ޕޮންޒީ ސްކީމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަށް ޖަވާބުދާރީވުމަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްަތެއް މިއަދު ދީފިއެވެ.

ކުރިމިނަލް ކޯޓުގައި މި މައްސަލައިގެ ދައުވާ ފެށީ ހުސްވި މެއި މަހުގެ 14 ގައެވެ. ނަމަވެސް ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވާފައި މިވަނީ، އެ ދުވަހުން ފެށިގެން ވަކީލުން އައްޔަން ކުރުމަށް ދައުވާ ލިބޭ ފަރާތްތަކަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލައިގައި އަލްހާނު ފަހުމީގެ އިތުރުން އޭނާގެ ދެ ކޮއްކޮ ކަމަށްވާ، ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީން ކުރެ ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ އެ ތިން މީހުންގެ މައްޗަށް ދައުލަތުން ދައުވާ ހުށަހެޅުމާއި އެ ދައުވާތަކަށް އެ ތިން މީހުންގެ ފަރާތުން ޖަވާބުދިނުމެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، އެ ތިން މީހުންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް އިން 2021 ވަނަ އަހަރާއި، 2022 ވަނަ އަހަރު، އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ، ފައިސާ ޓަކައިގެންފައިވާ ކަމަށެވެ.

އެ ދައުވާތަކަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި ދައުވާ ލިބޭ ތިން މީހުންގެ ދިފާއީ ވަކީލު އަލީ ސައީދު ވިދާޅުވީ، ދައުވާތަކަށް ޖަވާބުދާރީވާން 15 ދުވަހުގެ މުއްދަތެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ މައްސަލަތަކުގެ ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަންވީ މިއަދު ހެނދުނުކަމަށް ވެފައި، ދައުވާތަކުގައި ސާފު ނުވާ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ ދިފާއީ ވަކީލު އެދިވަޑައިގެން ފުރުސަތު ދެއްވާފައެވެ.