ސަރުކާރުން ތައާރަފުކުރާ ޓެކްސީ ލައިނުން ގެއްލުން ނުލިބޭނެކަމުގެ ޔަގީންކަން ދިނުމުން ޑްރައިވަރުންގެ މުޒާހަރާ ހުއްޓާލައިފިއެވެ.
ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރާނެކަން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 25 ގައެވެ. އެ ޓެކްސީ ލައިން އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން، ރައްކާތެރި މަގުތަކަކަށް ހަދަން ޓްރާސްޕޯޓު މިނިސްޓްރީން އިސްނަގައިގެން ފެށި "މާލެ ފަހި ޕްރޮގްރާމް"ގެ ދަށުންނެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ޓެކްސީ ޑްރައިވަރުން މިއަދު ވަނީ ހުޅުމާލޭގައި ހުންނަ ޓްރާސްޕޯޓް މިނިސްޓްރީ ކުރިމަތީ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާގެ ބައިވެރިން ގޮވާލަމުންދިޔައީ ސަރުކާރުން ޓެކްސީ ލައިން ތައާރަފުކުރުމުން ޓެކްސީ ޑްރައިވަރުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށެވެ. އަދި ވެހިކަލްތައް ޓޯކުރަމުންދާތީ އެކަމާ ދެކޮޅަށް ވެސް އަޑު އުފުލަމުންދިޔައެވެ.
އެ މުޒާހަރާގައި ބައިވެރިވި ޑްރައިވަރަކު މިރޭ "ވަން" އަށް މައުލޫމާތުދެމުން ބުނީ މުޒާހަރާ ހުއްޓާލީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާ ބައްދަލުކުރުމަށްފަހު، ޓެކްސީ ލައިން އިފްތިތާހުކުރިޔަސް ޑްރައިވަރުންނަށް އެކަމުގެ ގެއްލުން ނުލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވުމުން ކަމަށެވެ.
"މިނިސްޓަރާ ބައްދަލުކުރުމުން ދިން ޔަގީންކަމަކީ އަޅުގަނޑުމެން ދިރިއުޅުމަށް މި ކުރާ މަސައްކަތަށް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން. އަދި ސަރުކާރުގެ ޓެކްސީ ހިދުމަތް ފެށުމުގެ ކުރިން މަޝްވަރާކޮށް، ދިރާސާއެއް ހައްދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި. އެހެންވެ، އެ ޔަގީންކަން ދިނުމުން އަޅުގަނޑުމެން މި މުޒާހަރާ މި ހުއްޓާލީ،" އޭނާ ބުންޏެވެ.
"މާލެ ފަހި ޕްރޮގްރާމް" އިއުލާންކުރުމަށް މިދިޔަ މަހު އާންމުކުރި ޕްރެޒެންޓޭޝަންގައި ބުނެފައިވަނީ، މާލެ ސަރަހައްދުގައި ސަލާމަތީ ގޮތުން ރައްކާތެރި އިތުބާރު ހިފޭ ޓެކްސީ ލައިނެއް ގާއިމުކުރުމަކީ އެ ޕްރޮގްރާމްގައި ކުރާނެ ކަމެކެވެ.
"...މި ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ހުޅުވާލައިގެން ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ..،" އެ ޕްރެޒެންޓޭޝަންގައި ބުންޏެވެ.
ޓެކްސީ ލައިނެއް ތައާރަފު ކުރުމުން ޑްރައިވަރުންނާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ބޮޑަށް ކަށަވަރުވެގެންދާނެ ކަމަށްވެސް އެ ޕްރެޒެންޓޭޝަންގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު