ޖަލުގައި ބާއްވައިގެން އެބޭފުޅުން އިންތިހާބަށް ނެރޭ މީހަކު ނެރެން. އެހެންވީމާ އެތަނުގައި އިސް ސަފުގައި ތިބީ އިހުލާސްތެރިންނޭ ކިޔާފައި ދައްކާ ވާހަކައަކީ ކާކު ގަބޫލުކުރާނެ ވާހަކައެއްތޯ، އެތަނުގައި އެ ތިބި މީހުންނަކީ އިހުލާސްތެރި މީހުންނެއް ނޫން. އެތަނުގައި އެތިބި މީހުންނަކީ ސިޔާސީ ވަކި މަސައްކަތެއްގައި އަޅުގަނޑާއެކު އުޅުނު މީހުން. އިހުލާސްތެރި މީހުންނެއް ނޫން އެއީކީއެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސްކުރައްވައިގެން ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ދައްކަވަމުންދިޔައީ ދޮގު ވާހަކަތަކެއް ކަމަށާއި ރައީސް މުއިއްޒު އެގޮތަށް އިލްތިމާސްކުރައްވާފައި ނުވާ ކަމަށެވެ.
"އެމީހުން ބުނަން ވެސް ބުނީ، ތިމަންނަ ރައީސް ޔާމީން ދޫކޮށްލާނަމޭ، އެކަމަކު އެމީހުންގެ ވިސްނުމުގައި ބުނީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިމެންދެން. މިހާރު އެމީހުން ދޫކުރަން ބޭނުންވާ މީހުން ކޯޓުތަކުގެ ތެރެއިން މިހާރު އެ ހުރި ޕީޖީ ލައްވައި، ހަމަ ރައީސް މުއިއްޒު އެ ދޫކުރުވަނީ. ދެން އަޅުގަނޑުގެ މައްސަލަ ކޯޓުގައި ހިނގާނެ، އެއީކީ އަޅުގަނޑަށް މައްސަލައެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ހައި ކޯޓުގައި މައްސަލަ ދިޔަ އިރު، އެއަށް ނުފޫޒު ފޯރުވި މީހުންނާއި ހައި ކޯޓުގެ މައްސަލަ ލަސްކުރުވި މީހުންނާއި ހައި ކޯޓުގެ ފަނޑިޔާރެއް ފުރުވާލައިގެން އަޔަނުދީ ހިފެހެއްޓި މީހުންނާއި ޕީޖީ އޮފީހުގެ ވަކީލުން ތިން ހަތަރު ޖަލްސާއަށް ހާޒިރުނުވި ގޮތް އަދި އެކަން ކުރުވި މީހުން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށް އޭރު ރައީސް އޮފީހުން ގުޅުއްވި ބޭފުޅުންނާއި ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕުން ފަނޑިޔާރުންނަށް ގުޅުއްވި ބޭފުޅުން ވެސް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު