2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސައުދީ އަރަބިއްޔާއިން ވަނީ ފަސް މިލިއަން ޑޮލަރު ދީފައި ކަމަށާއި އެ ފައިސާއަށް ވީގޮތެއް އެނގުނު އެއްވެސް މީހަކު ނެތް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އެ ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ޔާމީން ވިދާޅުވި ކަމަށް އެއިރު ތިއްބެވި މަޖިލިސް މެންބަރުން ހެކިވެވަޑައިގަންނަވާނެ ކަމަށެވެ.
"އެމަނިކުފާނުގެ ދޫފުޅުން ވިދާޅުވީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސައުދީ އަރަބިއާއިން 5 މިލިއަން ޑޮލަރު އޭރުގެ މެންބަރުންގެ ކެމްޕޭނަށް ދިނޭ. އޭރު ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެކިވާނެ، މިއީ ދޮގެއް ނޫން. އެހެން ނަމަވެސް އެ 5 މިލިއަން ޑޮލަރު ވެސް، ދިވެހި ފައިސާއިން ބުނަންޏާ 77 ރުފިޔާގެ ވާހަކަ މި ދައްކަނީ" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އެ ފައިސާ ލިބިވަޑައިގެންނެވިކަން ވިދާޅުވުމުގެ އިތުރުން އެ ފައިސާއާ ގުޅޭ އެއްވެސް ކަމެއް ޔާމީން އެއްވެސް މީހަކާ ހިއްސާ ކުރައްވާފައިނުވާތީ އެ ފައިސާއާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ނެތް ކަމަށެވެ. ނަމަވެސް ހެންވޭރުކޮޅުން އިމާރާތެއް 12 ބުރިއަށް ހަދަމުންދާތީ އެކަމާ ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށް ފަލާހު ވިދާޅުވި އެވެ.
"މާލޭގައި އެވަރުގެ ބިމެއް 12 ބުރިއަށް އިމާރާތް ކުރެވޭނީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާއަށް. އެކަމަކު ލޯނަކަށް ލޯލާރިއެއް ވެސް ނުނަގާ އެފަދަ ބޮޑެތި އިމާރާތްތަކާއި ވިޔަފާރިތަކާ ތަންތާ ކުރާ ކަމަށް ވަންޏާ ރައްޔިތުން އޭރުގައި ވެރިކަން ކޮށްފައި ތިބި ވެރިންނާ ދޭތެރޭ ސުވާލު އުފައްދާނެ،" ފަލާހު ވިދާޅުވި އެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ ޔާމީންގ ވެރިކަން ކުރެއްވިއިރު އޭނާއަކީ ވެސް ޕީޕީއެމްގެ މެންބަރެއް ކަމަށާއި ނަމަވެސް ޕީޕީއެމްގެ ޕީޖީއަށް ވެސް ނޭނގޭ ކަންތައްތަކެއް ޔާމީން ކުރައްވާފައިވާކަން ފަހުން އެނގުނު ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޔާމީން ވަނީ އާންމުންގެ އަތުން ފައިސާ ނަގައިފައި ކަމަށާއި އެ ފައިސާ އަނބުރާ ދައްކާފައިވަނީ ދައުލަތުގެ ބަޖެޓުގައި ހުރި ފައިސާއިން ކަމަށް ފަލާހު ވިދާޅުވި އެވެ.
"ހައްތަހާ ވަނީ ގިނަ، ގިނަވަމުން ވަމުން ގޮސް މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީންގެ އެކައުންޓުގައި އެބަހުރި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާ ވަރަށް ފައިސާ" ފަލާހު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއަށް ލިބޭ ފައިސާ ހުންނަން ޖެހޭނީ އެ ޕާޓީއެއްގެ އެކައުންޓުގައި ކަމަށާއި ސިޔާސީ ޕާޓީތަކުގެ ބޭންކު އެކައުންޓު ތަކަކީ ހަމައެކަނި ފައިސާ ޖަމާކުރެވޭ އެކައުންޓުތަކެއް ކަމަށް ފަލާހު ވިދާޅުވި އެވެ. އެ އެކައުންޓުތަކުން ފައިސާ ނުނެގޭނެ ކަމަށާއި ޓްރާންސްފާ ނުކުރެވޭނެ ކަމަށާއި ޗެކް ފޮތެއް ވެސް ނޯންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
ސިޔާސީ ކަންކަމަށް ފައިސާ ލިބިވަޑައިގެންނެވި ކަމަށް ޔާމީން އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އެ އެ ލިބުނު ފައިސާ ހުންނަންވާނީ ޕާޓީގެ އެކައުންޓުގައި ކަމަށް ފަލާހު ވިދާޅުވި އެވެ. އެހެންކަމުން ރައީސެއްގެ އެކައުންޓެއްގައި ނުވަތަ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ އެކައުންޓުގައި މިލިއަނުން ފައިސާ ހުރުމުން ރައްޔިތުން ޝައްކުކުރާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު