ބަލި މީހުންގެ ސިއްހީ ހުރިހާ ރިކޯޑުތަކެއް އެއްތަނަކުން ފެންނަ ނިޒާމެއް ގާއިމުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެެވެ.

ހަލީލު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހަލީލު ވިދާޅުވީ ބަލި މީހުންގެ ސިއްހީ ރިކޯޑް އެއްތަނަކުން ފެންނަން ނުހުރުމަކީ ބަލި މީހުންނާއި ޑޮކްޓަރުންނަށް އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އެހެންވެ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެފަދަ ނިޒާމެއްގެ މަސައްކަތް ފުވައްމުލަކު ސިޓީއާއި ބ. އަތޮޅުގައި މިހާރު ކުރިއަށްގެންދާ ކަމަށާއި ދ. އަތޮޅާއި އެހެން ބައެއް އަތޮޅުތަކަށްވެސް އެ ހިދުމަތް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަލީލު ވިދާޅުވީ، ބަލި މީހާގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުރުމުން، ބޮޑު ބައްޔަކާ ދިމާލަށް މީހާ ދާކަމަށް ޝައްކުކުރެވޭ ނަމަ ސިސްޓަމުން އެލާޓް ކުރާނެ ކަމަށެވެ. އޭރުން އެ މީހާގެ ކަންތައްތަކުގައި ކުރިއަށް ދާންވީ ގޮތް ފަސޭހަ ކަމާއެކު ޑޮކްޓަރަށް ދެނެގަނެވޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

ހަލީލު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޕަބްލިކް ހެލްތު ސެކްޓާ ފުޅާކުރަން މާލޭ ސަރަހައްދުގައި އާބަން ޕްރައިމަރީ ކެއާ ނިޒާމެއް ގާއިމުކުރަން ބޭރުގެ އެހީ ހޯދަން ވަނީ އެދިފައެވެ. އެ ނިޒާމު ގާއިމުކުރެވިގެންދާއިރު ހޯލިސްޓިކް އެޕްރޯޗަކުން ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމު ވަރުގަދަ ކުރެވިގެން ގޮސް، ތަންކޮޅެއް ފުޅާ ދަމަނަވެއްޓެއް ގާއިމުވެގެންދާނެ ކަަމަށްވެސް ވިދާޅުވިއެވެ.