މި ކޮލަމުގައި އެންމެ ފަހުން ޝާއިޢު ކުރެވުނު ލިޔުމުގައި ބަލައިލެވިފައި ވާނީ ޤައުމިއްޔަތުގެ މަފްހޫމުގެ މައްޗަށެވެ. މި ފަހަރު ވާހަކަ ދައްކައިލާން ގަސްތު ކުރަނީ، ދިވެހި ޤައުމިއްޔަތުގެ ރުކުންތަކާ ބެހޭގޮތުންނެވެ.
ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ވެސް ޤައުމިއްޔަތުގެ ރުކުންތަކޭ ކިޔައިފައި ވަކި ކަންތައްތަކެއް ބަލައިގަނެފައި ހުރެއެވެ. މިސާލެއްގެ ގޮތުން، މެލޭޝިއާ އަކީ ޤައުމިއްޔަތުގެ ރުކުންތަކެއް އެކަށައަޅައި، އެ ރުކުންތައް ރައްކައުތެރި ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ޤައުމެކެވެ. މެލޭޝިއާގެ ޤައުމިއްޔަތުގެ ރުކުންތައް އެކަށައެޅި އިޢުލާން ކުރެވުނީ 1970 ވަނަ އަހަރު ނެރެވުނު ޝާހީ ޤަރާރަކުންނެވެ. އެ ޤަރާރު ނެރެވުނީ މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށެވެ. އެކަން ކުރުމުގެ މައިގަނޑު ސަބަބަކީ، 1969 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ހިނގި ދާޚިލީ ހަމަނުޖެހުންތަކެވެ. އެ ހަމަނުޖެހުންތަކަށް ފަހު، މެލޭޝިއާގެ ޤާއިދުންނަށް އެއްބަސް ވެވަޑައިގެންނެވުނީ، ޤައުމުގެ ޤައުމިއްޔަތު ރައްކައުތެރި ކުރުމަށް ޓަކައި ޚާއްޞަ މަސައްކަތްތަކެއް ނުކުރެވިއްޖެއްޔާ، ޒަމާނުގެ އެކިއެކި އޮއިވަރުތަކުގެ ތެރޭގައި ޤައުމިއްޔަތު އޮޔައިލައި ހިނގައިދާނޭ ކަމުގައެވެ. ޤައުމު ބައިބައި ވެގެން ހިނގައިދާނޭ ކަމުގައެވެ. ދެން ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއަކީ "ރުކުން ނެގާރާ މެލޭޝިއާ" އެވެ. އާދެ، މެލޭޝިއާގެ ޤައުމިއްޔަތުގެ ރުކުންތަކެވެ. އޭގެ ތެރޭގައި ހިމެނެނީ މާތްރަސްކަލާނގެ ރަސްކަންފުޅަށް އީމާން ވުން، ރަސްކަމާއި ޤައުމަށް ވަފާތެރިވުން، ޤާނޫނުއަސާސީގެ ސިޔާދަތު، ޤާނޫނުގެ ވެރިކަން، އަދި ރިވެތި އަޚްލާޤާއި އަދަބުތައް މި ފަސް ކަންތަކެވެ. "ރުކުން ނެގާރާ މެލޭޝިއާ" ރައްކައުތެރިކޮށް ދެމެހެއްޓުމަށް ޓަކައި ކުރެވޭ މަސައްކަތްތައް ފުޅާ ވެފައި ވަރުގަދައެވެ. އޭގެ ތެރޭގައި، މަދަރުސާތަކުގައި ހުރިހައި ދަރިވަރުންނަށް އެ ރުކުންތައް ކިޔަވައިދިނުމުން ފެށިގެން ގޮސް، ޤައުމުގެ ޤާނޫނުތަކާއި ސިޔާސަތުތައް އެކަށައެޅުމުގައި އެ ރުކުންތަކަށް ތަބަޢަ ވުމާ ހަމަޔަށް އެތައް ކަމެއް ހިމެނެއެވެ.
ޤައުމިއްޔަތުގެ ރުކުންތައް ދެނެގަނެ، އެ ކަންކަން ރައްކައުތެރި ކުރުމުގެ ޒަރޫރަތަކީ ބަސްތަކަކުން ބަޔާން ކޮށްދެވޭ ވަރަށް ވުރެ މާ ބޮޑު ޒަރޫރަތެކެވެ. އެއީ ޤައުމަކަށް އެންމެ މުހިއްމު އެއް ކަންތަކެވެ. ދިވެހި ޤައުމުގެ ސިޔާގުގައި މި ކަމުގެ ވާހަކަ ދައްކާ އިރު، ޤައުމިއްޔަތުގެ ރުކުންތައް ދެނެގަނެ އެ ރުކުންތައް ހެޔޮ ގޮތުގައި ރައްކައުތެރި ކުރުމުގެ މައިގަނޑު ތިން ސަބަބެއް ފާހަގަ ކުރެވިދާނެއެވެ.
ފުރަތަމަ ސަބަބަކީ، އަހަރުތަކެއްގެ އިހުމާލާއި ޚިޔާނާތާއި ދޯދިޔާކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ޤައުމިއްޔަތާއި ޤައުމީ ޝަޚްޞިއްޔަތު ފުން ވަޅުގަނޑަކަށް ވެއްޓިފައި އޮތްއޮތުމެވެ. ދިވެހި ޤައުމިއްޔަތު ޙިމާޔަތް ކޮށް ރައްކައުތެރި ކުރުމަށް ޓަކައި ޚާއްޞަ މަސައްކަތްތަކެއް ނުކުރެވިއްޖެއްޔާ، އެ ޤައުމިއްޔަތު ގެއްލިގެން ނެތިގެން ހިނގައިދާނޭކަމުގެ ބޮޑު ބިރުވެރިކަމެވެ. ޤައުމިއްޔަތު ރައްކައުތެރި ކުރެވޭނީ، ޝައްކެއް ނެތް ގޮތުގައި، ޤައުމިއްޔަތު ދެނެގަނެވިގެންނެވެ. ޤައުމިއްޔަތު ދެނެގަނެވޭނީ، އޭގެ ސޫރަ އާއި ޖައުހަރު ދެނެގަނެވިގެންނެވެ. ޤައުމިއްޔަތުގެ ޖައުހަރަކީ، ޤައުމިއްޔަތު އެ މައްޗަށް ބިނާ ވެފައި ވާ ރުކުންތަކެވެ.
ދެވަނަ ސަބަބަކީ، އަޅުގަނޑުމެންގެ ސަރުކާރުތަކުން ޤައުމުގެ ދާޚިލީ އަދި ޚާރިޖީ އެންމެހައި ސިޔާސަތުތަކާއި (Policies) ޢަމަލީ މަންސޫބާތައް (Action Plans) އެކަށައެޅުމުގައި، އެ ބިންގަލަކަށް ތަބަޢަ ވާ އަދި އެ ނަމޫޒަޖެއްގެ (Paradigm) ތެރޭގައި ހުރިހައި ކަމެއް ކުރާ ބިންގަލަކާއި ނަމޫޒަޖެއް އެންމެންނަށް ވެސް ފެންނާނޭ ގޮތެއްގައި، އަދި ތަބަޢަ ވާން ފަސޭހަ ގޮތެއްގައި އެކަށައެޅިފައި ނެތުމުގެ ސަބަބުންނާ ވެސް އެކީ، ދިވެހި ޤައުމިއްޔަތަށް ޚިޔާނާތްތެރި ގޮތްގޮތަށާއި، ޤައުމިއްޔަތަށް ކަނޑައެޅިގެން ގެއްލުމާއި ހަލާކު ގެންނަނިވި ގޮތްގޮތަށް ސަރުކާރުތަކުގެ ދާޚިލި އަދި ޚާރިޖީ ސިޔާސަތުތަކާއި ޢަމަލީ މަންސޫބާތައް އެކަށައެޅެމުން ދިޔުމެވެ. ޤައުމިއްޔަތުގެ ރުކުންތައް އެކަށައެޅި، އޭގެ މައްޗަށް މުޅި ޤައުމު ހެއިލުންތެރި ކުރެވުމުން، ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތައް ޤައުމިއްޔަތުގެ މަގުގައި ސީދާ ކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަން ކަށަވަރެވެ. ސިޔާސީ ޕާޓީތަކުގެ މަޞްލަޙަތަށް ޤައުމު ހިންގުން ހުއްޓުވޭނީ ވެސް މިފަދަ މަސައްކަތްތަކުންނެވެ.
ތިންވަނަ ސަބަބަކީ، ޤައުމީ ތަރައްޤީ އާއި ކުރިއެރުމުގެ ހެޔޮ މިޞްރާބު ކަނޑައެޅުމަށް ޓަކައި، ތަރައްޤީގެ ނަމޫޒަޖެއް އަދި ސަމުގާއެއްގެ ގޮތުގައި ޤައުމިއްޔަތުގެ ރުކުންތަކުގެ އަހައްމިއްޔަތެވެ. ޤައުމެއް ތަރައްޤީ ކުރުމުގައި، ރޫޙާނީ، އަޚްލާޤީ، ޢިލްމީ، ނަފްސާނީ، އަދި މާއްދީ އެކިއެކި ރޮނގުރޮނގުން، ފަރުދުންނާއި މުޖުތަމަޢުގެ ތަރައްޤީއަށް ތަފާތު އެތައް މަސައްކަތްތަކެއް ކުރެވެއެވެ. މި މަސައްކަތްތައް އެއް ކަމެއް އަނެއް ކަމަކާ އަރައިރުން ނުވާ، ވަށައިޖެހޭ، ޝާމިލު، މާނަވެރި، ދެމެހެއްޓެނިވި، ޤައުމުގެ މުވާޠިނުންނަށް ޙަޤީޤީ ބާއްޖަވެރިކަމާއި މަންފާ ގެނެސްދޭ ކަންތައްތަކަކަށް ވާނީ، އެ މަސައްކަތްތަކަކީ ޤައުމުގެ ޙަޤީޤީ ޤައުމިއްޔަތުގެ ނަމޫޒަޖުގެ މަތީގައި، އެ ޤައުމިއްޔަތުގެ ބިންގަލުގެ މަތީގައި ކުރެވޭ ކަންތައްތަކަކަށް ވެގެންނެވެ. އެ ޤައުމިއްޔަތު ދިރުވައި، އާލާ ކޮށް، ދަމަހައްޓައި، ރައްކައުތެރި ކުރެވޭނޭ މަގުން ކުރެވޭ މަސައްކަތްތަކަކަށް ވެގެންނެވެ. ޤައުމުގެ ޙުކޫމަތާއި، މުއައްސަސާތަކާއި، ނިޒާމުތަކާއި، ކުރިއެރުމާއި ތަރައްޤީއަށް ކުރެވޭ ކޮންމެ ކަމެއް އަދި ކޮންމެ ފިޔަވަޅެއްގެ މައިގަނޑު އަދި އާޚިރީ ލަނޑުދަނޑިއަކީ ޤައުމިއްޔަތުގެ ރުކުންތައް ކަމުގައި ހަދައިގެންނެވެ. އެހެންކަމުން، ޤައުމެއް ތަރައްޤީ ކުރާން އެދޭ ބަޔަކު އެންމެ ފުރަތަމަ ކުރާން ޖެހޭ އެއް ކަމަކީ، އެ ތަރައްޤީގެ ބިންގާ، އޭގެ ނަމޫޒަޖު، އަދި އޭގެ ސަމުގާގެ ގޮތުގައި ޤައުމިއްޔަތުގެ ރުކުންތައް ދެނެގަތުމެވެ.
ދިވެހި ޤައުމިއްޔަތުގެ ރުކުންތަކަކީ ކޮބައިހެއްޔެވެ؟
ޤައުމިއްޔަތާއި ޤައުމިއްޔަތުގެ ރުކުންތަކަކީ ބަޔަކު އުފައްދާ ޚިޔާލީ ކަންތައްތަކެއް ނޫނެވެ. އެއީ ޤައުމެއްގެ ޝަޚްޞިއްޔަތުގައި އެކުލަވާ ކަންތައްތަކެކެވެ. ޤައުމީ ޝަޚްޞިއްޔަތުގެ ބިންގާ ކަމަށް ޒަމާނުއްސުރެ ވެފައި ހުންނަ ކަންތައްތަކެކެވެ. ކޮންމެ ޤައުމެއްގެ ވެސް ޤައުމީ ޝަޚްޞިއްބަތު ބިނާ ވެގެން އަންނަނީ، އެ ޤައުމެއްގެ ނަސްލީ އަދި ޤަބީލީ ޝަނާކަތުން (Ethnic Identity) ނެވެ. އެ ޤައުމެއްގެ ސަގާފަތުގެ ތެރެއިންނެވެ. އެ ޤައުމެއްގެ ތާރީޚުންނެވެ. އެ ޤައުމެއްގެ ރައްޔިތުންގެ އަސާސީ ޤަބޫލުކުރުންތަކުންނެވެ. އެ ބައެއްގެ އަސާސީ ބަވަނަޒަރުގެ (worldview) ބިންގަލުންނެވެ. އެ ބައެއްގެ ޤައުމީ ތަޖުރިބާތަކުން ލިބިދޭ ފިލާވަޅުތަކާއި ޢިބުރަތްތަކުގެ ތެރެއިންނެވެ. މި ކަންކަމުގެ މައްޗަށް އިޚްލާޞްތެރި ނިޔަތުގައި ބަލައި ފިކުރު ކުރުމުން، އެ ޤައުމެއްގެ ޤައުމިއްޔަތުގެ ރުކުންތައް ފެންނާނެއެވެ.
ދިވެހި ޤައުމިއްޔަތުގެ ރުކުންތަކުގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވެނީ ދިހަ ކަމެކެވެ. އޭގެ ތެރޭގައި، މައިގަނޑު އެއް މައުޟޫޢެއްގެ ދަށަށް ލެވިދާނޭ ކަންކަން ވެސް އެބަހުއްޓެވެ. އެހެން ނަމަވެސް، އެ ކަންކަން ވަކި ކުރުމުގައި، އަޅުގަނޑުގެ ވިސްނުމަކީ އެއިން ކޮންމެ ކަމެއް ވެސް ވީހައި ބޮޑަށް ޡާހިރު (visible) ކޮށް، ވާޟިޙު (obvious) ކޮށް، މުހިއްމު އަސާސެއްގެ ގޮތުގައި ފާހަގަ ކުރުމެވެ. މައިގަނޑު މައުޟޫޢެއްގެ ދަށަށް ލެވޭ ކޮންމެ އެއްޗެއް، އެ މައިގަނޑު މައުޟޫޢުގެ ވާހަކަތަކުގެ ތެރޭގައްޔާއި ފަހަތުގައި ކޮންމެވެސް މިންވަރަކަށް ނަމަވެސް ފޮރުވިގެން ދިޔުމަކީ ޢާއްމުކޮށް ކަން ހިނގާ ގޮތް ކަމަށް ވާތީއެވެ. އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ޙާލަތު އޮތް ގޮތުން، ދަންނަވާން މި އުޅޭ ކަންތައްތަކުގެ ތެރެއިން ކޮންމެ ކަމެއް ވެސް ވަރަށް ސާފުކޮށް ފެންނަ ފަށަށް ގެނެސް، ދެނެގަނެ، ރައްކައުތެރި ކުރުމަކީ ވަރަށް ބޮޑު ޒަރޫރަތަކަށް ވެފައި ވާތީއެވެ.
ދިވެހި ޤައުމިއްޔަތުގެ ފުރަތަމަ އަދި އެންމެ މައިގަނޑު އެއް ރުކުނަކީ އީމާނެވެ. ނުވަތަ އީމާންކަމެވެ.
މި ރުކުނުގެ މާނައަކީ، ގަދަކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަކީ އިންސާނުންނާއި މުޅި ކާއިނާތު ހެއްދެވި، އިންސާނުންގެ ވެރި ރައްބު ކަމާއި، އަޅުގަނޑުމެން ލޮބުވަތައި ކިޔަމަންތެރި ވެ އަޅުކަން ކުރާން ޖެހޭ އިލާހުކަން ދެނެގަނެ އެ ޙަޤީޤަތް ޤަބޫލު ކުރުމުގެ މައްޗަށް، ދިވެހި ޤައުމިއްޔަތުގެ ބިންގާ އެޅުމެވެ. އާދަމް ޢަލައިހިއްސަލާމާ ހަމައިން ފެށިގެން، ނަބީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމަޔަށް އެކަލާނގެ ފޮނުއްވެވި ރަސޫލުންގެ ރިސާލަތަކީ އިންސާނާގެ ދުނިޔަވީ އެންމެހައި ކަންކަން އެ ޙަޤީޤަތެއްގެ މައްޗަށް ބިނާ ކުރާން ޖެހޭ ޙަޤީޤަތް ކަމަށް ފުރިހަމަ ގޮތުގައި އިޢުތިރާފު ވުމުގެ މައްޗަށް ދިވެހި ޤައުމުގެ ބިނާގެ ކަންމުޑިތައް ޖެހުމެވެ. ﷲ ގެ ޙަޟުރަތަށް ޖަވާބުދާރީ ވާން ޖެހޭކަމުގެ ޙަޤީޤަތުގެ މައްޗަށް އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާ ކުރުމެވެ. މުޙައްމަދިއްޔަ ރިސާލަތަކީ އަޅުގަނޑުމެންގެ ޤައުމާއި ޤައުމިއްޔަތުގެ އަސާސީ "ބްލޫ ޕްރިންޓް" ކަން ޤަބޫލު ކުރުމެވެ. އެކަލޭގެފާނު ގެންނެވި ކީރިތި ޤުރްއާނަކީ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އާއި މުޅި އިޖުތިމާޢީ އަދި ސިޔާސީ ނިޒާމު އެމައްޗަށް ބިނާ ވާ، އެންމެ ވަރުގަދަ "ސުޕްރާ-ކޮންސްޓިޓިޔުޝަނަލް" ބުންޔާދުކަން ޤަބޫލު ކުރުމުގެ މައްޗަށް، އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާ ކުރުމެވެ. ދުނިޔޭގައި އިންސާނާ ތަބަޢަ ވާން އޮތް ދެ ނަޒަރިއްޔާތީ އަސާސަކީ "ރުބޫބިއްޔަ ނަމޫޒަޖު" (The Godly Paradigm) އާއި "އިބްލީސީ ނަމޫޒަޖު" (Iblisian Paradigm) ކަމުގެ ޙަޤީޤަތް ފުރިހަމައަށް ދެނެގަނެ، "ގޯޑް ޕެރަޑައިމް" އަށް އީމާން ވުމުގެ މައްޗަށް އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ޝަޚްޞިއްޔަތު ބިނާ ކުރުމެވެ. އަޅުގަނޑުމެންގެ ސިޔާސީ ނިޒާމާއި، ޤާނޫނީ ނިޒާމާއި، އިޤްތިޞާދީ ނިޒާމާއި، ތަޢުލީމީ ނިޒާމާއި، ޢާއިލީ ނިޒާމާއި ދެންވެސް މުޖުތަމަޢުގެ "ސުޕަރސްޓްރަކްޗަރ" ގެ ހުރިހައި ބައިތަކެއްގެ ޖައުހަރާއި ސޫރަ އަދި އެ ނިޒާމުތައް ހިނގާ ގޮތާއި ކުރިޔަށް ދާ މިސްރާބު ކަނޑައަޅަނީ ﷲ ގެ ރައްބުވަންތަކަމާއި އިލާހުވަންތަކަމަށް އަޅުގަނޑުމެން ވާ އީމާންވުން ކަމަށް ހެދުމެވެ.
ދިވެހި ޤައުމިއްޔަތުގެ ދެވަނަ މައިގަނޑު ރުކުނަކީ އިސްލާންކަމުގެ ރުކުނެވެ.
މި ރުކުނުގެ އަސާސީ މާނައަކީ، އީމާންކަމުގެ ބިންގަލުގެ މަތީގައި ޢަމަލިއްޔާތުގެ ޢިމާރާތް ބިނާ ކުރުމެވެ. އާދެ، ﷲ ގެ ޝަރީޢަތް އޭގެ ފުރިހަމަ އަދި ޝާމިލު މާނައިގައި ތަންފީޛު ކުރުމެވެ. "ޝަރީޢާ މުޖުތަމަޢެއް" ޝާމިލު ގޮތެއްގައި ބިނާ ކުރުމެވެ. ކޮންމެ ފަރުދަކީ، އަދި ކޮންމެ ޢާއިލާ އަކީ، އަދި ޖުމުލަކޮށް މުޅި މުޖުތަމަޢަކީ ޝަރީޢަތުގެ އަސާސްތަކާއި އުޞޫލުތަކާއި ޙުކުމްތަކުގެ މަތީގައި ބިނާ ވާ މައުޖޫދުތަކަކަށް ހެދުމެވެ.
ޤައުމިއްޔަތުގެ ރުކުނަކަށް އިސްލާންކަން ވުމުގެ މާނައަކީ، އިންސާނާ އަކީ ﷲ ގެ ޚަލީފާއެއްކަން ޤަބޫލު ކުރުމުގެ މައްޗަށް، ޤައުމުގެ އެންމެހައި ކަންކަން ބައްޓަން ކުރުމެވެ. ޤައުމެއްގެ ގޮތުގައި އަދި މުޖުތަމަޢެއްގެ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަސްލީމު ކުރުމެވެ. ޝަހާދަތުގެ ކަލިމަފުޅަށް އަޅުގަނޑުމެންގެ އިޖުތިމާޢީ އެންމެހައި ކަންކަމުގައި ތެދުވެރި ވުމެވެ. ނަމާދާއި ރޯދަ އާއި ޒަކާތާއި ޙައްޖުގެ މައްޗަށް – މުޤައްދަސް ބަސްތަކާއި ޢަމަލުތަކާއި ވަގުތުތަކާއި ތަންތަނާއި ޙަޤީޤަތްތަކުގެ މައްޗަށް – އިޖުތިމާޢީ އޮނިގަނޑު ބިނާ ކުރުމެވެ. އެންމެ މަތިވެރި ޙާކިމަކީ، ސިޔާދަތުގެ ވެރިފަރާތަކީ، އަދި ހެވާއި ނުބައިގެ އާޚިރީ އޮތޯރިޓީ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާކަން ދެނެގަނެ، އެ ދެނެގަތުމުގެ މައްޗަށް ޤައުމީ ޙަޔާތުގެ އެންމެހައި ކަންތައްތައް ސީދާ ކުރުމެވެ. އަޅުގަނޑުމެންގެ ޤައުމުގެ ޙަޤީޤީ އަދި ދާއިމީ އިމާމަކީ ރަސްކަލެއް ބޮޑުވަޒީރެއް ރައީސުލްޖުމްހޫރިއްޔާއެއް ފަނޑިޔާރެއް ނުވަތަ ސިޔާސީ ޕާޓީއެއް ނޫންކަމާއި، އަޅުގަނޑުމެން އެންމެންގެ ޙަޤީޤީ އަދި ދާއިމީ އިމާމަކީ މުޙައްމަދު ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަކަން ޢަމަލީ ގޮތުން ބަލައިގަތުމެވެ.
އާދޭހެވެ! ޤައުމިއްޔަތުގެ ރުކުނަކަށް އިސްލާންކަން ހެދުމަކީ، "އިބްލީސީ ނަމޫޒަޖާ" ހުރިހައި ގޮތަކުން ދުރުހެލި ވެ، "ރުބޫބިއްޔަ ނަމޫޒަޖު" ގެ މައްޗަށް ޤައުމީ ޙަޔާތުގެ އެންމެހައި ކަންކަން ބިނާ ކުރުމެވެ. ސިޔާސީ ނިޒާމާއި، ޤާނޫނީ ނިޒާމާއި، އިޤްތިޞާދީ ނިޒާމާއި، ތަޢުލީމީ ނިޒާމާއި، ޢާއިލީ ނިޒާމާއި ދެންވެސް މުޖުތަމަޢުގެ "ސުޕަރސްޓްރަކްޗަރ" ގެ ހުރިހައި ބައިތަކެއް ތަންޒީމު ކުރަނީ އިސްލާމީ ތަޢުލީމާތުގެ މައްޗަށް ކަމުގައި ހެދުމެވެ. އިސްލާމް ދީން އެއްފަރާތް ކޮށް، ހުޅަނގުން ނުވަތަ އެހެން ދިމާޔަކުން ވިޔަސް "އިބްލީސީ ނަމޫޒަޖަށް" އަޅުވެތި ވެފައި ތިބޭ މީސްތަކުން ފަތުރާ ނަޒަރިއްޔާތަކަށް ބޯ ލަނބައި އެ ނަޒަރިއްޔާތަކަށް ތަބަޢަ ވުމުގެ ފިތުނައިން މުޅީން ސަލާމަތް ވެތިބުމެވެ.
ދިވެހި ޤައުމިއްޔަތުގެ ތިންވަނަ ރުކުނަކަށް ވާން ވާނީ އިޙްސާނެވެ. އިޙްސާންކަމެވެ.
އިޙްސާންކަމަކީ "ރުބޫބިއްޔަ ނަމޫޒަޖު" ގެ މައިގަނޑު ތިން އަސާސުގެ ތެރެއިން އެއް އަސާސެވެ. އޭގެ މާނައަކީ ހެޔޮކަމާއި ރަނގަޅުކަމާއި ރިވެތިކަމެވެ. ރިވެތިކަމޭ މި ދަންނަވަނީ، ކަންކަމާއި ތަކެތީގެ ބޭރުފުށުގެ ސޫރައިގެ ނަލަކަމާއި ވިދުވަރުގެ ވާހަކައެއް ނޫނެވެ. ހެޔޮ ގޮތްތަކުގެ ވާހަކައެވެ. ޢާއްމު އިޞްޠިލާޙުތަކަކުން ދަންނަވަންޏާ، އިޙްސާންތެރިކަމަކީ ރިވެތި އަޚްލާޤާއި ސުލޫކެވެ. ހެޔޮކަމާއި ރަނގަޅުގެ އެންމެހައި ގޮތްތަކެވެ. ދީނުގެ ޢިލްމުވެރީން ވިދާޅުވެދެއްވާ ފަދައިން، އިސްލާމް ދީނުގައި އިޙްސާންތެރިކަމަކީ މީހާގެ ނަފުސު ހުތުރުހައި އަދި ނުބައިހައި ކަންކަމުން ޠާހިރު ކުރުމާ އެކު، މީހާގެ ވިސްނުމާއި ރަވައްޔާތަކާއި ބަސްމަގާއި ޢަމަލުތަކާއި އުޅުންބުޅުމާއި ގުޅުންތަކުގައި ރިވެތި އަޚްލާޤާއި ހެޔޮ ސުލޫކުގެ އެންމެހައި ކަންކަން ހުރުމެވެ.
އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެއް ރުކުނަށް އިޙްސާންތެރިކަން ވާން ޖެހޭ ސަބަބަކީ، މާތް ވެގެންވާ އިސްލާމް ދީނުގެ "ރުބޫބިއްޔަ ނަމޫޒަޖު" ގެ ތެރޭގައި އަޅުގަނޑުމެންގެ ޤައުމު ބިނާ ކުރެވި ދެމެހެއްޓެނީ، އިސްލާމް ދީނުގެ ރިވެތި އަޚްލާޤާއި ހެޔޮ ސުލޫކާއި ރަނގަޅު އަދަބުތަކުގެ މަތީގައި ކަމަށް ވުމުގެ ޟަރޫރަތްތެރިކަމެވެ. މަކާރިމުލް އަޚްލާޤުގެ ނަބިއްޔާގެ ހެޔޮ ނަމޫނާގެ މައްޗަށް މުޅި ޤައުމު ބިނާ ކުރުމުގެ މުހިއްމުކަމެވެ. މި ގޮތުގެ މަތީން އަޅުގަނޑުމެންގެ ޤައުމިއްޔަތު ކާމިޔާބު ކަމާއެކު ބިނާ ކުރެވިއްޖެއްޔާ، އަޅުގަނޑުމެންގެ ޤައުމީ ޙަޔާތާއި އިޖުތިމާޢީ އެންމެހައި ކަންކަމުން، ޝުކުރުވެރިވުން ފެންނާނެއެވެ. އޯގާވެރިކަމާއި ހަމްދަރުދީ އާއި ކުލުނާއި އަޅައިލުން ފެންނާނެއެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމާއި ވަފާތެރިކަން ފެންނާނެއެވެ. ޢަދުލުވެރިކަމާއި އިންޞާފާއި ހަމަހަމަކަން ފެންނާނެއެވެ. އިޙްތިރާމާއި ޤަދަރު ފެންނާނެއެވެ. ކަމަށް ކަމޭހިތުމާއި ހީވާގިކަމާއި މުރާލިކަން ފެންނާނެއެވެ. ހިތްވަރުގަދަކަމާއި މުރުއްވަތްތެރިކަން ފެންނާނެއެވެ. ރުޅިމަޑުކަމާއި ޙިލްމުވެރިކަން ފެންނާނެއެވެ. އެއިރުން، އަޅުގަނޑުމެންގެ ޤައުމުގެ ދާޚިލީ ކަންކަމާއި ޚާރިޖީ ގުޅުންތަކުގެ އެންމެހައި ކަންކަން ވެސް ބިނާ ވެފައި އޮންނާނީ ރިވެތި އަޚްލާޤުގެ ހަރުދަނާ އުޞޫލުތަކުގެ މައްޗަށެވެ. އެއިރުން އަޅުގަނޑުމެންގެ ޤައުމު ވާނީ ތަހުޒީބީ އުޞޫލުތަކެއްގައި ހިފަހައްޓާ، ތަހުޒީބީ އަދި އިންސާނީވަންތަ އިންސާނުންތަކެއް އުޅޭ ޤައުމަކަށެވެ. ހެޔޮ ޟަމީރުގެ މަގު ދެއްކުމަށް ތަބަޢަ ވާ ހަރުދަނާ ޤައުމަކަށެވެ. މުޅި ދުނިޔެއަށް ވެސް ހެޔޮ އަޚްލާޤުގެ ރިވެތި ނަމޫނާ ދައްކާ ޤައުމަކަށެވެ. އިންސާނިއްޔަތަށް ހުރި އަލިގަދަ ދަންމަރެއް ފަދަ ޤައުމަކަށެވެ. މުޙްތަރަމު އިންސާނުންތަކެއް އުޅޭ، ޙުރުމަތާއި ޝަރަފުވެރިކަމުގެ ޤައުމަކަށެވެ.
"ދިވެހިއްޔަތު" މި ލަފުޒުން މާނަ ކުރެވެނީ ދިވެހީންގެ ނަސްލީ، ސަގާފީ، އަދި ތާރީޚީ ޝަޚްޞިއްޔަތު ނުވަތަ ޝަނާކަތު (identity) އެވެ. އެއީ ދިވެހިވަންތަކަމާއި ދިވެހި ގޮތްތަކެވެ. ދިވެހިއްޔަތު ބިނާ ވެފައި ވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ކަމުގައި ބުނެވިދާނެއެވެ. ފުރަތަމަ ކަމަކީ، ދިވެހީންނަކީ ނަސްލީ ގޮތުން އެހެން އިންސާނުންނާ ތަފާތު ވަކި ނަސްލީ ޖަމާޢަތަށް ވުމެވެ. ދެވަނަ ކަމަކީ ދިވެހީންގެ އެންމެ އަގުހުރި އެއް ތަރިކަ ކަމުގައި ވާ ދިވެހި ބަހެވެ. ތިންވަނަ ކަމަކީ އެއް ޤައުމެއް އަދި އެއް ބައެއްގެ ގޮތުގައި ދިވެހީން ހޭދަ ކޮށްފައި ވާ ދެހާހެއްހައި އަހަރުގެ ތާރީޚެވެ. ހަތަރުވަނަ ކަމަކީ، ފުރަތަމަ މި ދެންނެވި ތިން ކަންތައްތަކުގެ ތެރެއިން އުފެދިގެން އައިސްފައި ވާ ދިވެހި ސަގާފަތް ނުވަތަ ދިވެހި އާދަކާދަތަކާއި ޢުރުފުތަކެވެ.
މި ހަތަރު ކަންތަކުގެ ތެރެއިން، ޤައުމިއްޔަތުގެ ރުކުނެއްގެ ގޮތުގައި "ދިވެހިއްޔަތު" އަޅުގަނޑު މާނަ ކުރާނީ ދިވެހި ނަސްލާއި، ދިވެހި ތާރީޚާއި، ދިވެހި ސަގާފަތް މި ތިން ބައި ހިމެނޭ ގޮތުންނެވެ. ސަބަބަކީ، ޤައުމިއްޔަތުގެ ވަކި ރުކުނެއްގެ ގޮތުގައި "ދިވެހި ބަސް" ބޭއްވުމުގެ ޒަރޫރަތާއި އަހައްމިއްޔަތެވެ.
ދިވެހި ނަސްލަކީ ކޮބައިކަން، އަދި ދިވެހި ތާރީޚަކީ ކޮބައިކަން ދެނެގަތުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް، ސަގާފަތާއި ޢުރުފަކީ ތަންކޮޅެއް އުނދަގޫ މަފްހޫމެއް ކަމުގައި ބުނެވިދާނެއެވެ. މި މަފްހޫމުގެ ތެރޭގައި ހިމެނޭ ކަންކަމާއި ބައިތަކުގެ ގިނަކަމުންނެވެ. މަފްހޫމުގެ މައުޟޫޢީ ފުޅާކަމަށް ޓަކައެވެ. ވީމާ، މި ތަނުގައި އެއްޗެއް ދަންނަވައިލާން ގަސްތު ކުރަނީ ސަގާފަތާއި އާދަކާދަ އާއި ޢުރުފާ ބެހޭގޮތުންނެވެ. ފަހެ، ސަގާފަތާއި އާދަކާދަ އާއި ޢުރުފަކީ ފަރުދީ، ޢާއިލީ، އިޖުތިމާޢީ، އަދި ޤައުމީ ޙަޔާތުގެ ހުރިހައި ކަންތައްތަކެއްގެ މައްޗަށް ފެތުރި ޢާއްމު ވެގެންވާ، ޝާމިލު އެއްޗެކެވެ. މުޖުތަމަޢެއްގެ މެންބަރުން އެމީހުންގެ ދަރީންނަށް ނަން ކިޔުމުގައި އެއް ގޮތްތަކެއް ގެންގުޅެނީ، ސަގާފީ ވަޙްދަތުގެ ސަބަބުންނެވެ. ހެދުން އަޅައި ޒީނަތްތެރި ވުމުގައި އެއް ގޮތްތަކެއް ގެންގުޅެނީ ވެސް ސަގާފީ ވަޙްދަތުގެ ސަބަބުންނެވެ. ކެއިންބުއިމުގައި އެއްގޮތް ކަންތައްތަކެއް ގެންގުޅެނީ، އެއް ކަހަލަ އެއްޗެތިތަކެއް ކައިބޮއި އުޅެނީ، އެއް ރަހަތަކަކަށް ލޯބި ކުރަނީ، އަދި އެމީހުންނަށް އެއް ކަހަލަ އެއްޗެތިތަކެއް މީރު ވަނީ ސަގާފީ ވަޙްދަތުގެ ސަބަބުންނެވެ. އެއް ބަޔަކު އަނެއް ބަޔަކުގެ ގެޔަށް ޒިޔާރަތް ކޮށް، އެ ގޭގައި ހުރި އެއްޗެއް އެންމެން އެކުގައި މީރުކޮށް ކައިލުމުގެ އުފާވެރިކަން ލިބިދެނީ ސަގާފީ ވަޙްދަތެވެ. މީގެ އިތުރުން ވެސް، ސަގާފީ ވަޙްދަތުގެ އުންސުރުތަކުގެ ގޮތުގައި، މުޖުތަމަޢެއްގެ މެންބަރުން އެކަތިގަނޑަކަށް ހަދާ އެތައް ކަމެއް ވެއެވެ. އެ ބައެއްގެ ފަންނުވެރިކަމާއި، އެ ބައެއްގެ ޢާއްމު ފޯކުލޯރާއި ވާހަކަތަކާއި އަދަބިއްޔާތާއި، އެ ޖޯކުތަކަކަށް އެންމެން އެކުގައި ހީނލެވޭ ޖޯކުތަކެވެ. ގެދޮރާއި އެހެނިހެން ޢިމާރާތްތަކާއި، މުޖުތަމަޢުތަކުގެ މާއްދީ މާޙައުލު ބިނާ ކުރުމުގައި ގެންގުޅޭ އެއްގޮތްކަމެވެ. ޢީދުތަކާއި އިޙުތިފާލުތައް ފާހަގަ ކުރުމުގެ އެއްގޮތްކަމެވެ. ސިޔާސީ އިންތިޒާމުތަކުގައި ގެންގުޅޭ އެ ބަޔަކަށް ޚާއްޞަ އަދި އެ ބަޔަކު ޒަމާނުއްސުރެ ތަބަޢަ ވާ ގޮތްތަކެވެ. ފަރުދީ އަދި އިޖުތިމާޢީ ދިރިއުޅުމުގެ ކަންކަމުގައި އެންމެން ވެސް ތަބަޢަ ވާން ޖެހޭ އިޖުތިމާޢީ ސުލޫކީ ހަމަތަކާއި އަދަބުތަކުގެ އެއްގޮތްކަމެވެ. މުޖުތަމަޢުގެ އެންމެން ޙިއްޞާ ކުރާ ޢިލްމީ ސަގާފަތެވެ.
މި ދެންނެވީ، ޤައުމެއްގެ ސަގާފަތުގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއް ކަންތަކެވެ. އިތުރު އެތައް ކަމެއްގެ ވާހަކަ ދެއްކިދާނެއެވެ. އެޔާއެކު، ސަގާފަތުގެ އެއްގޮތް ކަމަކީ ޖުމުލަކޮށް ނުވަތަ ޢާއްމު ފެންވަރެއްގައި އޮންނަ ކަމެއް ކަމާއި، އިންސާނީ ކޮންމެ މުޖުތަމަޢެއްގައި ވެސް ސަގާފީ ވަޙްދަތުގެ އިންތަކުގެ ތެރޭގައި، ފަރުދީ ފެންވަރުގައި ސިންދަފާތުކަމެއް އޮންނާނޭކަން ފާހަގަ ކުރަމެވެ. މިސާލެއްގެ ގޮތުން، ބައެއްގެ ސަގާފަތުގައި އެއް ގޮތަކަށް ހެދުން އެޅުމުގެ ކަންކަން އޮތުމަކީ، ތަނުގެ އެންމެން ޔުނިފޯމެއް ހެން އެއް ޒާތަކަށް އެއް ކުލަޔަކުން އަބަދު ހެދުން އަޅައިގެން އުޅުމެއް ނޫނެވެ. މި ވާހަކަ މި ދެންނެވީ، ސަގާފީ އެއްގޮތްކަމުގެ ވާހަކަ ޤައުމިއްޔަތުގެ އުންސުރެއްގެ ގޮތުގައި ދެންނެވުމުން، އަޅުގަނޑުގެ މުރާދަކީ ފަރުދީ ޚާއްޞިއްޔަތަށް (individual uniqueness) އެއްވެސް ޖާގައެއް ނޯންނާނޭ ކަމަށް ބުނުން ކަމުގެ ކުށްހީ އުފެދިދާނޭ ކަމަށް ޓަކައެވެ.
ކޮންމެއަކަސް، ދިވެހިއްޔަތުގެ އެންމެހައި އުންސުރުތަކަކީ ދިވެހި ޤައުމީ ޝަޚްޞިއްޔަތާއި، ދިވެހި ޝަނާކަތާއި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އެއް ބިންގަލެވެ. އެ ކަންކަމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް ރައްކައުތެރި ވާން ޖެހެއެވެ. އެ ކަންތައްތަކަށް ދުނިޔެއަށް އަންނަ ބަދަލުތަކާއި، ބާރުގަދަ ބައެއްގެ ސަގާފަތާއި ގޮތްތައް މުޅި ދުނިޔެއަށް ފެތުރުމުގެ ވަރުގަދަ އަދި ފަނާކުރަނިވި ޠޫފާނާއި، ބަވަނިއްޔަތު (globalism) ގެ ބިރުވެރި ރާޅުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ މެދު ފިސާރި ހެއިލުންތެރި ވާން ޖެހެއެވެ. ދިވެހިއްޔަތު ނެތިހިނގައްޖެއްޔާ، ދިވެހި ޤައުމެއް ޤައުމިއްޔަތެއް ވުޖޫދަކު ނޯންނާނެއެވެ.
"ދިވެހިއްޔަތު" ގެ އެންމެ މުހިއްމު އެއް ބައި ކަމަށް ވާ ދިވެހި ބަހަކީ، އޭގެ ޒާތުގައި ދިވެހި ޤައުމިއްޔަތުގެ ވަކި ރުކުނެކެވެ. ދިވެހި ބަހާ ނުލައި ދިވެހީންނެއް ނުތިބޭނެއެވެ. ދިވެހި ބަސް ނެތިދާ ދުވަހަކުން، ދެން ތިބޭނީ ކޮންމެވެސް އެހެން ނަމެއް ކިޔާ އެހެން ބައެކެވެ. ދިވެހީން ދިވެހީންނަށް ހަދާ އެންމެ ޚާއްޞަ، އެންމެ މުހިއްމު، އެންމެ ބުރަދަން ބޮޑު އެއްޗަކީ ދިވެހި ބަހެވެ. ސަބަބަކީ، ދިވެހިއްޔަތުގެ މައިގަނޑު ހަތަރު ބައިގެ ތެރެއިން، ދެން އެހެން ކޮންމެ ކަމަކީ ވެސް ދިވެހީން ފިޔަވައި އެހެން ބަޔަކާ ކޮންމެވެސް މިންވަރަކަށް ޙިއްޞާ ކުރެވޭ ކަމަކަށް ވާއިރު، ދިވެހި ބަހަކީ ސައްތައިން ސައްތަ ދިވެހީންގެ އަމިއްލަ އެއްޗަކަށް ވުމެވެ.
އަމިއްލަ މާދަރީ ބަހެއް އޮތުމަކީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ޝަރަފެވެ. އަމިއްލަ މާދަރީ ބަހެއް ލިބިފައި އޮއްވައި، އަމިއްލަ އަތުން އެ ބަސް ކަތިލައި ފަނާ ކޮށް އެއްލައިލާ ޤައުމެއް، އަމިއްލަ މިނިވަން އަދި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮންނާކަށް ފިކުރީ ގޮތުންނާއި ޢިލްމީ ގޮތުން ކުފޫ ހަމައެއް ނުވެއެވެ. އެފަދަ ބަޔަކަށް ޙައްޤު ވެގެން ވަނީ، އެހެން ބައެއްގެ "ބަހަވީ އަޅުވެތިކަމުގެ" ދަށަށް އަމިއްލައަށް ވެއްޓިގަތް ފަދައިން، އެހެނިހެން ގޮތްގޮތުން ވެސް ތިމާމެންގެ "ފިކުރީ ސާހިބުންގެ" އަޅުންނަށް ވެގެން މަޑުމަޑުން ތިބުމެވެ. ދުނިޔޭގެ ތާރީޚަށް ބެލިޔަސް، ތިމާމެންގެ ބަހާއި ސަގާފަތް ފަދަ ކަންކަން ޤުރުބާން ކުރި އެއްވެސް ބަޔަކު، އަޅުވެތި ނުވެ ނެތެވެ. އެއީ ދުނިޔޭގެ ދިގު ތާރީޚުގައި، ޝަރަފާއި ޙުރުމަތް ލިބިގެން ވި އެއްވެސް ޤައުމެއްގެ ބަޔަކު އެއްވެސް ޒަމާނެއްގައި ކުރި ކަމެއް ނޫނެވެ. އަޅުގަނޑުމެން ވެސް، އަޅުގަނޑުމެންގެ ދިވެހި ޤައުމިއްޔަތު ޙިމާޔަތް ކުރާން އެދެންޏާ، އަޅުގަނޑުމެންގެ މާދަރީ ބަސް ޙިމާޔަތް ކޮށް ކުރި އެރުވުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ.
"ޒިހުނިއްޔަތު" މި ލަފުޒުން ކުރެވޭ މާނައަކީ ގަދަކީރިތިވަންތަ ﷲ އިންސާނާގެ ކިބައިގައި ލެއްވެވި، ކަންކަން ދެނެގަނެ މަޢުލޫމު ކޮށްގަތުމުގެ ޤާބިލިއްޔަތެވެ. ފިކުރު ކުރުމުގެ ޤާބިލިއްޔަތެވެ. ޙަޤީޤަތްތަކާއި ޙައްޤާ ހަމަޔަށް ވިސްނުން ފޯރުވުމުގެ، އަދި އެ ކަންކަން ހެޔޮ ގޮތުގައި ދޭހަ ކޮށްގަތުމުގެ ޤާބިލިއްޔަތެވެ. އެންމެ ކުރުކޮށް ދަންނަވަންޏާ، އިންސާނާގެ ކިބައިގައި ހުންނަ ޢިލްމު ހޯދައި ދެނެގަތުމުގެ ޤާބިލިއްޔަތެވެ. ޒިހުނިއްޔަތު ވަނީ އިންސާނާގެ ބުއްދި އާއި ހިތާ ދޭތީގައެވެ.
ޒިހުނިއްޔަތަކީ އިންސާނާގެ ފަރުދީ، ޢާއިލީ، އިޖުތިމާޢީ، އަދި ޤައުމީ ޙަޔާތުގެ އެންމެހައި ކަންކަން ޢިލްމީ ބިންގަލެއްގައި ހަމަމަގުގައި ބެހެއްޓުމަށް އޭނާއަށް އެހީތެރި ވެދޭ ބައްތިއެވެ. ޙަޤީޤީ ދީނާއި، ބާޠިލު ދީންތައް ވަކި ކޮށް ދެނެގަންނާން އިންސާނާއަށް އެނގޭނީ އެ ބައްތީގެ އަލިކަމުގެ ވަސީލަތުންނެވެ. ދުނިޔަވީ އަދި އުޚްރަވީ ޙަޤީޤަތްތަކާއި ޙައްޤުގެ ޢިލްމުތައް އޭނާއަށް ފެންނަނީ ޒިހުނީ ދަންމަރުގެ އަލިކަމުގެ އެހީގައެވެ. އެ އަލިކަން ނުވީ ނަމަ އޭނާއެކޭ އަނދިރިތަކުގެ މައްޗަށް ފެތުރިގެންވާ އަނދިރިތަކެއްގެ ތެރޭގައި ގެއްލިފައި ވާ ނާޗާރެއް ކަމުގައި މެނުވީ ނުވީހެވެ. ޒިހުނިއްޔަތު އިންސާނާއަށް އިލާހީ ހިދާޔަތާއި ޞިރާޠުލް މުސްތަޤީމުގެ މަގާއި، ބާޠިލާއި މަގުފުރެދުމުގެ މަގު ވަކިވަކީން އޮންނަ ގޮތް ދައްކައެވެ. ރުބޫބިއްޔަ ނަމޫޒަޖާއި އިބްލީސީ ނަމޫޒަޖުގެ ތަފާތާއި ފަރަގު އޭނާއަށް ބުނެދެއެވެ. ޝަރީޢަތުގެ އަސާސްތަކާއި އުޞޫލުތަކާއި ހަމަތަކުގެ މައްޗަށް އޭނާ ހެއިއަރުވައެވެ. އެޔާއެކު، ދުނިޔޭގެ ޙަޤީޤަތްތައް ވެސް އިންސާނާ ހެޔޮ ގޮތުގައި ދެނެގަންނަނީ ޒިހުނިއްޔަތުގެ މަތިވެރި ނިޢުމަތުގެ ވަސީލަތުންނެވެ. އާދެ، އަޅުގަނޑުމެންގެ ޢިލްމީ ހުރިހައި މަސައްކަތެއް ކުރަނީ ޒިހުނިއްޔަތުގެ ވަސީލަތުންނެވެ. އިލާހީ މި ހަދިޔާއާ ނުލައި، އިންސާނާއަކަށް ސައެންސުގެ މަސައްކަތެއް ނުކުރެވުނީހެވެ. ތާރީޚެއް އަދަބިއްޔާތެއް އެހެން ޢިލްމެއް ދެނެއެއްނުގަނެވުނީހެވެ. ހިސާބު ޢިލްމެއް، އިޖުތިމާޢީ އެކިއެކި ޢިލްމުތަކެއް، ނަފްސިއްޔާތީ ޢިލްމުތަކެއް، އިންޖިނޭރުކަމާއި ޓެކްނޯލޮޖީގެ ޢިލްމުތަކެއް، ފަންނުތަކެއް، މަސައްކަތްތެރިކަމުގެ ޢިލްމާއި ހުނަރުތަކެއް، އަދި އެހެނިހެން ޢިލްމުތަކެއް ވެސް ނުހޯދުނީހެވެ.
އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެއް ރުކުން ކަމުގައި "ޒިހުނިއްޔަތު" ހަދާން ޖެހެނީ މި ދެންނެވި ގޮތްގޮތުން ޢިލްމުގެ މުހިއްމުކަން ބޮޑުކަމުންނެވެ. ޤައުމެއްގައި، ބިމެއްގައި، ބައެއްގެ ތެރޭގައި ހެއްދޭނެ އެންމެ ވަސްމީރު، އެންމެ ކުލަރީތި، އެންމެ ހިތްގައިމު ބަގީޗާ އަކީ ޢިލްމުގެ ބަގީޗާ ކަމުގައި ވާތީއެވެ. އެ ތަނެއްގައި ޢިލްމުގެ ބަގީޗާގެ ޢަބީރާއި ހިޔާ ނުވާ ކޮންމެ ތަނެއް، ފަޅު، ދިރުމެއް ނެތް، ހުތުރު ކަންކަމާއި ނުބައި ކަންކަމުގެ އަނދިރި މަރުކަޒަކަށް ވާނޭތީއެވެ. ޢިލްމުގެ ބިންގަލުގެ މަތީގައި މެނުވީ ޙަޤީޤީ ޙަޟާރަތެއް އަދި ތަމައްދުނެއް ބިނާ ނުކުރެވޭނެތީއެވެ. ތާރީޚު ދެކެފައިވާ ފަޚުރުވެރި އަދި މަތިވެރި އިސްލާމީ ޙަޟާރަތްތަކަކީ ޢިލްމީ ބިންގަލެއްގައި ބިނާ ކުރެވުނު ޙަޟާރަތްތަކެއް ކަމުގައި ވެފައި، އަޅުގަނޑުމެން ވެސް މުސްލިމުންގެ ޙައިޘިއްޔަތުން އެ ނޫން މަގެއް އިޚްތިޔާރު ކޮށްގެން ނުވާނެތީއެވެ. ޢިލްމަކީ މުޙައްމަދިއްޔަ އުއްމަތުގެ މަތިވެރި ލެގަސީއެއް ކަމުގައި ވާތީއެވެ. ދުނިޔެއަށް ފެތުރޭހައި ފިކުރުތަކާއި ގޮތްތަކަށް އަޅުވެތި ނުވެ، އަމިއްލަ ފިކުރީ އަދި ޢިލްމީ ފުދުންތެރިކަމުގައި ކުރި އަރައި ތަރައްޤީ ވެގެންދާ ޤައުމަކަށް އަޅުގަނޑުމެން ވުމަށް ޓަކައެވެ. ހުރިހައި ބާވަތެއްގެ ޢިލްމުތަކެއް އަޅުގަނޑުމެންގެ ޤައުމުގައި ތަރައްޤީ ކޮށް، މި ޤައުމުގައި އެންމެ ޤަދަރުވެރި ތަންތަނުގެ ތެރޭގައި މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރުސިޓީތަކާއި ދިރާސާ މަރުކަޒުތަކާއި ކުތުބުޚާނާތައް ފަދަ ތަންތަން ހިމެނުމަށް ޓަކައެވެ. އަޅުގަނޑުމެންގެ ޤައުމަކީ ޙަޤީޤީ ޢިލްމާއި ފިކުރުގެ މަތީގައި، ހެޔޮ ބުއްދި އާއި ޢަޤްލީ އުޞޫލުތަކާ އެއްގޮތް ވާގޮތުގެ މަތީން ބިނާ ކުރެވޭ ޤައުމަކަށް ހެދުމަށް ޓަކައެވެ. ޤައުމެއްގެ ގޮތުގައި އެއްވެސް ޤައުމަކަށް މިނިވަންކަންމަތީ ދެމިއޮވެވޭނީ، ޢިލްމުގެ ދާއިރާގައި ކުރި އަރައި، ޢިލްމީ ގޮތުން އަމިއްލަ ފުދުންތެރިކަން އޮންނަ ބަޔަކަށް ވެގެން ކަމުގައި ވާތީއެވެ. ތިމާމެންގެ މަދަރުސާތަކާއި ޔުނިވަރުސިޓީތަކާއި ދިރާސާ މަރުކަޒުތަކާއި ޢިލްމިއްޔާގައި ފެންވަރު ނެތިގެން، ތިމާމެންގެ ތެރޭގައި ޒިހުނިއްޔަތު ނެތިގެން، ތިމާމެންގެ ދަރީން ބިދޭސީ މަދަރުސާތަކާއި ޔުނިވަރުސިޓީތަކަށް ކިޔަވާން ފޮނުވުން އާދަޔަކަށް އަދި ޢާއްމު ގޮތް ކަމަށް ހަދައިފި ޤައުމަކަށް ދުވަހަކު ވެސް އަމިއްލަ ޤައުމަކާއި ޤައުމިއްޔަތަކާއި ޙަޤީޤީ މިނިވަންކަމާއި ޝަރަފުގެ ނަޞީބު ލިބޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެތީއެވެ.
ދިވެހީންގެ ޤައުމީ ވަޒަންބިމެއްގެ (Homeland) ގޮތުގައި ދިވެހިރާއްޖެ ނުވަތަ މަޙަލްދީބުގެ ޖަޒީރާތައް އޮންނަތާ މަދު ވެގެން ދެހާހާއި ފައްސަތޭކަ އަހަރު ވެއްޖެ ކަމަށް މުއައްރިޚުން ވިދާޅުވެއެވެ.
ދިވެހިރާއްޖެ ނުވަތަ މަޙަލްދީބުގެ ޖަޒީރާތަކަކީ "މޯލްޑިވް ރިޖް" ގެ މަތީގައި މަލިކުން ފެށިގެން ފޯޅަވައްސާ ހަމަޔަށް އާކިޕެލަގޯއެއްގެ ގޮތުގައި ދެމިފައި ވާ ޖަޒީރާތަކެވެ. މި ޖަޒީރާތަކުގެ ތެރެއިން މަލިކާއި މަލިކާ ގުޅިފައި ވާ ޖަޒީރާތަކެއް ވަނީ މީގެ ދަހަރުތަކެއް ކުރީން އަވަށްޓެރި އިންޑިއާގެ ބަޔަކަށް ވެފައެވެ. މަލިކުގެ އަހުލުވެރީންނަކީ ދިވެހި ނަސްލުގެ ބަޔަކަށް ވުމާ އެކުގައިމެ، އެމީހުންގެ އެދުމާއި އިޚްތިޔާރުގެ މަތީންނެވެ. އެމީހުންގެ އަމިއްލަ ސިޔާސީ ޙާލަތު އަމިއްލައަށް ކަނޑައެޅުމުގެ ޙައްޤު (Right to Self-Determination) އެމީހުން ބޭނުން ކުރި ގޮތުގެ މަތީންނެވެ. އެހެންކަމުން، އެ ޖަޒީރާތަކާ މެދަކު އަޅުގަނޑުމެންގެ ދަޢުވާއެއް ޝަކުވާއެއް އޮވެގެން ވާނޭ ކަމަކަށް އަޅުގަނޑު ނުދެކެމެވެ. މަލިކާ ޚިލާފަށް، ފޯޅަވަހި ދިވެހިރާއްޖޭގެ މިލްކުވެރިކަމުގެ ދަށުން ނިގުޅައިގަނެވުނީ ޣައިރުޤާނޫނީ އިސްތިޢުމާރަކުންނެވެ. މިއަދުވެސް އެ ތަން އޮތީ އިސްތިޢުމާރުގެ ދަށުގައެވެ. އެ ރަށްތައް އިސްތިޢުމާރުން މިނިވަން ވުމަށް (Decolonization) ފަހު ދެން ވެސް ލިބޭން ވާނީ އަޅުގަނޑުމެން ދިވެހީންނަށް ކަމާ މެދަކު އެއްވެސް ޝައްކެއް ސުވާލެއް ނެތެވެ. ދެން އޮތީ ދިވެހިރާއްޖޭގެ ޖަޒީރާތަކުގެ ތެރެއިން އިހަވަންދިއްޕޮޅުން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ހުރި ޖަޒީރާތަކެވެ.
ދިވެހިރާއްޖޭގެ ޖަޒީރާތަކަކީ ދިވެހި ދައުލަތުގެ މިލްކެވެ. ދިވެހި ޤައުމުގެ މިލްކެވެ. ދިވެހި ރައްޔިތުންގެ މިލްކެވެ. ދިވެހީންގެ ވަޒަންބިމެވެ. ދިވެހީންގެ މަންމަބިމެވެ. އެހެން ބަޔަކަށް ދުއްތުރާލެއް ނުކޮށް، އެހެން ބަޔަކާ ނުފޮށި، އަޅުގަނޑުމެންގެ އަމިއްލަ ޙާލާއިގެން، މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް ދެއްވި ނިޢުމަތްތަކަކާއި ދެއްވި ރިޒުޤަކުން ފުއްދައިގެން، ރިވެތި ގޮތުގައި އަޅުގަނޑުމެން ދެ ހާހާއި އެތައް ސަތޭކަ އަހަރެއް ވާންދެން އެ ޖަޒީރާތަކެއްގައި އުޅުނު އަޅުގަނޑުމެންގެ އަމިއްލަ ރަށްތަކެވެ. ދިވެހީންގެ ވުޖޫދާއި ދިވެހި ޤައުމުގެ ވުޖޫދު ވަނީ އެ ޖަޒީރާތަކާ ގުޅި ލާމެހިފައެވެ. ދިވެހީން ދިވެހީންނަށް ވީ އެ ޖަޒީރާތަކުގައެވެ. ދިވެހި ޤައުމިއްޔަތުގެ އެހެން ކޮންމެ ރުކުނެއް ދިވެހި ޤައުމިއްޔަތުގެ ބަހާއެއްގެ ގޮތުގައި އުފަން ވެގެން އައީ އެ ޖަޒީރާތަކުގައެވެ. ދުޝްމަނުންގެ ހަތިޔާރުތަކުން ދިވެހި ލެއި އޮހޮރިގެން ދިޔައީ އެ ޖަޒީރާތަކުގައެވެ. ދިވެހި ކަރުނަ އޮހޮރިގެން ދިޔައީ އެ ޖަޒީރާތަކަށެވެ. ދިވެހީން އޮހޮރިހައި ދަލެއް އޮހޮރިގެން ދިޔައީ އެ ޖަޒީރާތަކަށެވެ. އަޅުގަނޑުމެން ކައިބޮއި އުޅުނީ އެ ޖަޒީރާތަކުގެ ދަނޑުފަނގުންނާއި އެ ޖަޒީރާތަކުގެ ކަނޑުފަޅުންނެވެ. ދިވެހީންގެ ބަޠަލުން ދުނިޔެއަށް އައިސް، ދުވެ، ކުޅެ، ފުމެ، ބޮޑެތި ވެ، ޤައުމީ ލޯތްބާއި ޖޯޝާއި ޤުރްބާނީގެ މަގުގައި ހިނގީ އެ ޖަޒީރާތަކުގައެވެ. އެ ޖަޒީރާތައް އަޅުގަނޑުމެންނާ ހަމަޔަށް އަޅުގަނޑުމެންގެ ކާބަފައިން ވާރުތަ ކޮށްދިނީ، ގަދަކީރިތިވަންތަ ﷲ ގެ ރަޙުމަތްޕުޅާ އެކު، ފަޚުރުވެރި އަދި ޝަރަފުވެރި ގޮތުގައެވެ. އެކަލާނގެ ރަޙްމަތްޕުޅުން، ދިވެހި ޤައުމު ދެމިއޮތް ހައި ދުވަހަކު މިކަން ދެމެހެއްޓުމަށް ޓަކައި، ދިވެހި ޤައުމިއްޔަތުގެ މައިގަނޑު އެއް ރުކުނުގެ ގޮތުގައި މި ޖަޒީރާތައް ދެނެގަތުމީ އަޅުގަނޑުމެންނަށް އޮތް ބޮޑު ޤައުމީ ވާޖިބެކެވެ.
ވަޙްދަތަކީ އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަމެވެ.
ގަދަކީރިތިވަންތަ ﷲ ގެ ރަޙްމަތްޕުޅުން، ދިވެހި ޤައުމަކީ އެއް ނަސްލެއްގެ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ދީނެއްގެ، އެއް ސަގާފަތެއްގެ އަހުލުވެރީންގެ ގޮތުގައި ތިބޭތާ އެތައް ޤަރުނެއް ވެފައި ވާ ޤައުމެކެވެ. މީގެ ސަބަބުން، ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތީ އެއްބައެއްވަންތަކަމުގެ ބިންގަލުގެ މަތީގައި އޮތް ވަރުގަދަ އެއްބައިވަންތަކަމެކެވެ. ވަރުގަދަ އުޚުއްވަތެކެވެ. ދިވެހީންގެ ތެރޭގައި އޮތީ ނަސްލީ، ސަގާފީ، އަދި ދީނީ އެއްބަނޑުއެއްބަފާކަމުގެ ލޯތްބާއި ކުލުނެވެ. ދިވެހީންނަކީ އެއްބަޔަކު އަނެއް ބަޔަކާ މެދު އަގަލެއް ނެތި، އެއް ބަޔަކު އަނެއް ބަޔަކާ މެދު ހަމްދަރުދީއެއް ނެތި، ވަކިވަކި ވެގަނެ ބައިބައި ވެގަތުމުގެ މަތީގައި ތިބި ބައެއް ނޫނެވެ. ޤައުމީ ވަޙްދަތުގެ ވަރުގަދަ ވާފަށަކުން ބަނދެވިގެން ތިބި ބައެކެވެ.
ނަޞާރާ ސަނަތުން ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގެ ތެރޭގައްޔާއި، ފާއިތު ވެދިޔަ ވިއްސަކަން ފަންސަވީހަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ބައިބައި ކޮށްފަނިވި އެތައް ވިހައެއް އަޅުގަނޑުމެންގެ މުޖުތަމަޢަށް ލެވިފައި ވެއެވެ. ސިޔާސީ ބައިބައިވުމާއި ޙަސަދައިގެ ވިހައެވެ. މާތް ވެގެންވާ އިސްލާމް ދީނާ ދެކޮޅަށް ދުނިޔޭގެ "އިބްލީސީ ނަމޫޒަޖު" ގެ އަހުލުވެރީން ހުރިހައި ދިމަދިމާޔަކުން ހުރިހައި ދިމަދިމާއަކަށް ފަތުރަމުން ދާ ނުބައި ވިހަތަކެވެ. މަޒްހަބީ ބައިބައިވުމާއި އަރައިރުންތަކުގެ ވިހަތަކެވެ. މި ވިހަތަކުގެ ސަބަބުން ދިވެހީން އެކަކު އަނެކަކާ ވަރަށް ދުރު ވެއްޖެއެވެ. އެކަކު އަނެކަކާ މެދު އަޅުގަނޑުމެންގެ ހިތްތަކަށް ކާބަފައިންގެ ފުށުން ވާރުތަ ވި ގާތްކަމާއި ލޯތްބާއި ކުލުނާއި އެކުވެރިކަން ބަލި އެނދުގައި އޮށޯވެއްޖެއެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ.
ނަމަވެސް އަދިވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމީ އުޚުއްވަތާއި ލޯބި އަނބުރައި ގެނެސް، ދިވެހީންގެ ވަޙްދަތު ސަލާމަތް ކުރެވިދާނެއެވެ. އެކަން ކުރެވޭނީ، އެންމެން އެކަތިގަނޑަކަށް ވެގެން، ދިވެހި ޤައުމިއްޔަތުގެ އެއް ރުކުނުގެ ގޮތުގައި ދިވެހި ވަޙްދަތު ބަލައިގަނެގެނެވެ. އެއްވެސް ޒާތެއްގެ ބައިބައިވުމަކުން ބައިބައި ނުވެ، ޤައުމީ އެއްބަނޑުއެއްބަފާކަމާއި ލޯތްބާއި ކުލުނުގެ ކަމަރު ފިސާރި ބާރަށް ބަނދެގެނެވެ. އެތެރެއިންނާއި ބޭރުން އަޅުގަނޑުމެންގެ ސަފުތައް މުގުރައި ވަކިވަކި ކޮށްލާނަމޭ ހިތައި ހިން ދަމައިލާ ކޮންމެ ދުޝްމަނެއްގެ ކުރިމަތީގައި – އެއީ މީހަކަށް ވިޔަސް، ޖަމާޢަތަކަށް ވިޔަސް، ފިކުރަކަށް ވިޔަސް، ޙައްދުފަހަނައެޅި ތަޙްރީކެއް ކަމުގައި ވިޔަސް – މުޅި ޤައުމު އެކަތިގަނޑަކަށް ވެގެން ސާބިތުކަމާ އެކު ހުއްޓިތިބެގެނެވެ. ކޮންމެ ދިވެއްސަކީ ވެސް، ތިމާ ފަދަ އެހެން މުސްލިމް ދިވެހީންގެ ޖާނާއި މުދަލާއި މަޞްލަޙަތުތަކުގެ ޙިމާޔަތުގައި ތެދުވާން ކެރިގެން ހުރި ވަފާތެރި މުވާޠިނަކަށް ވެގެންނެވެ. އަޅުގަނޑުމެންނަކީ ޤައުމީ އެއް ޢާއިލާއަކަށް ނިސްބަތް ވާ، ކާބަފައި އެއް ޖަމާޢަތަކުން އައިސް ތިބި، އެއް ތާރީޚެއް ޙިއްޞާ ކުރާ، އެއް ބަޠަލުންތަކެއްގެ ޒިކުރާ އައު ކުރާ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ދީނެއްގެ، އެއް ސަގާފަތެއްގެ މަތީގައި ސާބިތު ވެގެން ތިބޭ ބަޔަކަށް ވުމަށް އެންމެން އެކުއެކީ މަސައްކަތް ކޮށް، އެކަމަށް ޓަކައި ޤުރުބާނީއެއް ވާން ޖެހޭ ކޮންމެ ޙާލަތެއްގައި އެ ޤުރުބާނީ ވެސް ވެގެންނެވެ. އަޅުގަނޑުމެން އެއް ބަޔަކަށް ހަދާ އެންމެހައި ބަހާތަކަކީ – މާތް ވެގެންވާ އިސްލާމް ދީނާއި، ދިވެހި ބަހާއި، ދިވެހި ސަގާފަތް ފަދަ – އެ ކަންކަމުން ވިޔަފާރި ނުކުރެވޭނެ، އެއްވެސް އަގެއްގައި ނީލަމަށް ލައި ދޫކޮށްނުލެވޭނެ ކަންތައްތަކެއް ކަމަށް ހަދައިގެނެވެ. އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ރުކުންތަކަށް އެންމެން އެއް ގޮތެއްގައި ބޯ ލަނބައި، އެ ކަންކަމުގެ ޙިމާޔަތުގައި އަޅުގަނޑުމެން ފިސާރި ބަދަހި އެއް ޖަމާޢަތެއްގެ ގޮތުގައި ތިބެގެނެވެ. ކޮންމެ ދިވެއްސަކު ވެސް، ޤައުމަށާއި ޤައުމީ އަޚުން އުޚްތުންނަށް އެންމެ މަތީ ދަރަޖައިގައި ވަފާތެރި ވެގެނެވެ. މި ކަންކަން ނުކުރާނެންޏާ، ދިވެހި ޤައުމާއި ދިވެހި ޤައުމިއްޔަތުގެ ވާހަކަ ދެއްކުން ވީ ހުއްޓައިލާށެވެ!
މި ރުކުނުގެ މާނައަކީ، ދިވެހި ދައުލަތުގެ ޙުކޫމަތު ހިންގައި ޤައުމުގެ ވެރިކަމުގެ ކަންކަން ކުރުމުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކަކީ ދިވެހީންގެ ތެރެއިން ނާޖާއިޒު ޢިނާޔަތެއް ނުވަތަ މަންސަބެއް ނުވަތަ ދަރަޖައެއް ނުވަތަ މަޤާމެއް ލިބިގެންވާ ޚާއްޞަ މީހަކު ނުވަތަ ޖަމާޢަތެއް ނުވަތަ ފަންތިއެއް ނުވަތަ ޕާޓީއެއްގެ ބަޔަކު އެ ބަޔަކުގެ އަމިއްލަ ކަމެއްގެ ގޮތުގައި ކުރާ ކަމަކަށް ނުވުމެވެ. ޤައުމުގެ ވެރިކަމުގެ ކަންކަމަކީ މުޅި ރައްޔިތުންގެ މަޞްލަޙަތަށް ޓަކައި، ހުރިހައި ރައްޔިތުންގެ ފަރާތުން، ހުރިހައި ރައްޔިތުންނަށް ޖަވާބުދާރީ ވާ ގޮތަށް، ހުރިހައި ރައްޔިތުންނަށް ވެސް އެކަމާ މެދު ބަސް ބުނެވޭނޭ ފަދައިން، ގޯސްކޮށް ހިނގާ ކަންކަން ހުއްޓުވުމަށް ހުރިހައި ރައްޔިތުންނަށް ވެސް މަސައްކަތް ކުރެވޭނޭ ފަދައިން، އެންމެހައި ރައްޔިތުންގެ ފަރާތުން އަދާ ކުރެވޭ އަމާނާތެއްގެ ގޮތުގައި ހިނގާ ކަމަކަށް ވުމެވެ. އާދެ، ރައްޔިތުންގެ ޤައުމީ ޝަޚްޞިއްޔަތު ކަމުގައި ވާ ޤައުމިއްޔަތުގެ ރުކުންތަކުގެ މަތީގައި ވެރިކަމުގެ ކަންކަން ހިންގުމެވެ.
ދުސްތޫރިއްޔަތަކީ، ޤައުމުގެ ޙުކޫމަތު އުފައްދައި ހިންގުމުގެ އެންމެހައި ކަންކަން، ޤާނޫނީ ބިންގަލެއްގެ މައްޗަށް ބިނާ ކުރުމެވެ. ދައުލަތުގެ މުޅި ނިޒާމުގެ އެންމެހައި ކަންކަން ޤާނޫނީ އުޞޫލުތަކާއި ހަމަތަކުގެ އޮނިގަނޑެއްގެ ތެރޭގައި، އަދި ޤާނޫނުގެ މަޙުދޫދީ ހިފެހެއްޓުންތަކުގެ ތެރޭގައި ހިފެހެއްޓުމެވެ. ޙުކޫމަތުގެ މުއައްސަސާތަކަކީ (Governmental Institutions) ޤާނޫނުގެ ތަރަހައިގައި ބިނާ ކުރެވޭ، ދެމެހެއްޓޭ، އަދި މަސައްކަތް ކުރާ ތަންތަން ކަމުގައި ހަދައި، ޙުކޫމަތަށް ލިބިގެންވާ ބާރުތަކުގެ އިންތައް ސާފުކޮށް އެކަށައަޅައި ކުރަހައި ދެއްކުމެވެ. ޙުކޫމަތުގެ ހުރިހައި އަމުރުވެރީން އޮފިޝަލުން ޚާދިމުންނަކީ ޤާނޫނަށް ފުރިހަމަޔަށް ތަބަޢަ ވާ، ޤާނޫނާ ޚިލާފު ވެއްޖެ ހިނދެއްގައި އޭގެ ނަތީޖާއާ ކުރިމަތި ލާން ޖެހޭ ބަޔަކަށް ވުމެވެ. އާދައިގެ ރައްޔިތުންނެކޭ، ޙުކޫމަތުގެ އެންމެ މަތީ ދަރަޖަވެރީންނެކޭ އެއްފަދައިން ޤާނޫނުގެ އަމުރުވެރިކަމާއި ބާރުވެރިކަމުގެ ދަށުގައި ތިބޭތިބުމެވެ. އާދެ، ޤައުމުގެ ކަންކަން ވަކި މީހެއްގެ ނުވަތަ ބައެއްގެ ހަވާނަފުސާއި ތަޢައްޞުފިއްޔަތާއި އެދުންތަކާ އެއްގޮތަށް ހިންގުމުގެ ބަދަލުގައި، އެންމެން އެ ޤާނޫނުތަކަކަށް ތަބަޢަ ވާން ޖެހޭ ޤާނޫނުތަކެއްގެ ދަށުން ހުރިހައި ކަންކަން ހިނގުމެވެ.
މި ދަންނަވާ ފަދަ ދުސްތޫރީ ޙުކޫމަތެއް އިންސާނީ މުޖުތަމަޢެއްގައި ބިނާ ކުރުމަށް ދުނިޔެއިން ލިބޭނޭ އެންމެ މަތިވެރި، އެންމެ ވަރުގަދަ، އަދި އެންމެ ޞައްޙަ ބިންގަލަކީ މާތް ވެގެން ވާ އިސްލާމް ދީނުގެ ޝަރީޢަތެވެ. ސަބަބަކީ، ޝަރީޢަތަކީ މުޖުތަމަޢުގެ މެންބަރުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އުފެއްދި އެއްޗަކަށް ނުވުމެވެ. ހުރިހައި އިންސާނުންނަށް ވުރެ މަތިވެރި މަޞްދަރަކުން އައިސްފައި ވާ އެއްޗަކަށް ވުމުގެ ނަތީޖާއެއެއްގެ ގޮތުން، އެންމެން ހަމަހަމަ ގޮތެއްގައި އަދި އެއް ސަފެއްގައި އޭގެ އޮތޯރިޓީގެ ދަށުގައި ހުއްޓިގެން ތިބޭ އެއްޗަކަށް ވުމެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވުމަކީ މި ގޮތުން އަޅުގަނޑުމެންނަށް މިންވަރު ކުރައްވައިފައި ވާ ވަރަށް ވެސް ބޮޑު އިލާހީ ނިޢުމަތެކެވެ. ވީމާ، އިސްލާމް ދީނުގެ މަތީގައި – އީމާނާއި އިސްލާމާއި އިޙްސާނުގެ މަތީގައި – ބިނާ ކުރެވޭ ދުސްތޫރިއްޔަތެއް ވާން ޖެހެނީ ދިވެހި ޤައުމިއްޔަތު އެ މައްޗަށް ބިނާ ވެގެންދާ އެންމެ މައިގަނޑު، އެންމެ މުހިއްމު އެއް އަސާސު ކަމުގައެވެ.
މި ޒަމާނުގެ ދުސްތޫރީ ފަލްސަފާ އާއި ދުސްތޫރީ ޤާނޫނުތަކުގެ ނިޒާމުގައި، ދުސްތޫރިއްޔަތުގެ ވާހަކަ ދެއްކުމުގައި "މަބްދައުއް ދުސްތޫރިއްޔަތު" (Doctrine of Constitutionalism) މި އިޞްޠިލާޙު ބޭނުން ކުރެވެއެވެ. މީގެ މާނައަކީ ޤައުމުގައި ދުސްތޫރީ ޙުކޫމަތެއް އޮތުމުގެ ފިކުރާއި އުޞޫލެވެ. ހަމަ އެހެންމެ، މި ޒަމާނުގެ ދުސްތޫރީ ޢިލްމުވެރީން، ޒަމާނުއްސުރެ ދުސްތޫރީ ނިޒާމުގެ މައިގަނޑު އުޞޫލުތަކުގެ ގޮތުގައި ބަލައިގަނެވިފައި ހުރި މައިގަނޑު ދިހަ އުޞޫލެއް، މަބްދައުއް ދުސްތޫރުގެ ދަށަށް ގެންނަވައެވެ. އެއީ ސިޔާދަތުގެ ބާރު މުޖުތަމަޢުގެ ހުރިހައި މެންބަރުންގެ އަތްމަތީގައި އޮތުމުގެ އުޞޫލު (Doctrine of Popular Sovereignty)، ޤާނޫނުގެ ވެރިކަމުގެ އުޞޫލު (Doctrine of the Rule of Law)، ދުސްތޫރީ ސުމުއްވަތުގެ އުޞޫލު (Supremacy or Primacy of the Constitution)، ސިޔާސީ ބާރުވެރިކަން މަޙްދޫދު ވުމުގެ އުޞޫލު (Doctrine of the Limitation of Political Power)، ބާރުތައް ވަކި ކުރެވިފައި އޮތުމުގެ އުޞޫލު (Doctrine of Separation of Powers)، ފަނޑިޔާރުގެ މިނިވަން ވުމުގެ އުޞޫލު (Doctrine of the Independence of the Judiciary، ދުސްތޫރުގެ އިމުގެ ތެރޭގައި ސިޔާސީ ބާރުވެރިކަން ޤައިދު ކުރުމުގެ އުޞޫލު ތަންފީޛު ކުރާނޭ މުރާޤަބާ ޤަޟާއިއްޔާ ނިޒާމެއް އޮތުމާ އެކު އެ ނިޒާމުގެ ނިންމުންތަކަކީ ސިޔާސީ ބާރަކުން ބަދަލު ނުކުރެވޭނެ އާޚިރީ ނިންމުންތަކަކަށް ވުމުގެ އުޞޫލު (Doctrine of Constitutional Review and the Entrenchment and Finality of Constitutional Review Judgments)، އަދި ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ދުސްތޫރީ ގޮތުން ކަށަވަރު ކޮށްދެވި ރައްކައުތެރި ކުރެވިފައި އޮތުމުގެ އުޞޫލު (Constitutional Protection of Fundamental Rights and Freedom)، އަދި ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކާއި ޤާނޫނު ތަންފީޛު ކުރުމުގެ ބާރުތައް ދުސްތޫރާއި ޤާނޫނަށް ފުރިހަމައަށް ތަބަޢަ ވާ ގޮތުގައި މަދަނީ ސަރުކާރުގެ އަމުރުވެރިކަމުގެ ދަށުގައި އޮތުމުގެ އުޞޫލެވެ.
ދެން އޮތީ، ޤައުމިއްޔަތުގެ ރުކުންތައް ރަސްމީ ސިފައެއްގައި އެކަށައެޅުމުގެ ސުވާލެވެ. އެކަން ކުރެވިދާނެ އެކި ގޮތްގޮތް އެބަހުއްޓެވެ.
އެއް ގޮތަކީ، "ދިވެހި ޤައުމިއްޔަތުގެ ރުކުންތަކުގެ ޤަރާރު" ފަދަ ނަމެއްގައި ޤަރާރެއް ލިޔެ އެކުލަވައިލުމެވެ. އެ ޤަރާރަށް ރަސްމީ ސިފަ ގެނައުމަށް ޓަކައި ކުލަގަދަ ޤައުމީ އިޙްތިފާލެއް ބޭއްވިދާނެއެވެ. އެ ލިޔުމުގައި، ދިވެހިރާއްޖޭގެ ކޮންމެ ރަށަކުން އިޚްތިޔާރު ކުރެވޭ އެއް މަންދޫބަކު އެ ރަށުގެ ހުރިހައި ރައްޔިތުންގެ ނަމުގައި ސޮއި ކުރުން ފަދަ ގޮތަކުން އެ ލިޔުމުގެ ޤައުމީ މުހިއްމުކަމާއި ޝަރްޢިއްޔަތު ޤާއިމު ކުރުމަކީ ވެސް ރަނގަޅު ގޮތަކަށް ވާނެއެވެ. ވޯޓު ލައިގެން ސިޔާސީ ކެންޕޭނެއްގެ ތެރެއިން އެ މަންދޫބަކު ހޮވުމަކީ ގޯހެއް ކަމަށް ވެދާނެތީ، ސިޔާސީ ނޫން މަރުޙަލާއެއްގެ ތެރެއިން އެ މަންދޫބަކު ކަނޑައެޅިދާނެއެވެ. މިސާލަކަށް، އެ ރަށެއްގައި ހުރި ދައުލަތަށް ޚިދުމަތް ކުރުމުގެ އެންމެ ފުރިހަމަ ރެކޯޑެއް އޮތް މުއައްޒަފާ އެ މަސްއޫލިއްޔަތު ޙަވާލު ކުރެވިދާނެއެވެ. ނުވަތަ އެ ރަށެއްގެ ކިޔަވާ ކުދީންގެ ތެރެއިން – ޢުމުރުން 18 އަހަރު ފުރިފައި ވާ – ވެސް މަންދޫބެއް ހޮވިދާނެއެވެ.
ދެވަނަ ގޮތަކީ، ދިވެހި ޤައުމިއްޔަތުގެ ހުރިހައި ރުކުންތަކެއްގެ ނަން ގެނެވޭ ގޮތަށް ޤާނޫނުއަސާސީއަށް ދީބާޖާއެއް (Preamble) ލުމެވެ. ދީބާޖާގައި ކޮންމެހެން އެއީ ޤައުމިއްޔަތުގެ ރުކުންތަކޭ ކިޔައި ސިފަ ކުރުމުގެ ބޭނުމެއް ނެތެވެ. އެ ކަންތައްތަކުގެ ތަފްޞީލުތައް ގެނެސް ޝަރަޙަ ކޮށްދިނުމުގެ ބޭނުމެއް ވެސް ނެތެވެ. ދުނިޔޭގެ އެހެނިހެން އެތައް ދުސްތޫރެއްގައި ވެސް ދީބާޖާ ލިޔާ މަންހަޖާ އެއްގޮތަށް، އެ ރުކުންތައް ދީބާޖާގެ އެކި ހިސާބުހިސާބުގައި ވިޔަސް ގެނެވޭ ގޮތަށް، ޢިބާރާތް ކުރުމުން ފުދޭނެއެވެ. އެއިރުން، އެ ދީބާޖާ ޝަރަޙަ ކޮށް، އޭގައި ހިމެނޭ ޤައުމިއްޔަތުގެ ރުކުންތައް ފާހަގަ ކޮށް، އެ ރުކުންތައް އެކަށައަޅާ ލަފުޒުތަކާއި ޢިބާރާތްތަކުގެ މާނަތައް ތަފްޞީލީ ގޮތެއްގައި ކިޔައިދީ ޝަރަޙަ ކޮށްދިނުން ވެގެނ
ކޮލަމް
ކޮލަމް
ކޮލަމް
ކޮލަމް