ހދ. ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކޮށް އެތަން ހުޅުވައި އޮޕަރޭޝަންތައް ފެށެން ވާއިރަށް އެ ސަރަހައްދުގައި މަތީ ފަންތީގެ ތިން ރިސޯޓް ހުޅުވަން އިންޑިއާގެ އިންވެސްޓަރުން ލިބޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ހާމަކުރައްވައިފި އެވެ.

އެމްއެމްޕީއާރްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، އިންޓަނޭޝަނަލް އެއާޕޯޓެއް އެންމެ ރަނގަޅު ގޮތުގައި ހިންގަން އެ ސަރަހައްދުގައި 4،000-6،000 އެނދު ހުންނަން ޖެހޭނެ ކަމަށެވެ.

މިދިޔަ ހަފުތާގައި އިންޑިއާގައި ކުރިއަށް ދިޔަ 'ވެލްކަމް އިންޑިއާ' ރޯޑްޝޯއަކީ ކާމިޔާބު ހަރަކާތެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އަމާޒަކީ، މި އަހަރުގެ ތެރޭގައި އިންޑިއާގައި އިންވެސްޓްމެންޓް ފޯރަމެއް ބޭއްވުން ކަމަށެވެ.

"މި އަހަރު ތެރޭ އަދި އެއްފަހަރު އިންޑިއާއަށް ދާން ބޭނުމީ. އިންވެސްޓާ ފޯރަމް ހަނިމާދޫ އެއާޕޯޓް ހުޅުވެންވާއިރަށް އަޅުގަނޑުމެން މި ބޭނުންވަނީ އެތަނުގެ ހައިއެންޑްގެ 2-3 ރިސޯޓް ޕްރޮޖެކްޓެއް ފެށޭވަރަށް އިންވެސްޓަރުންތަކެއް ހޯދުން. އެއީ އަމާޒަކީ. މިއަހަރު ތެރޭ ބާއްވާނަން،" މިނިސްޓަރު ވިދާޅުވިެވެ،

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާގެ ޓޫރިޒަމް ޑިވަލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ހުޅުވެންވާއިރަށް އެ ސަރަހައްދުގައި ޓޫރިޒަމްގެ އެނދުތަކެއް ނުހެދިއްޖެ ނަމަ އެ އެއާޕޯޓަކީ ބޭނުން ނުކުރެވޭ ތަނަކަށް ވެ، ދައުލަތުގެ ހަރަދުތައް އިތުރުވެދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރުއްސުރެ، އެ ސަރަހައްދުގައި އިސްވެސްޓުކުރަން ޖެހޭ ކަމަށާއި ބައެއް ސަރަހައްދުތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާނުވެގެން އުޅެނީ އެ ސަރަހައްދުތަކަށް ދިއުމަށް ދަތުރުފަތުރަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ކަމަށެވެ. ނަމަވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ފުރާ ފުރިހަމަވުމުން ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަވާނެ ކަމަށް ވިދާޅުވިއެވެ،

އިންޑިއާގެ އެކްޒިމް ބޭންކުން 136.6 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އެ ގައުމުގެ ޖޭއެމްސީ އެކްސްޕޯޓްސްއާ ހަވާލުކޮށްގެން ހަނިމާދޫ އެއާޕޯޓް ތަރައްގީގެ ކުރުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލަކާއެކުއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެ މަޝްރޫއު އަންނަ އަހަރުގެ މާޗަށް ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.